ޚަބަރު

ރޭޕު މައްސަލައިގެ ހަގީގަތް ފުލުހުން ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ: އުޝާމް

ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކު ރޭޕުކުރި މައްސަލާގައި ކަން ހިނގާފައިވާ ގޮތް ފުލުހުން ހާމަކުރަން ޖެހޭ ކަމުގައި މަޖިލިހުގެ ވިލިމާލޭ ދާއިރާ މެމްބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ އެ ސަފާރީ އިން 39 އަހަރުގެ ދެ ދިވެހިން ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެ މައްސަލާގައި ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން، އެ ދެމީހުން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

ސަފާރީގައި ރޭޕް ކުރި ކުއްޖާގެ ވާހަކަ ގެނެސްދީފައިވާ ލިޔުމެއް ޓްވިޓާގައި ހިއްސާކުރައްވަމުން އުޝާމް ވިދާޅުވީ ފުލުހުންގެ މައްޗަށް މިހާބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު މިކަން ހިނގި ގޮތް ރައްޔިތުންނަށް ހާމަކޮށްދެއްވަންވާނެ ކަމަށެވެ.

"ކިތަންމެ ބާރުގަދަ ފަރާތެއް ނަމަވެސް، މައްސަލަބަލައި ހައްގު އަދަބު ލިބެންވާނެ." އުޝާމް ވިދާޅުވިއެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލާފައިވާއިރު އެ މައްސަލާގައި ތުހުމަތު ކުރެވެނީ މަޖިލިސް މެމްބަރެއްގެ ފިރިކަލުންނަށް ކަމަށް މީސް މީޑިއާގައި ބައެއް މީހުން އަންނަނީ ބުނަމުންނެވެ.

މިމައްސަލާގައި ތުހުމަތުވާ މީހުންގެ މައުލޫމާތު ހާމަކުރުމަށް ޕޮލިސް މީޑިއާގައި އެދުމުން ވެސް އެކަން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުންގެ އޮފިޝަލަކާ ހަވާލާދީ "ވޮއިސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކުށުގެވެށިން ގެންދެވިފައިވަނީ ސަރުކާރުގެ އިސްފަރާތެއްގެ ފިރިކަލުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!