ޚަބަރު

ސަފާރީގައި ޖިންސީ ގޯނާކުރި މައްސަލާގައި ފުލުހުންގެ އިހުމާ އޮތްތޯ ބަލަން އެންއައިސީ ކޮމެޓީއަށް ހާޒިރުކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ދޫކޮށްލި މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ދިވެހި ދެ ފިރިހެނުން ހައްޔަރު ކުރުމަށް ފަހު ދޫކޮށްލި މައްސަލަ ހޫނުވެ، ސިޔާސީ ފަރާތްތަކުގެ ނުފޫޒު އޮތްކަމުގެ ތުހުމަތުތައް ވަނީ އަމާޒުވެފަ އެވެ.

އެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީންނާއި ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮޮމެޓީން އަންނަނީ ބަލަމުންނެވެ.

އެ މައްސަލައިގަައި މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ކޮމިޓީގެ ނައިބު މުގައްރިރު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ވަނީ މައްސަލައިގައި ފުލުހުން އިހުމާލުވެފައި ވޭތޯ ބެލުމަށް އެންއައިސީ ކޮމިޓީއަށް ހާޒިރުކުރުމަށެވެ.

މީކާއިލް ހުށަހެޅުއްވީ މާދަމާ ވެސް އެންއައިސީއަށް ހާޒިިރުވޭވެނަމަ ހާޒިރުކުރުމަށާއި، ނޫން ނަމަ ކޮމިޓީގެ ގަވާއިދުގައި ބުނާގޮތަށް ފަސް ދުވަސް ދިނުމަށްފަހު، ޖެހިގެން އަންނަ ދުވަހު ހާޒިރުކުރުމަށެވެ.

މީކާއީލްގެ ހުށަހެޅުއްވުމަށް، ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވަނީ ތާއީދުކުރައްވައިފައެވެ. އަދި އެ ހުށަހެޅުން މިއަދު ކޮމިޓީން ފާސްކުރީ ހުރިހާ މެމްބަރުންގެ ވޯޓުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!