ޝިފާއު: ބޭނުންވަނީ މުޖުތަމައު ބަަލައިގަންނަ ފަދަ ލަވަކިޔުންތެެރިއަކަށް ވާން
ފޭސްބުކުން ދާދި އެހަކަށް ދުވަހަކު އަޅުގަނޑުގެ އެކުވެރިއަކު ހިއްސާކޮށްފައިވާ ލަވައެއް އަޅުގަނޑު ބަލާލީމެވެ. އެ ލަވައިގެ ނަމަކީ "މަންމަ" އެވެ. މަންމަގެ އޯގާތެރިކަމުގެ ވާހަކަ އާއި މަންމަ އަޅުގަނޑުމެން ދެކެ ވާ ލޯބި ވަރަށްވެސް ރަނގަޅަށް ކިޔައިދީފައިވާ އެ ލަވަ ވަރަށް ވެސް ހިތްގައިމެވެ. އެހާމެ މާނަ ފުނެވެ.
ޅެން ރީތިވި ކަމުގައި ވިޔަސް ލަވަ ރީތި ނުވާ ސަބަބުތަކެއް ހުރެދާނެއެވެ. އެގޮތުން ލަވަ ކިޔާފައިވާ ގޮތަކީ ވެސް ލަވަ ރީތި ވުމުގައި ވަރަށް ބޮޑު ދައުރެއް އަދާ ކުރާ ކަމެކެވެ. މި ލަވަ ކިޔާފައިވާ އަޑަކީ އާންމުކޮށް އިވޭ އަޑެއް ނޫނެވެ. ދިވެހި ލަވަކިޔުމުގެ ދާއިރާގައި މަޝްހޫރު އަޑެއް ނޫނެވެ. ނަމަވެސް ލަވަ ކިޔާފައި ވަނީ ވަރަށް ވެސް ފުރިހަމަ ކޮށެވެ. ލަވައިގެ ކޮންމެ ލަފްޒެއް ކިޔާފައި ވަނީ އަޑުއަހާ މީހެއްގެ ހިތުގެ އެންމެ ފުނަށް ވެސް އަސަރު ކުރުވާ ގޮތަށެވެ. ކޮންމެއަކަސް މި ޖާދުވީ އަޑުގެ ވެރިއަކީ ކޮން ލަވަކިޔުންތެރިއެއްތޯ ބަލާލުމުގެ ޝައުގު ހިތުގައި އުފެދިއްޖެއެވެ.
ވަރަށް ބަލައި ހޯދިއްޖެއެވެ. ހޯދި ހޯދުމުން މި ލަވަކިޔުންތެރިޔާގެ އިތުރު އެހެން ލަވަތަކެއްވެސް އަޑު އިވިއްޖެއެވެ. ސައުންޑްކްލައުޑް އަދި ލަވަފޮށީގައި ވެސް އޭނާގެ ލަވަތައް އޭނާ ހިއްސާ ކޮށްފައި ވެއެވެ. އެތައް ލަވައެއްގެ ކަވަރސް ހަދައިފައި އެބަހުއްޓެވެ. އެ ލަވަ ކިޔުންތެރިއަކީ ރ. އަލިފުއްޓަށް އުފަން މުހައްމަދު ޝިފާއު އެވެ.
އުމުރުން 21 އަހަރު މިއަދު ފުރޭ ޝިފާއުގެ އަޑަކީ ރ އަތޮޅަށް އައު އަޑެއް ނޫނެވެ. ރ އަލިފުށީގެ އެތައް ބައެއްގެ "ފޭވަރިޓް" އަޑަކީވެސް ޝިފާއުގެ އަޑެވެ. ދެން އެމްވީ އާ ވާހަކަ ދައްކަމުން ޝިފާއު ބުނީ އޭނާ އެންމެ ކުޑައިރުސުރެވެސް ކިޔައި އުޅުނީ މަދަހަ ކަމުގައެވެ. އެންމެ ފުރަތަމަ މަދަހަ މުބާރާތަށް ސްޓޭޖަށް އެރުމަށް ވަރަށް ބިރުން އުޅުނު ކަމަށް ޝިފާއު ބުންޏެވެ. ކުޑައިރުގެ ހަނދާންތައް ހިއްސާ ކުރަމުން ޝިފާއު ބުނީ އެންމެ ފުރަތަމަ މުބާރާތުގައި ބައިވެރިވީ އުމުރުން ގާތްގަނޑަކަށް 12 އަހަރުގައި ކަމަށެވެ. އަދި އެ މުބާރާތުންވެސް މުޅި މުބާރާތުން އޭނާއަށް 2 ވަނަ ލިބުނުކަމުގައި އޭނާ ފާހަގަ ކުރިއެވެ.
