ފޭކު ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު ހިފަހައްޓައިފި
ނަކަލު ކޮށްފައިވާ ޕާސްޕޯޓެއް ބޭނުން ކޮށްގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު ހިފަހައްޓައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ޕާސްޕޯޓު ނަކަލު ކޮށްގެން ރާއްޖެއަށް އެތެރެވުމަށް މަސައްކަތް ކޮށްފައި ވަނީ އުމުރުން 36 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށާއި އޭނާ ރާއްޖެ އެތެރެވިޔަ ނުދީ ހުއްޓުވާފައި ވާކަމަށެވެ. ނަމަވެސް އޭނާއާ ބެހޭ އިތުރު މަޢުލޫމާތެއް އިމިގްރޭޝަނުން ހާމަ ކޮށްފައެއް ނުވެއެވެ.
މި ބިދޭސީ މީހާއަކީ ކޮން ގައުމަކުން ރާއްޖެ އެތެރެ ވާން އުޅުނު މީހެއް ކަމާއި އަދި މިމީހާއަކީ ކޮން ގައުމެއްގެ މީހެއްކަން އިމިގުރޭޝަނުން ހާމަ ކޮށްފައެއް ނުވެއެވެ.
މި މީހާ ހިފަހައްޓާފައިވާއިރު މިދިޔަމަހުގެ 26 ވަނަ ދުވަހު ވެސް އިމިގްރޭޝަނުން ވަނީ ވަގަށް އެތެރެވާން އުޅުނު މީހަކު ހިފަހައްޓާފައެވެ. އެފަހަރު ހިފަހައްޓާފައި ވަނީ އުމުރުން 28 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. އޭނާ އާއި ބެހޭ އިތުރު މައުލޫމާތެއް ވެސް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.
ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ކުރިން ވެސް އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރާ މީހުން ވަނީ އިމިގްރޭޝަނުން ހުއްޓުވާފައެވެ.
އިމިގްރޭޝަނުން ދަނީ ޕާސްޕޯޓު ނަކަލު ކޮށްގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރާ މީހުންނާއި، ވައްތަރު މީހެއްގެ ރެސިޑެންޓް ކާޑު ބޭނުންކޮށް އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރާ ބިދޭސީން ހުއްޓުވައި ފިޔަވަޅު އަޅަމުންނެވެ.