ލައިފްސްޓައިލް

ދަތްތައް މާ ރީނދުލީތަ؟ ހުދުކޮށްލުމަށް މިކަންކަން ކޮށްލާ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ހިނިތުންވެލުމާއެކު ރީތި ސާފު ދަތްޕިލަ އެއް ފެނުމަކީ ހަމަ ކޮންމެ މީހަކު ވެސް އެދޭނެ ކަމެކެވެ. ހިނިތުންވުން ފުރިހަމަ ވާ އެއްކަމަކީ ސާފު ހުދު ދަތްޕިލައެއް ކަމަށްވީއިރު އަނގައިގެ ސިއްޙަތަށްޓަކައި ދަތްތައް ސާފުކޮށް ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ.

Ads by MWSC

ދަތްޕިލަ ހަޑިކޮށް ރީނދޫ ކުލައިގައި ހުރުމަކީ އެތައް ބަޔަކަށް ފާހަގަވާނެ ކަމެކެވެ. ރީނދޫ ކުލައިގައި ހުރުމަކީ ސިއްހީ މައްސަލައެއްގެ ސަބަބުން ވާކަމެއް ނޫނެވެ. އެއީ ދަތްތައް ގަވައިދުން ސާފު ނުކުރެވޭތީ މެދުވެރިވާ ކަމެކެވެ. ނަމަވެސް ރީނދޫ ދަތްތަކެއް ސާފު ކޮށްލަން ގޭގައި ވެސް ކުރެވޭނެ ވެސް ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ.

ދަތްތައް ހަޑިވާން އާއްމުގޮތެއްގައި މެދުވެރިވާ ސަބަބަކީ އަހަރެމެންގެ އާއްމު ދިރިއުޅުމުގައި ކުރެވޭ ބައެއް އަމަލުތަކުގެ ސަބަބުންނެވެ. މިސާލަކަށް ބުނާނަމަ، ގިނައިން ސިނގެރޭޓު ބުއިމާއި ދުންފަތް ލައިގެން ދުފުމާއި އަދި، ބަނގުރަލުގެ ބާވަތްތައް ބޭނުން ކުރުން ހިމެނެއެވެ . މީގެ އިތުރުން ޗޮކްލެޓާއި އެނާޖީ އަދި ފިޒީ ޑްރިންކް ތައް ގިނައިން ބުއިމުން ވެސް ދަތްތައް ހަޑިވާން މެދުވެރިވެއެވެ. ގަވައިދުން ދަތްތައް ސާފު ނުކުރަންޏާ ވެސް ދަތްތައް ރީނދޫވެއެވެ.

ބޭކިން ސޮޑާއަކީ ވަރަށް ގިނަ ކަންކަމުގައި ބޭނުންކުރާ އެއްޗެކެވެ. މިގޮތުން ދަތްތައް ރީނދޫވާނަމަ ސާފުކުރުމަށް ނުވަތަ ހުދު ކުރުމަށް 1 މޭޒުމަތީ ސަމުސާ ބޭކިންގް ސޮޑާ ތެރެއަށް 2 މޭޒުމަތީ ސަމުސާ ހައިޓްރޮޖެން ޕެރޮކްސް ސައިޑް އެޅުމަށްފަހު ޕޭސްޓެއް ހަދާށެވެ. އަދި އެ ޕޭސްޓް ކޮޅު ދަތްއުނގުޅާ ބުރުހުގައި ހޭކުމަށް ފަހު ދެތިން މިނެޓް ވަންދެން ރަނގަޅަށް ދަތް އުނގުޅާށެވެ. މިގޮތަށް ގަވައިދުން ކަންތައް ކުރުމުން ދެތިން ހަފްތާ ތެރޭގައި ދަތްތަކުން ރީނދޫ ކުލަ މަޑުވެ ދަތްތައް ހުދުވާން ފަށާނެއެވެ.

ޗާކޯލް އަކީ މޫނުމަތީގައި ހުންނަ ބިއްސާއި އެކިކަހަލަ ލަކުނުތައް ފިލުވުމުގެ އިތުރުން ހުދު ދަތްޕިލައެއް ހޯދުމަށް ވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ. އެގޮތުން، ކޮންމެ ދުވަހަކު ޗާކޯލް ބޭނުންކޮށްގެން ދެތިން މިނެޓް ވަންދެން ދަތް އުނގުޅާށެވެ. މީގެ ސަބަބުން ދަތްތައް ސާފުވެ، ދަތްތަކުގައި ހުންނަ ޖަރާސީމްތައް މެރުމަށް އެހީތެރިވެއެވެ. ޗާކޯލްގެ އިތުރުން، ފެން ގިނަ މޭވާ ގިނައިން ކެއުމުން ވެސް ދަތްތައް ސާފުވުމަށް އެހީތެރިވެދެއެވެ. އެގޮތުން އޮރެންޖު ،ކަރާ އަދި މޭބިސްކަދުރު ފަދަ މޭވާތައް ގިނައިން ކެއުމަށް އާދަކުރާށެވެ.

ތަރުކާރީގެ ބާވަތެއް ކަމަށްވާ ކެރެޓަކީވެސް، ދަތްތަކުގައި ހުންނަ ޖަރާސީމް މަރައި، ދަތްތައް ސާފުކޮށްދިނުމަށް އެހީތެރިވާ ތަރުކާރީއެކެވެ. މީގެ އިތުރުން ކާށި ތެޔޮއިން ދަތް އުނގުޅުމުންވެސް ދަތްތައް ރީނދޫވުމުން ދުރުކޮށްދެއެވެ. ބައެއް މޭވާ ތޮށީގެ ތެރެއިން އާފަލް ތޮއްޓާއި ލުބޯ ތޮއްޓާއި އޮރެންޖު ތޮއްޓާއި އަދި ދޮންކެޔޮ ތޮއްޓަކީ ދަތްތައް ސާފުކޮށް ހުދުކޮށް ބެހެއްޓުމަށް އެހީތެރިވާ އެއްޗިއްސެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!