ޖެހިގެން އައި ހުރިހާ އަހަރަކު ވެސް ޝިފާއު ދިޔައީ ރަށުގެ މަދަހަ މުބާރާތްތަކުގައި ބައިވެރިވަމުންނެވެ. އަދި ކޮންމެ މުބާރާތެއްގައި ވެސް އޭނާ ދިޔައީ ރަން ވަނަ ތަކެއް ހޯދަމުންނެވެ. ރަށު ފެންވަރުގެ މުބާރާތްތަކުގައި އެކަންޏެއް ނޫނެވެ. އަތޮޅު މުބާރާތްތަކުގައި ވެސް އޭނާ ދިޔައީ ރަންވަނަ ތައް ހާސިލު ކުރަމުންނެވެ. އޭނާއާ ވާދަ ކުރުމަށް އެހެން ބައިވެރިން ޖެހިލުންވާ ފަހަރު ވެސް އާދެއެވެ.
މަދަހަ މުބާރާތްތަކުގައި އެކަންޏެއް ނޫނެވެ. ޤުރުއާން މުބާރާތްތަކުގައި ވެސް ޝިފާއު ދިޔައީ މުޅި ރަށުގައި އަދި އަތޮޅުގައި ވެސް އެންމެ އުހުގައި ފިޔަ ޖަހަމުންނެވެ.
އެދުވަސްވަރު އަލިފުށީގައި ލަވަކިޔުމުގެ މުބާރާތެއް ނޯއްނަ ކަމަށް ޝިފާއު ފާހަގަ ކުރިއެވެ. ނަމަވެސް ޝިފާއު އަބަދުވެސް ގޭތެރޭގައި އުޅޭއިރު ލަވަ ކިޔައިހަދާ ކަމަށް އޭނާ ބުންޏެވެ. ފެންވަރަން ފާހާނާއަށް ވަދެ ލަވަކިޔައި ވާހަކަ އޭނާ ހިއްސާ ކުރީ ހިނިގަނޑެއް ޖަހާލަމުންނެވެ. އޭނާ ބުނީ އެދުވަސްވަރު އޭނާ އަކީ "ބާތުރޫމް ސިންގަރ" އެއް ކަމުގައެވެ.
މޯލްޑިވިއަން އައިޑަލް އަކީ ހުނަރުވެރި ދިވެހި ޒުވާން އެތައް ލަވަކިޔުންތެރިންނެއް ފެނިގެންދިޔަ މުބާރާތެކެވެ. އެންމެ ފުރަތަމަ މޯލްޑިވިއަން އައިޑަލް ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލި އަހަރަކީ ޝިފާއު ގްރޭޑް 10ގައި ތައުލީމް ހާސިލުކުރި އަހަރެވެ. މޯލްޑިވިއަން އައިޑަލް ގެ އޮޑިޝަން އަށް ދިއުމަށް އޭނާ ވަރަށް ބޮޑަށް ވެސް ބޭނުންވިއެވެ. ނަމަވެސް އޭނާގެ ބައްޕަ އެކަމާ ދެކޮޅު ހެދީ އެ އަހަރަކީ އޭނާގެ ގްރޭޑް 10ގެ އަހަރު ކަމުގައި ވާތީއެވެ. ވާނީވެސް އެހެންނެވެ. ކޮންމެ މަޔަކާއި ބަފަޔަކު ވެސް އޭނާގެ ދަރިންނަށް ރަނގަޅު ތައުލީމެއް ދިނުމަށް އެދޭނެއެވެ.
