އާމްނާ ރާއްޖެ އައިސް އެންމެ ކުރާ ހިތްވާ ކަމަކީ ކެއުން!

ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި ނުހަނު ބޮޑު މަގުބޫލުކަމެއް ހޯދި ޓީވީ ސީރީޒެއް ކަމުގައިވާ "ކަހީތޯ ހޯގާ" އިން ފިލްމީ ދާއިރާއަށް ތަޢާރަފްވި ބޮލީވުޑްގެ ފިލްމީތަރި އާމްނާ ޝަރީފު ރާއްޖެ އައިސްފިއެވެ.
އެނގިފައިވާ ގޮތުގައި އާމްނާ އޭނާގެ ދެ އެކުވެރިއަކާއެކު ޗުއްޓީ ހޭދަ ކުރަމުންދަނީ ކަނޑިންމަ މޯލްޑިވްސް ރިސޯޓުގައެވެ. އޭނާ ރާއްޖެ އައިސްފައި ވަނީ އިއްޔެކަން ވެސް ވަނީ އެނގިފައެވެ.

އާމްނާ ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް، ރާއްޖޭގައި ހޭދަކުރާ ވަގުތުތަކުގެ ބައެއް ފޮޓޯތައް ހިއްސާ ކޮށްފައެވެ. އެގޮތުން އޭނާގެ ސްޓޯރީއަށް ގިނަ އަދަދެއްގެ ކާއެއްޗެހީގެ ފޮޓޯ ލާފައިވާކަން ވެސް ފާހަގަ ވެއެވެ.

"ކަހީތޯ ހޯގާ" އިން "ކަޝިޝް" ގެ ރޯލުން ގިނަ ބައެއްގެ މެދުގައި މަޤްބޫލުކަން ހޯދި އާމްނާ ވަނީ "ކަސައުޓީ ޒިންދަގީކޭ" ގެ ދެވަނަ ބައިގައި "ކޮމޮލިކާ" ގެ ރޯލު ވެސް ކުޅެފައެވެ. މީގެ އިތުރުން ފިލްމު "އޭކް ވިލަން" ގައި ރިތޭޝްގެ އަންހެނުންގެ ރޯލު ވެސް ކުޅެފައި ވަނީ އާމްނާއެވެ.
މިހާރު ކައިވެންޏެއްކޮށް ފިރިހެން ދަރިއަކު ވެސް ލިބިފައިވާ އާމްނާ އަކީ އޭނާގެ ހަށިގަނޑަށް ވަރަށް ބަލައިގެން އުޅޭ މީހެއްކަމަށް އިންޑިއާގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން އޭނާ ބުނެފައި ވެއެވެ. އެގޮތުން ޤަވައިދުން ކަސްރަތު ކުރުމާއި ޔޯގާ ހެދުމަށް ވެސް އޭނާ ވަރަށް ސަމާލުކަން ދޭ ކަމަށް ބުނެފައި ވެއެވެ.