ޚަބަރު ރައްޔިތުންގެ މަޖިލިސް

ޖިންސީ ގޯނާގެ ތުހުމަތުވާ މީހަކު ފުރި މައްސަލައެއް މަޖިލިހަށް ހުށަހެޅިފައިވޭ: ނަޝީދު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޖިންްސީ ގޯނާގެ މައްސަލަތަކަކާ ގުޅިގެން ދައުވާ ކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

Ads by MWSC

އެމިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އަލީ ވަހީދުގެ ޕާސްޕޯޓު މީގެ ކުރިން އޮތީ ހިފަހައްޓާފައެވެ. ނަމަވެސް އޭނާގެ ޕާސްޕޯޓް ދޫކޮށްލަން އެއްބަސްވީ، ޕީޖީ އޮފީހުން ބުނާ ގޮތުގައި، ޑޮކްޓަރުގެ ބަހަށެވެ. ޕާސްޕޯޓު ދޫކޮށްލަން އަމުރު ނެރުމުން އަލީ ވަހީދު ފުރާފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.

އަލީ ވަހީދުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މަޖިލީހުގައި ތިއްބަވާ އަންހެން މެންބަރުންނެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޖިންސީ ގޯނާގެ ތުހުމަތުވެފައިވާ މީހަކު ރަށުން ފުރައިގެން ދިއުމާ ގުޅިގެން މަޖިލިހުގެ 4 މެންބަރަކު ފޮނުއްވާފައިވާ ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. މަޖިލިސް ފައްޓަވަމުން އެ ސިޓީގެ ވާހަކަ ރައީސް ނަޝީދު ވިދާޅުވިއިރު، އެ ސިޓީއަކީ ޢަލީ ވަޙީދާ ގުޅޭ ސިޓީއެއްކަން ހާމަ ނުކުރައްވައެވެ.

"ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައި ހުރި މީހަކު، އޭނާ ރަށުން ފުރައިގެން ދިއުމާ، އެކަމާ ގުޅޭ ގޮތުން ކަން ހިނގައިދިޔަ ގޮތް، އެ ޢިއްޒަތްތެރި މެންބަރުން ހިތްޕުޅާ ނުވާތީވެ އަދި ބޮޑަށް އެނގެން އެދިވަޑައިގަންނަވާތީވެ މެންބަރުން ލިޔުއްވާފައިވާ ސިޓީއެއް." ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ސިޓީ ރައްޔިތުންގެ މަޖިލިހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވާނެ ކަމަށެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!