އެހެން ކަމުން މޯލްޑިވިއަން އައިޑަލް ސީޒަން 1 އަށް ޝިފާއު އަށް ދެވޭ ގޮތެއް ނުވިއެވެ. އެކަމަކާ ޝިފާއު މާބޮޑަށް މާޔޫސް ނުވާ ކަމަށް ޝިފާއު ބުންޏެވެ. ޖެހިގެން އައި އަހަރު މޯލްޑިވިއަން އައިޑަލްގެ ސީޒަން 2 ގެ އޮޑިޝަނަށް ދިއުމަށް އޭނާ އަތުކުރި އޮޅާލިއެވެ. ނަމަވެސް މި ފަހަރު އޭނާ ނުގޮސް މަޑުކުރީ އޭނާގެ ލޯބިވާ ދައްތަ އަށް ޓަކައެވެ.
މޯލްޑިވިއަން އައިޑަލް ސީޒަން 2ގެ 11 ވަނަ ޝަޒާ އަކީ ޝިފާއުގެ އެއްބަނޑު އެއްބަފާ ދައްތައެވެ. ދައްތަ ބައިވެރިވާކަން އެނގުމުން ޝިފާއު އެމުބާރާތުގައި ބައިވެރި ނުވީ ލޯބިވާ ދައްތަ އަށް ކުރިއަށް ދިއުމަށް ފުރުސަތު ދިނުމަށެވެ. ލޯބިވާ ދައްތައަށް ކާމިޔާބަށް އެދޭތީއެވެ. ހަމަ ޔަގީނުންވެސް ޝިފާއު އެކަމާ މާޔޫސް ވާކަށް ނުޖެހުނެވެ. އޭނާ ފަޚުރުވެރިވާ ހިސާބަކަށް އޭނާގެ ދައްތަ އެ މުބާރާތުގައި ދަތުރު ކުރިއެވެ.
ދެން އެމްވީ އާ ވާހަކަ ދައްކަމުން ޝަޒާ ބުނީ ކޮއްކޮ އެގޮތަށް ލަވަކިޔުމުގެ ދާއިރާއިން ކުރިއަށް ދިއުމަށް މަސައްކަތް ކުރަމުން ދާތީ ވަރަށް އުފާވާ ކަމަށެވެ. އަމިއްލަ މަސައްކަތުން އަމިއްލަ ލަވަ ރިކޯޑް ކޮށް ހިއްސާ ކުރަމުންދާތީ ނުހަނު ފަޚުރުވެރިވާ ކަމަށެވެ. އެންމެ ކުޑައިރުއްސުރެވެސް ޝިފާއު އަކީ މި ދާއިރާއިން ކުރިއެރޭނެ ކުއްޖެއްކަން އޭނާއަށް އެނގޭ ކަމުގައި ޝަޒާ ފާހަގަ ކުރިއެވެ.
މީހަކު ލަވަކިޔުމާ ބެހޭގޮތުން ސުވާލު ކޮށްފިނަމަ ވެސް ތިމަންނާގެ ކޮއްކޮ ވަރަށް ރީއްޗަށް ލަވަ ކިޔާނޭ ފަޚުރުވެރިކަމާއެކު ބުނާނެ ކަމަށް ޝަޒާ ބުންޏެވެ. ޝަޒާގެ އުއްމީދަކީ މި ދާއިރާއިން ޝިފާއުއަށް ދެވޭ އެންމެ އުހަކަށް ދިއުމެވެ. ދިވެހި މުޖުތަމައު ބަލައިގަންނާނެ ފަދަ ލަވަކިޔުންތެރިއަކަށް ޝިފާއު ވުމަކީ އޭނާ ދެކޭ ހުވަފެނެކެވެ. ޝިފާއު އަކީ ކުރާ ކޮންމެ ކަމެއްވެސް ވަރަށް ފަރުވާތެރިކަމާއެކު ކުރާ ކުއްޖެއްކަމަށް ޝަޒާ ފާހަގަކުރިއެވެ.
