ޚަބަރު

އުތެމަ އިން ނެރުނު ރިޕޯޓު ތަހުގީގު ކޮށް ފިޔަވަޅު އެޅުމަށް ސަލަފް އިން ގޮވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

އުތަމަ ޖަމިއްޔާއިން ނެރުނު ރިޕޯޓެއްގައި އިސްލާމް ދީނާ ހިލާފު ބައެއް ވާހަކަތައް ހިމަނާފައިވާ ކަމަށް ފާހަގަ ކުރެވިފައިވާތީ އެ ރިޕޯޓްގެ މައްސަލަ ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ސަލަފް ޖަމިއްޔާއިން ގޮވާލައިފި އެވެ.

Ads by MWSC

ސަލަފް ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ވަނީ، އުތެމަ އިން އދ. ގެ ސީޑޯ ކޮމިޓީއަށް ހުށަހަޅާފައިވާ ރިޕޯޓެއްގައި އިސްލާމް ދީނުގެ އަސާސްތަކަށް ފާޑު ކިޔާފައިވާ ކަމަށާއި އިސްލާމް ދީނުގެ ސައްހަ މައުލޫމާތު އޮޅޭ ބައެއް ވާހަކަތައް ހިމަނާފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން "ޕްރިމިލިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ނެރެފައިވާ ރިޕޯޓުގައި ހިމެނޭ އިސްލާމް ދީނާ ހިލާފު ބައެއް ވާހަކަތަކަށް ވެސް އުތެމަ ރިޕޯޓުގައި ތާއީދު ކޮށްފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ސަލަފްގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިފަދަ ރިޕޯޓްތައް ނެރެމުންދާ ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅި ހައްގު އަދަބު ނުދެވޭނަމަ މިފަދަ އަމަލުތައް މުޖުތަމައުގައި ތަކުރާރުވެ ދިވެހިންގެ ދީނީ އެއްބައިވަންތަ ކަމަށް އަސަރުކޮށް ފަސާދަ އިތުރުވެގެން ދާނެ ކަމަށް ސަލަފް އިން ބުންޏެވެ.

އެހެންކަމުން، އެމްޑީއެންގެ ރިޕޯޓް ލިޔުނު ފަރާތްތަކަށް ފިޔަވަޅު އެޅުމަށާއި އުތެމަ ރިޕޯޓް ތަހުގީގުކޮށް އެ ކަމުގައި ބައިވެރިވި ފަރާތްތަކަށް ޝަރުއީ ގޮތުންނާއި ގާނޫނީ ގޮތުން ދޭން ޖެހޭ ހައްގު އަދަބެއް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލާ ކަމަށް ސަލަފްގެ ބަޔާނުގައި ބުނެފައިވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!