ދިއާ މިރްޒާ ބަލިވެއިންކަން އެނގުނީ ކައިވެނި ކުރަން ތައްޔާރުވަނިކޮށް

ނޫސްތަކުގައި މިހާރު އެންމެ ގަދަޔަށް ދެކެވެމުންދާ އެއް ވާހަކައަކީ ބޮލީވުޑްގެ އެކްޓްރެސް އަދި މޮޑެލް ދިއާ މިރްޒާ ފުރަތަމަ ދަރިފުޅަށް ބަލިވެއިން ވާހަކައެވެ.
ދިއާ އިނީ ބަލިވެކަން އާންމުކޮށް އިއުލާނު ކުރީ، ފިރިމީހާ ވޭބަވް ރެކީ އާއެކު ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިސް އުޅުނު ދަތުރުމަތީގައެވެ.
އެ ޚަބަރާއެކު ގިނަ ބައެއްގެ ފަރާތުން ތަހުނިޔާ ލިބުނު ކަމުގައި ވިޔަސް، ވޭބަވްއާއި ދިއާގެ ކައިވެނި ކުރެވިފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 15ވަނަ ދުވަހުގައި ކަމަށް ވާތީ، ބައެއް މީހުން އެކަމާ ވަނީ ފާޑު ކިޔައި ސުވާލު އުފައްދައިފައެވެ.
އެގޮތުން ދިއާ އާއި ވޭބަވް ކައިވެނި ކުރީ ކައިވެނީގެ ކުރިން އޭނާ ބަލިވެ އިނީތީ ކަމަށާއި އެކަން ސިއްރުކޮށް ، ކައިވެނީގެ ފަހުން އެ ކަން ޢާންމު ކުރުމަށް ކަމަށް ބުނެ ފާޑު ކިޔުންތައް އަމާޒު ވެފައި ވެއެވެ.
މީހުންގެ އެ ވާހަކަތަކަށް ރައްދު ދެމުން އިންސްޓަގްރާމްގައި ދިއާ ބުނީ، އޭނާ ބަލިވެއިން ކަން އެނގުނީ ކައިވެންޏަށް ތައްޔާރުވަމުން ދަނިކޮށް ކަމަށާއި ކައިވެނި ކުރީ ބަލިވެއިނީތީ ނޫން ކަމަށެވެ.

އަދި، ބަލިވެ އިނުމަކީ އޭނާ ވަރަށް ބޭނުންވި ކަމެއް ކަމަށާއި އެހެން ކަމުން އެކަން ސިއްރު ނުކުރާނެ ކަމަށް ވެސް ބުންޏެވެ. އެހެން ނަމަވެސް ކުރިން އެކަން ހާމަ ނުކުރީ ސިއްޙީ މައްސަލަތަކެއް ހުރުމުން ކަމަށް ވެސް ދިއާ ބުންޏެވެ.
ކައިވެނިން ބޭރުން ދަރިން ހޯދުމަކީ ހުތުރުކަމެއް ކަމަށް އިންޑިއާގެ ގިނަ މީހުންނަށް ވެސް ވިސްނޭއިރު، މަޝްހޫރު މީހުންނަށް އެއީ އެވަރު ކަމަކަށް ވެފައި ނުވާކަމަށް ވެސް ފާޑު ކިޔާ މީހަކު ބުނެފައި ވެއެވެ.