ސްޓެލްކޯއާ ހަވާލުވެ އެންމެ އިސްކަމެއް އެއިރު ދޭން ޖެހުނީ މެއިންޓަނަންސް މަސައްކަތްތަކަށް: މުގްނީ
ސްޓެލްކޯ ހިންގުމާ 2018 ވަނަ އަހަރު ހަވާލުވިއިރު، އެންމެ ބޮޑު އިސްކަމެއް އެއިރު ދޭން ޖެހުނީ ނުނިމިހުރި މެއިންޓަނަންސް މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޤްނީ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމުގައި މިރޭ ބައިވެރިވެ ވަޑައިގެން މުޤްނީ ވިދާޅުވީ ސްޓެލްކާއާ އަލަށް ހަވާލުވިއިރު އެކުންފުނި އޮތީ ފުދޭވަރަކަށް ނިކަމެތި ހާލަތެއްގައި ކަމަށެވެެ.
"ގިނަ މެއިންޓަނަންސް މަސައްކަތްތަކެއް އެއިރުގައި ހުރި ޕެންޑިންގައި ، 2018 ވަނަ އަހަރަކީ އިލެކްޝަނެއް އޮތް އަހަރެއް ކަަމަށްވީމަ އެއިރުގައި ސިޔާސީ ގޮތުން ތިއްބެވި ބޭފުޅުން ނިންމަވާފައި އޮތް ނިންމުމެއް އެމަސައްކަތްތައް ކޮންމެވެސް ވަރަކަށް ޑިލޭކުރުން. އަޅުގަނޑު ކުންފުންޏާ ހަވާލުވުމަށް ފަހު އެއިރުގައި އެންމެ އިސްކަމެއް ދޭން ޖެހުނީ ޕެންޑިންގައި ހުރި މެއިންޓަނަންސް މަސައްކަތްތައް ކުރިއަށް ގެންދަން" މުޤްނީ ވިދާޅުވިއެވެ.
މީގެއިތުރުން މުޤްނީ ވިދާޅުވީ އެމަނިކުފާނު ސްޓެލްކޯއާ ހަވާލުވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކަމަށާއި ހަވާލުވުމަށްފަހު އެންމެ ފުރަތަމަވެސް މެއިންޓަނަންސްގެ އެމަސައްކަތްތައް ވަރަށް ބާރު ސްޕީޑެއްގައި ގެންދަން ޖެހުނު ކަމަށެވެ.
"ޖެހިގެން އަންނަ އަހަރުގެ (2019 ވަނަ އަހަރުގެ) މާރޗު މަހުގެ ކުރިން އަޅުގަނޑު ބޭނުންވި އެހުރިހާ މެއިންޓަނަންސް މަސައްކަތްތަކެއް ނިންމާލަން. އެއީ މާރޗުން ފަށައިގެން ހޫނު ގަދަވޭ." މުޤްނީ ވިދާޅުވިއެވެ.
ދެހާސް އަށާރައިގެ ކުރިން ދެއަހަރުގައި މާލޭގައި ކަރަންޓު ފޯރުކޮށްދިނުމުގެ ކެޕޭސިޓީގެ ޝޯޓޭޖެއް އުޅުން ކަމުގައި ވެސް މުޤްނީ ވިދާޅުވިއެވެ.
“އަޅުގަނޑު ކުންފުންޏާ ހަވާލުވީ ދުވަހަކީ ވެސް މާލެއިން ކަރަންޓު ކެނޑުނު ދުވަހެއް. ޖެހިގެން އައި ދުވަހަކީ ވެސް ކަރަންޓު ކެނޑުނު ދުވަހެއް. އެހެންވީމަ މިކަމުގެ ސީރިއަސްކަން އެނގުނު” މުޤްނީ ވިދާޅުވިއެވެ.
މުޤްނީ ވިދާޅުވީ އަލަށް ސަރުކާރެއް އައުމުން (ސަރުކާރު ބަދަލުވުމުން) އާންމު ރައްޔިތުންގެ ވަރަށް ބޮޑު އުންމީދުތަކެއް އޮތް ކަމަށެެވެ. އަދި ސްޓެލްކޯ އަކީ ސަރުކާރާއި ގުޅުންހުރި ކުންފުންޏަކަށް ވާތީ އެފަދަ ކަންކަން ޙައްލުވާނެ ކަމަށް ރައްޔިތުން އުންމީދު ކުރެއްވި ކަމަށް ވެސް މުޤްނީ ވިދާޅުވިއެވެ.