އިދިކޮޅުގެ މުޒާހަރާ: ހައްޔަރުކުރި އެންމެން ވަގުތުން ވަގުތަށް ދޫކޮށްލުމަށް ގޮވާލައިފި
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން މިރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެންމެން ވަގުތުން ވަގުތަށް ދޫކޮށްލުމަށް އެކޯލިޝަނުން ގޮވާލައިފިއެވެ.
މިއަދުގެ އެއްވުމުގެ ތެރެއިން އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަށް ނިސްބަތްވާ 13 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލް އާއި މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޙަސަން މުފީދު ވެސް ހިމެނެއެވެ.
އެމީހުންގެ އިތުރުން އެ ދެ ޕާޓީގެ ސްޓިއަރިންގް ކޮމިޓީތަކުގެ ރައީސުންނާއި ނައިބު ރައީސުން ވެސް ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެއެވެ.
އެކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކޯލިޝަނުން މިއަދު ހަވީރު ސުލްޙަވެރިކަމާއެކު، އަދި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިހުތިޖާޖު ކުރަމުން ދަނިކޮށް ފުލުހުން ވަނީ ހާލަތާ އެކަށީގެން ނުވާ ބާރުގެ ބޭނުންކޮށް އިހުތިޖާޖުގެ ތެރެއިން ގިނަ ބަޔަކު ހައްޔަރު ކޮށްފައި ކަމަށެވެ.
"ރައްޔިތުންގެ ޙައްޤުގައި އެކި ކަންކަމާމެދު އަޑު އުފުލުމަށް ޓަކައި ސުލްޙަވެރިކަމާއެކު އިހުތިޖާޖު ކުރުމަށް މިކޯލިޝަނުން އިންތިޒާމުކުރާ ހިނގާލުންތަކާއި އެއްވުންތައް ކުރިއަށް ގެންދިޔަ ނުދިނުމަށްޓަކައި ސަރުކާރުން ދަނީ ތަކުރާރުކޮށް ފުލުހުންނަށް ޣައިރު ޤާނޫނީ އަމުރުތައް ކުރަމުން" ޕްރޮގްރެސިވް ކޯލިޝަންގެ ބަޔާނުގައިވެއެވެ.