ދިއާ ދެވަނަ ކައިވެންޏެއް ކޮށްފި
ރީތީގެ ރާނީ އަދި ބޮލީވުޑު ތަރި ދިއާ މިރުޒާ ދެވަނަ ކައިވެންޏެއް ކޮށްފިއެވެ. ދިއާ ކައިވެނި ކޮށްފައި ވަނީ ވިޔަފާރިވެރިއެއް ކަމަށްވާ ވައިބަވް ރެކީ އާއެވެ.
މިއަދު ހެނދުނު ދިއާ ވަނީ އޭނާގެ މެހެނދީ ހަފްލާގެ ބައެއް ފޮޓޯ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.
ދިއާ އާއި ވައިބަވް މިއަދު ކައިވެނި ކޮށްފައިވާއިރު، ކައިވެނީގެ ހަފްލާގެ ބާއްވާފައި ވަނީ ވަރަށް ކުޑަކޮށެވެ. އެގޮތުން މި ހަފްލާގައި ބައިވެރިވެފައި ވަނީ އާއިލާ އާއި ގާތް ރައްޓެހިން އެކަންޏެވެ،
ކައިވެނީގެ ހަފްލާއަށް ފަހު ދެމަފިރިން ވަނީ ޕަޕަރާޒީންނަށް ފޮޓޯ ނެގުމުގެ ފުރުސަތު ދީފައެވެ.
ދިއާ ކުރިން ކައިވެނި ކޮށްފައި ވަނީ ސާހިލް ސަންގާ އާއެވެ. ކައިވެނި ކޮށްގެން ފަސް ވަރަކަށް އަހަރު އުޅުމަށްފަހު ދިއާ އާއި ސާހިލް ވަރިވީ 2019 ގައެވެ.
ދިއާ އަކީ 2000 ވަނަ އަހަރު ބޭއްވި މިސް.އިންޑިއާ މުބާޜާތުގެ ރަނަރަޕްކަން ލިބިގެން މިސް. އޭޝިއާ-ޕެސިފިކް މުބާޜާތަށް ގޮސް އެ މުބާރާތް ކާމިޔާބު ކޮށްފައިވާ ރީތީގެ ރާނީ އެކެވެ. އެ ފަހަރު މިސް.އިންޑިއާ މުބާރާތުގައި ދިއާ އާ ވާދަކޮށް އެއްވަނަ ހޯދީ ބަތަލާ ލާރާ ދައްތާ އެވެ. ފަސްޓް ރަނަރަޕް އަކީ ޕްރިޔަންކާ ޗޯޕްޅާ އެވެ. އިއްތިފާގުން އެ ފަހަރު ލާރާ އާއި ޕްރިޔަންކާ އަދި ދިއާ ވެސް އެމީހުން ބައިވެރިވި އިންޓަނޭޝަނަލް މުބާރާތުގެ ތާޖު ވަނީ ހޯދާފައެވެ. ލާރާއަށް މިސް. ޔުނިވާސްގެ ތާޖު ލިބުނުއިރު މިސް.ވޯލްޑްގެ ތާޖު ޕްރިޔަންކާ އަށް އަދި މިސް.އޭޝިއާ ޕެސިފިކްގެ ތާޖު ދިއާ އަށް ވަނީ ލިބިފައެވެ.