ރާއްޖެ އިސްތިހާރުކުރި ސެލްޓަ-ބާސާ މެޗު 50 މިލިއަން މީހުން ބަލައިފި
ކޮވިޑަށް ފަހު ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުން އިޝްތިހާރުކުރި ސްޕެނިޝް ލަލީގާގެ ބާސެލޯނާއާއި ސެލްޓަވީގޯ ބައްދަލުކުރި މެޗު 50 މިލިއަން މީހުން ބެލި ކަމަށް އަންދާޒާކުރެވޭކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން ބުނީ ސެލްޓަވީގޯގެ ބަލައިޑޮސް ސްޓޭޑިއަމްގައި ކުޅުނު މެޗު އެތައް މިލިއަން ބަޔަކު ބަލާފައިވާއިރު، ޖުލައި 15ގައި ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުން އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް މިމެޗުގެ ތެރެއިން ކުރިއަށްގެންދިޔަކަމަށެވެ.
ރޭގެ މެޗު ސެލްޓާއިން ފެށީ ކޮންމެ ލަ ލީގާ މެޗެއް ފެށުމުގެ ކުރިން ދަނޑުގެ ސެންޓަ ސާކަލްގައި އެ މެޗެއްގެ ކުރިން އޮންނަ އެޑްވަޓައިޒްމަންޓުގެ ފުރުސަތަކާ އެކު ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން ސެންޓަ ސާކަލްގައި ވިސިޓް މޯލްޑިވްސް ރަމްޒު ކޮށްދޭ ފޮތިގަނޑެއް ދައްކާލުމަށްފަހު އެވެ.
މެޗަށްފަހު ވެސް ސެލްޓާގެ ކުޅުންތެރިން ބޭނުންކޮށްގެން ރާއްޖޭއަށް އަނެއްކާ ވެސް އަވިގަދަ އިރަކަށް އަލިވިލޭނެ ކަމަށް ބުނެ ވަނީ މެސެޖުތަކެއް ދީފައެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗު 2-2 ގެ ނަތީޖާއަކުން ނިމުނު އިރު ސެލްޓާއަށް ރެލިގޭޝަން ޒޯނުން ސަލާމަތްކަން ލިބި ހަމަޖެހިލެވުނު އިރު ބާސެލޯނާއަށް ވަނީ ހާސްކަން އިތުރު ވެފަ އެވެ.
އެގޮތުން ބާސެލޯނާ މިވަގުތު 32 މެޗުން ލިބުނު 69 ޕޮއިންޓާ އެކު އެއްވަނައިގައި އޮތް އިރު ރެއާލް މެޑްރިޑް ދެވަނައިގައި އެއް މެޗު މަދުން ކުޅެގެން އޮތީ 68 ޕޮއިންޓާ އެކު އެވެ. އެހެން ކަމުން މާދަމާ ރޭ އެސްޕަންޔޯލް އަތުން ރެއާލް މޮޅުވެއްޖެ ނަމަ ބާސެލޯނާ ދެވަނައަށް ވެއްޓޭނެ އެވެ.