ސަރުކާރުގެ ޕަޕެޓެއް ދެއްވި މިންވަރު އެއީ ރަނގަޅު މިންވަރެއް ކަން ބަލައިގަންނާކަށް ބޭނުމެއް ނޫން: ރުކުމާ
ޕަޕެޓެއް ގޮނޑިއެއްގައި ބައިންދައިގެން ދެއްވި މިންވަރު އެއީ ރަނގަޅު މިންވަރެއް ކަން ބަލައިގަންނާކަށް މާލޭގެ ރައްޔިތުން ބޭނުން ނުވާ ކަމަށް ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޢަބުދުއްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.
މާލޭ މޭޔަރު ކަމަށް ވާދަ ކުރައްވާ ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒުއަށް ތާއިދު ކުރައްވަން ނިންމެވި މައިގަނޑު ސަބަބަކީ ކޮބައިތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރުކުމާ ވިދާޅުވީ މިހާރު މާލޭގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލް ބޭފުޅަކީ މުއިއްޒު ކަމަށެވެ. އަދި މުއިއްޒު މާލޭގެ ކަންކަން ރަނގަޅު ކުރެއްވުމަށް ސާބިތުކަމާއެކު ކުރެއްވި ބުރަ މަސައްކަތް އެންމެން ބަަލައިގަންނަ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ރުކުމާ އިތުރަށް ވިދާޅުވީ ސަރުކާރުން ދެއްވަން ދެން ތިބޭކަށް މާލޭގެ ރައްޔިތުން ބޭނުން ނުވާ ކަމަށާއި މާލޭގެ ރައްޔިތުން ބޭނުންވަނީ މާލޭގެ ރައްޔިތުން ބޭނުން ވަނީ އެ ރައްޔިތުންނަށް ހައްގު މިންވަރާ ބެހޭގޮތުން ވަކާލާތު ކުރައްވާނެ ބޭފުޅެއް ކަމަށެވެ.
އިތުރަށް މީޑިއާތަކާ ވާހަކަ ދައްކަމުން ރުކުމާ ވިދާޅުވީ މާލޭގެ ރައްޔިތުންގެ އުދާސްތައް އޭނާއަށް އެނގިލައްވާ ކަމަށާއި މި ފަސް އަހަރު މިގޮތަށް ދޫކޮށްލައިފި ނަމަ މާލޭގެ ރައްޔިތުން އިތުރަށް ބިކަ ވެގެން ދާނެ ކަމަށެވެ.
"އަޅުގަނޑު ވެސް މަޑުން ނުހުރެ އަޅުގަނޑަށް ކޮށްދެވުނު ކަމެއް ޑރ.މުއިއްޒަށް ކޮށްދޭން އަޅުގަނޑު މި ނުކުތީ. އަޅުގަނޑުގެ ގާބިލިއްޔަތު ހުރި މިންވަރަކުން ޑރ.މުއިއްޒަށް ވީހާ ވެސް ގިނަ ވޯޓް ހޯދައިދިނުމަށް އަޅުގަނޑާއި އަޅުގަނޑުގެ ފަރާތުން ކޮށްދެވެން އޮތް ހުރިހާ މަސަައްކަތެއް ކޮށްދޭނަން"
ރުކުމާ އިތުރަށް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މި ސަރުކާރުން މަސައްކަތް ކުރަައްވާ މަންޒަރު ނުފެންނަ ކަމަށެވެ. އެގޮތުން އޯޑިއޯން އާއި ނާދީ ވެސް ތަޅާލި ގޮތަށް އެހުރީ ކަމަށާއި އަދި މިހާރު ހިޔާ ފްލެޓް ދިން އިރުގައި ވެސް އެއްވެސް އުޒުރެއް ދެއްކުމެއް ނެތި ބައެއް ފަރާތްތަކުގެ މާކްސް ކަނޑާފައިވާ ކަން ރުކުމާ ފާހަގަ ކުރެއްވިއެވެ. އަދި އެފަރާތްތަކުގެ އިހްސާސްތައް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އެއީ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ވެސް ރުކުމާ ވިދާޅުވިއެވެ.