ޝިއާރުގެ މަރު: ދައުވާ ލިބުނު ތިން މީހަކު ސަލާމަތްވެއްޖެ
ދެހާސް ފަނަރަ ވަނަ އަަހަރު އައްޑޫސިޓީ ހިތަދޫގައި ހިނގި ގްރޫޕު މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން މަރުވި ޙުސެއިން ޝިއާރުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ފަރާތުން ދައުވާ އުފުލި ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ސަލާމަތް ވެއްޖެއެވެ.
މިމައްސަލައިގައި ދައުވާ އުފުލާފައި ވަނީ ސ. ހިތަދޫ/ހަނދުވަރު އިސްމާއީލް ރަޝީދު، ސ. މަރަދޫ/އޮނުފީނުގެ މުހައްމަދު ނިފާޒު، ސ. މަރަދޫ/ ގަދަކޯޅިގެ މުހައްމަދު އަޒާން އަލީ އަދި ސ. ހިތަދޫ/ޗާނދުމާގެ އަލީ ސަމްއާންގެ މައްޗަށެވެ. މިމީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ ދައުވާއެވެ.
ޝިއާރު މަރާލުމުގެ މައްސަލައިގެ ހުކުމް އިއްވުމުގެ ޝަރީޢަތް އިއްޔެ ކުރިއަށް ދިޔައިރު، ދައުވާ އުފުލިފައިވާ މިހަތަރު މީހުން ވެސް ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ.
އެދައުވާ ސާބިތު ކުރުމަށް ދައުލަތުން ހެއްކާއި ގަރީނާ ހުށަހެޅި ނަމަވެސް ޓެރަރިޒަމް މަނާ ކުރާ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި (ކ) އާ ހަވާލާދީ، އެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ)ގެ ދަށުން ޓެރަރިޒަމްގެ ކުށް ރާއްޖޭގެ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށް ކްރިމިނަލް ކޯޓުން އާންމު ކުރި މައްސަލަ ނިމުނު ގޮތުގެ ހުލާސާގައި ބުނެފައިވެއެވެ.
މި ދެ ދައުވާ ސާބިތު ނުވަނީ ސ. ހިތަދޫ/ހަނދުވަރު އިސްމާއީލް ރަޝީދު، ސ. މަރަދޫ/އޮނުފީނުގެ މުހައްމަދު ނިފާޒު އަދި ސ. ހިތަދޫ/ޗާނދުމާގެ އަލީ ސަމްއާންގެ މައްޗަށެވެ.
ޓެރަރިޒަމް މަނާ ކުރާ ގާނޫނުގެ ދެވަނަ މާއްދާގެ (ހ)ގެ ދަށުން ސ. މަރަދޫ/ ގަދަކޯޅިގެ މުހައްމަދު އަޒާންގެ މައްޗަށް ކުށް ސާބިތެއް ނުވެއެވެ. ނަމަވެސް، ޓެރަރިޒަމް މަނާ ކުރާ ގާނޫނުގެ ދެވަނަ މާއްދާގެ (ކ)ގެ ދަށުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓުން ހުކުމް ކޮށްފައިވެއެވެ. އަދި އަޒާން 18 މަސް ދުވަހަށް ޖަލަށް ލުމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ޝިއާރު މަރުވެފައި ވަނީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ރޭ 10:00 އެހާކަންހާއިރު ތޫނުއެއްޗަކުން ދިން ހަމަލާގައި ލިބުނު ޒަހަމްތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.