މަޖިލިހުން ދައްކާ ވާހަކައަކާ އީސީން ދައްކާ ވާހަކަ ދިމައެއް ނުވޭ: ޝުޖާޢު

ކައުންސިލު އިންތިހާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހުން ދައްކާ ވާހަކަ ދިމާނުވާ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
އެގޮތުން ޝުޖާޢު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކެމްޕެއިން ކުރުމުގެ ފުރުސަރު ނުދެއްވާ އިންތިހާބެއް ބޭއްވުމަކީ ޑިމޮކްރެޓިކް ހަމައެއް ނޫން ކަމަށެވެ. އަދި ހުރިހާ ކެންޑިޑޭޓުންގެ ޙައްޤުތައް ގެއްލިފައިވާކަން ފާހަގަ ކުރައްވަމުން ޝުޖާޢު ވިދާޅުވީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދައްކާ އެއްވެސް ވާހަކައަކަށް އިތުބާރެއް ނެތް ކަމަށެވެ.
"މިހުރިހާ ޝަކުވާއެއް ވާނީ ޕީޕީއެމްއިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ. އެކޮމިޝަނުން ދައްކާ ވާހަކަ އާއި ރައްޔިތުންގެ މަޖިލީހުން ދައްކާ ވާހަކަ ދިމާނުވޭ. ނިކަން ގަޓުގަ މިކަން ކޮށްބަލަ. މިހާރު ތި ލާހޫރެނީ!" އެހެން ޓްވީޓެއްގައި ޝުޖާޢު ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބު ބޭއްވުމަށް އޭޕްރީލް މަހުގެ 10 ވަނަ ދުވަސް ކަނޑައަޅާފައިވާއިރު، އިންތިޚާބު ބޭއްވުމަށް ބޮޑެތި ޤާނޫނީ ހުރަސްތަކެއް ހުރިކަމަށް އީސީން ވަނީ ފާހަގަކޮށް މަޖިލީހަށް ހުށަހަޅާފައެވެ.
ނަމަވެސް މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ވަނީ އިލެކްޝަންގެ މިވާހަތަކަށް ރައްދު ދެއްވައި އިންތިޚާބު ބޭއްވުން ނޫންގޮތެއް ނެތްކަމަށް ވިދާޅުވެފައެވެ.