“ނޯ ޕްލާސްޓިކް މޯލްޑިވްސް”ގެ ހިންގާ ކޮމިޓީ އިންތިޚާބު ކޮށްފި
ދިވެހިރާއްޖޭގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކޮށް، ޕްލާސްޓިކުން ކުރާ ނޭދެވޭ އަސަރުތަކާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައި އުފައްދާފައިވާ "ނޯ-ޕްލާސްޓިކް މޯލްޑިވްސް" ޖަމްއިއްޔާގެ ހިންގާ ކޮމެޓީ އިންތިހާބުކޮށްފިއެވެ.
ޖަމްއިއްޔާތަކުގެ ގާނޫނުގެ ދަށުން، ނޯ-ޕްލާސްޓިކް މޯލްޑިވްސްގެ ހިންގާ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުގެ މަތިން މި ޖަމްއިއްޔާގެ ހިންގާ ކޮމެޓީ އިންތިހާބު ކޮށްފައިވަނީ ރޭ ބޭއްވި އިންތިހާބީ ޖަލްސާގައެވެ. މި ޖަލްސާ ބާއްވާފައިވަނީ އެޗްޕީއޭގެ މިންގަނޑުތަކަށް ތަބާވުމުގެ ގޮތުން ވާޗުއަލްކޮށެވެ.
ޖަލްސާގެ ކުރިން ޖަމްއިއްޔާގެ ހިންގާ ކޮމެޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާނެ ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ. އަދި ހުޅުވާލެވުނު ފުރުސަތުގައި ސެކްރެޓަރީގެ މަގާމު ފިޔަވައި އެހެން މަގާމުތަކަށް ކުރިމަތިލާފައިވަނީ އެންމެ މީހެއްކަމުން، ޖަމްއިއްޔާގެ ހިންގާ ގަވާއިދުގެ ދަށުން މި ޖަލްސާގައި ވޯޓު ނަގާފައިވަނީ ހަމައެކަނި ސެކްރެޓަރީގެ މަގާމަށް ކަމަށް ވެސް އެ ޖަމްްއިއްޔާއިން މައުލޫމާތު ދެއެވެ.
ތިރީގައި މިވަނީ ނޯ-ޕްލާސްޓިކް މޯލްޑިވްސްގެ ހިންގާ ކޮމެޓީގައި ތިއްބަވާނެ ފަރާތްތަކެވެ. މިފަރާތްތައް މި މަގާމުތަކަށް އިންތިހާބު ކޮށްފައިވަނީ ދެއަހަރުގެ މުއްދަތަކަށެވެ.
ރައީސް: އަހުމަދު ނުއުމާން
ނައިބު ރައީސް: ޝަމްޢާން ޝާކިރު
ސެކްރެޓަރީ: ހަނާން ސައީދު
ޚަޒާންދާރު: ނުޒްހާ ނާޝިދު
ބޯޑް މެންބަރުން: އެޒްގީ ކްރިސްޓެލް މެންޓޭސް، މުހައްމަދު އަދުނާން
“ނޯ ޕްލާސްޓިކް މޯލްޑިވްސް” އިން ބުނީ އެ ޖަމިއްޔާގެ އުއްމީދަކީ އިންތިހާބުވި އާ ބޯޑާ އެކު، ޖަމްއިއްޔާގެ ހަރަކާތްތައް އިތުރަށް ފުޅާވެ ކުރިއަރައިގެން ދިއުން ކަމަށެވެ. އެގޮތުން ސަރުކާރުން އިއުލާންކޮށްފައިވާ ޕްލާސްޓިކް ފޭސްއައުޓް ކެމްޕެއިންނާ ގުޅިގެން އާންމުން ހޭލުންތެރިކުރުވުމާއި އެދާއިރާގެ އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
މިޖަމުއިއްޔާއިން ކުރިއަށްގެންދާ ހަރަކާތްތަކާއި އަދި މަޝްރޫއުތަކުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައިވާއިރު ޖަމުއިއްޔާގެ މީސްމީޑިއާގެ މަންސަތަކުގައި ހަރަކާތްތަކާއި އަދި އިތުރު ތަފްސީލް ހާމަކުރަމުން ގެންދާނެ ކަމަަށް އެ ޖަމްއިއްޔާ އިން ބުނެއެވެ.