ޚަބަރު

އެމްޕީއެލްގައި ހިނގި ހާދިސާގައި ޒަހަމްވި މީހާ އިތުރު ފަރުވާއަށް އިންޑިއާ އަށް ގެންގޮސްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ދަށުގައި އޮންނަ މާލޭގެ ވިޔަފާރި ބަނދަރުގައި ކާޕެޓް ރޯލެއް ގައިމައްޗަށް ވެއްޓި ހިނގި ނުރައްކާތެރި ހާދިސާގައި ސީރިއަސް ޒަހަމްތަކެއް ލިބުނު މީހާ އިންޑިއާ އަށް ގެންގޮސްފިއެވެ.

އޭނާ އިންޑިއާއަށް ގެންގޮސްފައި ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ އަށެވެ.

މިޙާދިސާގައި އަނިޔާވެފައި ވަނީ އިމްރާން ޢަލީ ކިޔާ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. މިނާ އިންވެސްޓްމެންޓު ކްލިއަރެންސް ގުރޫޕުގައި މަޖޫރީއެއްގެ ގޮތުގައި މަސައްކަތްކުރާ އެ ޒުވާނާއަށް އަނިޔާވެފައި ވަނީ އޭނާގެ ގައިމައްޗަށް ކާޕެޓު ރޯލެއް ވެއްޓި ތާށިވުމުގެ ސަބަބުންނެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ މީޑިޔާ އޮފިޝަލު ނޫސްތަކަށް މައުލޫމާތު ދެއްވި ގޮތުގައި އެ ޒުވާނާއަށް ފަރުވާދެމުން ދަނީ އައިސީޔޫގައެވެ. އަދި އޭނާގެ ޙާލަތު މިހާރުވެސް ނުރައްކާ ކަމަށް މީޑިޔާ އޮފިޝަލު ވިދާޅުވިއެވެ.

މި ޙާދިސާ ހިނގި ގޮތް އެމްޕީއެލްއިން ތަހުގީގު ކުރަމުން އަންނަ ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ. އަދި އެ ކުންފުނީގެ އެކްސިޑެންޓް އެންޑް އިންވިސްޓިގޭޝަން ކޮމިޓީން މި ޙާދިސާ ތަހުގީގުކޮށް ނިމެންދެން އެ މަސައްކަތުގައި ބައިވެރިވި އެ ކުންފުނީގެ މުވައްޒަފުންނާއި މިނާ އިންވެސްޓުމެންޓު ސަސްޕެންޑު ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!