ޚަބަރު

ކުއްލިއަކަށް ރައީސް ޔާމީންގެ މައްޗަށް އިތުރު ދައުވާ އުފުލީ ރޭޕްގެ މައްސަލާގައި ފޯކަސް ގެއްލުވާލަން: އާދަމް ޝަރީފް

ދެން އެމްވީ ، ދެން އޮންލައިން

ކުއްލިއަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިތުރު ދައުވާއެއް އުފުލީ ސަފާރީ ރޭޕް ކޭސްގެ މައްސަލާގައި ފޯކަސް ގެއްލުވާލަން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާ އަށް އުފުލައި، ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ އިއްޔެ އެވެ.

ޕީޖީ އޮފީހުން ބުނީ ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އަހުމަދު ކްރިކް ރިޟާ ނަމަކަށް ކިޔާ މީހެއް މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

މިކަމާ ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ފޮނުވީ ސަފާރީ ރޭޕްގެ މައްސަލާގައި ސަރުކާރުގެ ނުފޫޒު ފޯރުވިކަމަށް އަޑުތައް ފެތުރި ބައެއް މުއަސަސާތަކުން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ސަރުކާރު ބެކް ފޫޓަށް ވެއްޓި ބަދަނާމު ވާތީ ފޯކަސް ބަދަލުކުރަން ކަމަށެވެ.

މި މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ) ގެ ތިންވަނަ ނަމްބަރާއި ހަވާލާދީ އެ ގާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!