ގޯއްޗާއި ފްލެޓް ހޯދައިދޭނެ ކަމަށް ބުނެ ވީ ވައުދުތައް ބިލާހަކަށް ވެއްޖެ: މުޢިއްޒު
ގޯއްޗާއި ފްލެޓު ހޯދައިދޭނެ ކަމަށް ބުނެ އަދުގެ ސަރުކާރުން ވެފައިވާ ހުރިހާ ވައުދުތައް ބިލާހަކަށް ވެ ނިމިއްޖެ ކަމަށް މޭޔަރު ކަމަށް ވާދަ ކުރައްވާ ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާލޭ މޭޔަރު ކަމަށް ކުރައްވާ ކެމްޕޭންގެ ދަށުން ޑޯޓުޑޯ ފެށުމުގެ ކުރިން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޯ ހިޔާވަހިކަން ކަމަށާއި ގޯއްޗާއި ފްލެޓް ދިނުމަށް މި ސަރުކާރުން ވީ ވައުދު ބިލާހަކަށް ވެގެން ހިގައްޖެ ކަމަށެވެ. އަދި ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު އެތަކެއް ފަރާތްތަކެއް ވެސް މަގުމަތި ވެފައިވާކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.
މުއިއްޒު ވިދާޅުވީ، އަދުގެ ސަރުކާރުން މާލޭގެ ރަށްވެހިންނާ ދޭތެރޭ ކަންތައް ކުރާ ގޮތް އެބޭފުޅުން ބަލައިނުގަންނަ ކަމަށާއި، ޚާއްސަކޮށް ގެދޮރުވެރިކަމާއި އެހެނިހެން ގޮތްގޮތުން މާލޭގެ ރަށްވެހިންނާ ދޭތެރޭ ކަންތައް ކުރާ ގޮތް އެއްވެސް ވަރަކަށް އެބޭފުޅުން ބަލައިނުގަންނަ ކަމަށެވެ.
މީގެ އިތުރުން އަދުގެ ސަރުކާރުން ހައްލުކޮށްދޭނެ ކަމަށް ބުނެ ހައްލު ނުކޮށްދޭ އެތައް ކަމެއް އެބަހުރި ކަމަށާއި، މާލޭގެ ސިޓީ ކައުންސިލްގެ ޒިންމާތަކުގެ ތެރެއިން ހައްލު ކުރެވޭނެ އެތައް ކަމެއް އެބަހުރި ކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ، ރައްޔިތުން ގާތަށް ގޮސް އެފަދަ ކަންކަން ގާތުން ބެއްލެވުމަކީ ޑޯޓުޑޯގެ މައިގަނޑު މަޤުސަދު ކަމަށެވެ.
ދޮރުން ދޮރަށް ކެންޕެއިނާ ގުޅޭ ގޮތުން މުއިއްޒު ވިދާޅުވީ އެ ހަރަކާތް މާލޭގެ ހުރިހާ އަވަށެއްގައި ވެސް ކުރިއަށް ގެންދަވާނެ ކަމަށާއި އެކަން ކުރިއަށް ގެންދަވާނީ އެޗްޕީއޭގެ މިންގަނޑުތަކާއ އެއްގޮތް ވާގޮތުގެ މަތިން ކަމަށާއި ގެއަކަށް ވަންނަވާނީ އެ ގެއެއްގައި ދިރިއުޅުއްވާ ބޭފުޅުން އެއްބަސް ވެލެއްވުމުން ކަމުގައި ވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުގެ ކެމްޕޭންގައި ހެންވޭރު ދެކުނު ދާއިރާގައި ކުރީގެ މެމްބަރު އަހުމަދު އަބްދުލް ކަރީމް (ރުކުމާ) ހަރަކާތްތެރިވެ ވަޑައިގަންނަވާތީ މުއިއްޒު ވަނީ އެކަން ވެސް ފާހަގަ ކުރައްވާފައެވެ. އެގޮތުން ރުކުމާގެ އެއްބަރުލުމާއި ތާއީދު ލިބިގެންދާތީ އެކަމާ އުފާކުރައްވާ ކަމަށް ވިދާޅުވެ ރުކުމާއަށް ޝުކުރު އަދާ ކުރެއްވިއެވެ.
މުއިއްޒު މިއަދު ފެއްޓެވި ޑޯޓުޑޯގައި ޒިޔާރަތް ކުރެއްވީ މާފަންނުގެ ބައެެއް ގޭގެއަށެވެ. އޭގެ ތެރެއިން ގިނަ ގެއަކުން ވަނީ ހިޔާ މަޝްރޫއާއި ބޯ ހިޔާވަހި ކަމުގެ ކަންކަމާ ގުޅޭ ވާހަކަ ހިއްސާ ކުރައްވާފައެވެ.