ދަގަނޑޭ އާއި އަކޫ އަކީ ޓެރަރިސްޓުން ގޮތުގައި ސިފަ ކުރި މީހާއަށް ފިޔަވަޅު އަޅާނަން: އެފްއޭއެމް
ރާއްޖޭގެ ގައުމީ ދެ ކެޕްޓަނުން ކަމަށްވާ އަކްރަމް އަބްދުލްޣަނީ އަދި އަލީ އަޝްފާޤް(ދަގަނޑޭ) އަކީ ޓެރަރިސްޓުން ކަމަށް ސިފަ ކުރި މީހާއަށް ފިޔަވަޅު އަޅާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
އެފްއޭއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިންނަކީ ސީރިޔާއަށް ޖިހާދަށް ދާން ތައްޔާރުވެފައިވާ ބައެއް ކަމަށާއި ޓީމު ބަލިވެއްޖެނަމަ ދަނޑުވެސް ގޮއްވާލާނެ ކަމަށް ބުނެ އިއްޔެ ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ހަގީގަތެއް ނެތް ވާހަކަތައް އެ އެސޯސިއޭޝަނުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ދިވެހިރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިންނަކީ އެ އެސޯސިއޭޝަނާއި ފުޓްބޯޅައިގެ އެންމެ އިސް އިދާރާކަމަށް ވާ ފީފާގެ ގަވައިދުތަކަށް ފުރިހަމައަށް ތަބާވެ އަމަލު ކުރަމުންދާ ކުޅުންތެރިން ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނުތަކަށް ބޯލަނބާ އިސްލާމްދީނުގެ ހަމަތައް ހިފެހެއްޓުމުގައި ވެސް ނަމޫނާ ދައްކާ ކުޅުންތެރިން ކަމަށެވެ.
މީގެ އިތުރުން އެ ކުޅުންތެރިންނަކީ ހަނގުރާމަ ކުރުމާއި އިންސާނީ ކަރާމާތް ހިފެހެއްޓުމާއި ނަސްލީ ތަފާތު ކުރުމާއި އިންސާނީ ވަގުފާރިކުރުން ފަދަ ކުޅިވަރުގެ އަގު މާތްވި އުސޫލްތަކާއި ހިލާފްވާ އެންމެހާ ކަންކަމާއި ދުރުހެލި ބައެއްކަން އެ އެސޯސިއޭޝަނުން ޔަގީން ކޮށްދޭ ކަމަށް ވެސް ބުނެފައިވެއެވެ.
މި ބަޔާނުގައި އެފްއޭއެމުން ބުނެފައި ވަނީ ފުޓްބޯޅަ ކުޅުންތެރިންނަކީ ހަނގުރާމަވެރި ނުވަތަ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގްވާމީ ފުޓްބޯޅައިގެ ގަވާއިދުތަކާއި ޚިލާފުވާ ފަދަ އަމަލުތަކާއި ޖަމިއްޔާތަކާއި އެއްވެސް މިންވަރަކަށް ގުޅިފައިވާ ބައެއްކަން އެ އެސޯސިއޭޝަނަށް މިހާތަނަށް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. އަދި މީސްމީޑިއާގައި އާންމުކޮށްފައިވާ މިވާ ވާހަކަތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ފުޓްބޯޅަ އާއިލާއަށާއި ކުޅުންތެރިންނާއި ކުޅުންތެރިންގެ އާއިލާތަކަށް އަގު ނުކުރެވޭ ފަދަ ގެއްލުންތަކެއް ކުރިމަތިވަމުން އަންނަ ކަން ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
ހަމަ އެހެންމެ މިފަދަ ކަންތައްތަކުގެ ސަބަބުން ބައިނަަލްއަގްވާމީ ފުޓްބޯޅައިގައި ދިވެހިރާއްޖެެއަށް ކުރިއަށް ދާން ގިނަގުނަ ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ. އަދި މިއީ އޭގެ ސަބަބުން މި މުޖުތަމައުގައި ވެސް ފިތުނަ ފަސާދަ އާއި ބިރުވެރިކަން އުފެދޭ ފަދަ ނޭދެވޭ ވާހަކަތަކެއް ކަން ވެސް އެފްއޭއެމް އިން ފާހަގަ ކޮށްފައިވެއެވެ.
މީސްމީޑިއާގައި މިހާތަނަށް ދައްކާފައިވަނީ ފުޓްބޯޅައާ ގުޅުވައިގެން ދެކެވިފައި ހުރި ވާހަކަތަކެއް ނޫން ކަމަށާއި މިއީ އާދައިގެ ކަމެއް ކަމަށް ނުބައްލަވާ ކަމާ ބެހޭ އިދާރާތަކުން މިކަމުގެ ފުރިހަމަ ތަހުގީގެއް ކޮށްދެއްވުމަށް ވެސް އެ ބަޔާނުގައި އެފްއޭމުން ވަނީ ގޮވާލާފައެވެ. އަދި ފުޓްބޯޅަ ކުޅުންތެރިންނާއި ބެހޭގޮތުން ބައިބައިވުން އުފެދޭފަދަ ހަގީގަތާއި ޚިލާފު ވާހަކަތައް ދައްކާ ފަރާތްތަކާ މެދު އެ އެސޯސިއޭޝަނުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ރަނގަޅު ދޫދީގެން ނުވާނެ.
ރަނގަޅު ދޫދޭނެކަމެނެ މިހެންގޮވާލިޔަސް ދޫކުރާނެ ހައްޔަރެންނުކުރާނެ