"ގެދޮރުވެރިކަމަކީ ހަމައެކަނި ވިޔަފާރި އުސޫލުން ކުރެވޭކަމަކަށް ދެކޭނަމަ ، ހެޔޮ އެދޭ ސަރުކާރެއްގެ ގޮތުގައި ރައްޔިތުން ނުދެކޭނެ"
ގެދޮރުވެރިކަމަކީ ކޮންމެ ރައްޔިތެއްގެ ވެސް އިންސާނީ ޙައްޤެއް ކަމަށާއި އެ ކަމަކީ ހަމައެކަނި ވިޔަފާރި އުސޫލުން ކުރެވޭ ކަމަކަށް ވާނަމަ އެ ސަރުކާރަކީ ރައްޔިތުންނަށް ހެޔޮ އެދޭ ސަރުކާރެއްގެ ގޮތުގައި ރައްޔިތުން ނުދެކޭނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މުޢިއްޒު މިހެން ވިދާޅުވީ ، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ސަރުކާރުން ހިންގުމުގެ ވިސްނުމެއް ނެތް ކަމަށާއި އެފަދަ މަޝްރޫއުތައް ހިންގޭނީ ވިޔަފާރި އުސޫލުން ކަމަށް މިހާރުގެ ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވުމާ ގުޅިގެން އެކަމަށް ޚިޔާލު ފާޅު ކުރެއްވި ޓްވީޓެއްގައެވެ.
"ގެދޮރުވެރި ކަމަކީ ކޮންމެ ރައްޔިތެއްގެ ވެސް އިންސާނީ ޙައްޤެއް، އެ ޙައްޤު ކަށަވަރު ކޮށްދިނުމަކީ ސަރުކާރެއްގެ އެންމެ މަތީ ޒިންމާ ، މިކަމަކީ ހަމައެކަނި ވިޔަފާރި އުސޫލުން ކުރެވޭ ކަމަކަށް ސަރުކާރުން ދެކޭނަމަ ،އެ ސަރުކާރަކީ ރައްޔިތުންނަށް ހެޔޮ އެދޭ ސަރުކާރެއްގެ ގޮތުގައި ރައްޔިތުން ނުދެކޭނެ" މާލޭ މޭޔަރު ކަމަށް ވާދަ ކުރައްވާ މުޢިއްޒު ވިދާޅުވިއެވެ.
ހައުސިންގެ މަޝްރޫޢުތައް ހިންގޭނީ ވިޔަފާރި އުސޫލުން ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވީ އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް އަސްލަމާ ކުރެއްވި ސުވާލުގެ ޖަވާބުގައެވެ. މެމްބަރު ޢަބުދުﷲ ޝަފީގް އެއްސެވީ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން، ރަށްރަށުގައި ހުރި އަމިއްލަ ގޯތިތަކުގައި ހައުސިން ޔުނިޓް އަޅަން އެދޭ ފަރާތްތަކަށް 2019 ވަނަ އަހަރު ހުޅުވައިލި ފުރުސަތުގައި ފުރި ފޯމްތަކަށް ވީ ކިހިނެއްތޯއެވެ. އެ ފޯމްތައް ފުރުމަށް ފަހު އެ މަޝްރޫއާ ބެހޭ އެއްވެސް މައުލޫމާތެއް، ފޯމް ފުރި މީހުންނަށް އަދިވެސް ނުލިބޭ ކަމަށާއި ގޯތި ތަކުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފެށޭނީ ކޮން އިރަކުތޯ ވެސް އޭނާ އެއްސެވިއެވެ.
އެ ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ އެކި ރަށްރަށުގައި ސަރުކާރުން ހައުސިން ޔުނިޓް އަޅާނެ ކަމަށް ކުރިން ބުނި އަދަދުތައް އެއީ ހަމަ ސަރުކާރުން އަޅާފައި ދޭނެ ތަންތަން ކަމަށް ވިސްނިފައި އޮވެއްޖެއްޔާ އެއީ ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ.
އަޖާއިބެއް ހުވާ. ކޮބާހޭ ކޮއްމެ ރައްޔިތަކަށް ހައްގު ބިންވެރިކަން. ކޮއްމެ ާބަޔަކުވެސް ާވެރިކަމަށް ާއައިސް ބޯހިޔާވައްސޭކިޔާ ފުލެޓުތަކުގަ ފިއްތާ އެވެސް އަދި ރައްޔިތުން ަ ފެލާ ހުލިކޮށްފަ ތިޔަ ނިގުޅައިގަންނަނީ ބިންވެރިކަމާ ބޯހިޔާވަހިކަމާ ލިބޭ މަދު ރުފިޔާކޮޅު މިނިވަންކަމާއެކު ހޭދަކުރުމުގެ ހައްގު. ދިވެހިންގެ ރަށްތައް ދިވެހިންނަށް. ދިވެހިންގެ ބިންތައް ދިވެހިންނަށް. ހައްގު ކަށަވަރުކޮށްދީ..