މީގެ ކުރިން ޕޯސްޓު އޮފީހުގައި ވަޒީފާ އަދާ ކޮށްފައިވާ ޝިފާއު ބުނީ އޭނާ އެންމެ ފުރަތަމަ ލަވަކިޔަން ފެށީ މާލެ އައިސް ޕޯސްޓުގައި ވަޒީފާގައި އުޅެމުން ކަމަށެވެ. އެގޮތުން އެކުގައި އުޅޭ ގިޓާ ކުޅޭ ރައްޓެއްސަކާ ދެމީހުން ވެގެން ފޭސްބުކުގައި ޕޭޖެއް ހެދިކަމަށް އޭނާ ބުންޏެވެ. އަދި އެ ޕޭޖަށް އެކި ލަވަތަކުގެ ކަވާރޒް އަޕްލޯޑް ކުރިކަމުގައި ޝިފާއު ކިޔައިދިނެވެ.
ފުރަތަމަ އެކަން ފެށި އިރު މާ ބޮޑު ތަރުހީބެއް ލިބޭނެ ކަމަކަށް ޝިފާއު ހިޔެއް ނުކުރެއެވެ. ނަމަވެސް އޭނާގެ ލަވަތަކަށް ގިނަބައެއްގެ ތަރުހީބު ލިބެން ފެށުމުން އިތުރަށް ކުރިއަށް ދިއުމަށް އޭނާއަށް ހިތްވަރު ލިބިގެން ދިޔައެވެ. އަދި އިތުރު ލަވަތަކެއް ކިޔުމަށް ފަހު ޕޭޖަށް އަޕްލޯޑް ކުރަމުން ދިޔައެވެ.
މި ދާއިރާގައި މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ފުރުސަތަކީ ބަރިސްޓާގައި މަޝްހޫރު ލަވަކިޔުންތެރިންތަކަކާ އެކު ގިގެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުން ކަމުގައި އޭނާ ބުންޏެވެ. އަދި އެ ފުރުސަތު އޭނާ އަށް ހޯދައިދިނީ މޯލްޑިވިއަން އައިޑަލް އިން ވިދާލި ލަވަކިޔުންތެރިޔާ ޝަމްވީލް (ބަރޯ) ކަމަށެވެ. އަދި އެކަމަށް ޓަކައި ޝަމްވީލްއަށް ޝިފާއު ވަނީ ޝުކުރު އަދާ ކޮށްފައެވެ.
ނަމަވެސް ޝިފާއުގެ އަޑު ގިނަ ބަޔަކަށް އިވިގެން ދިޔަ ހިސާބަކީ މިއީ އެއް ނޫނެވެ. ފާއިތުވެދިޔަ ފުރަބަންދުގެ ތެރޭގައި ޝިފާއު ހިއްސާ ކުރި "މަންމަ" ލަވަ ވީ ޝިފާއުގެ އަޑުގެ ޖާދޫގައި ގިނަ ބަޔަކު ޖެހިގެން ދިޔަ ލަވަ އަށެވެ. އާއެކެވެ. ޝިފާއުގެ މި ލަވަ އަޑު އިވި ވަރަށް ގިނަ ބައެއްގެ ހިތަށް އަސަރު ކުރުވައިފިއެވެ. އެންމެން ރޮއްވާލައިފިއެވެ.
ޝިފާއު ބުނީ އޭނާގެ އުއްމީދަކީ ލަވަ ކިޔުމުގެ ދާއިރާއިން ދެވޭ އެންމެ އުހަކަށް ދިއުން ކަމުގައެވެ. އަދި ހަމަ އެހެންމެ މުޖުތަމައު ބަލައިގަންނަ ފަދަ ލަވަކިޔުންތެރިއަކަށް ވުމަކީ ވެސް އޭނާ ދެކޭ ހުވަފެނެއް ކަމުގައި ވެސް އޭނާ ފާހަގަ ކުރިއެވެ. އޭނާގެ ލަވަ ތަކަކީ ގިނަބަޔަކު އަޑު އަހާ ހިތްވާ ފަދަ ލަވަ ތަކަކަށް ވުމަކީ ޝިފާއުގެ އުއްމީދެވެ.
މިއަދަކީ ޝިފާއުގެ 21 ވަނަ އުފަން ދުވަހެވެ. ދެން އެމްވީގެ ފަރާތުން ޝިފާއު އަށް އުފާވެރި އުފަން ދުވަހަކަށް އެދެމެވެ. އަދި އަދަށް ވުރެ ފަހި މާދަމާ އަކަށް އެދެމެވެ.