ގަދަ ފިނީގެ ތޫފާނަކާއެކު އެމެރިކާގައި ފެން ހޫނުކޮށްގެން ބޯން އަންގައިފި
އެމެރިކާގެ ޓެކްސަސްއަށް އައި ބާރުގަދަ ފިނީގެ ތޫފާނަކާއެކު އެ ސިޓީގައި ފެން ހޫނުކޮށްގެން ބޯން އަންގައިިފިއެވެ.
ބީބީސީ ރިޕޯޓްތައް ބުނާ ގޮތުގައި އެގައުމުގައި އިސްކުރު ފެން ބޭނުން ކުރާއިރު ހޫނުކޮށްގެން ބޭނުން ކުރަން ވަނީ އަންގާފައެވެ. އެއީ މި ތޫފާނާ ގުޅިގެން ކަރަންޓު ކެނޑިފައިވާތީ ފެން ހޫނު ނުކުރެވޭތީއެވެ.
ތޫފާނާއެކު ފެނުގެ ޕްރެޝަރު ބާރުވުމުގެ ސަބަބުން އެ ސިޓީގެ ފެންހޮޅިތައް ވަނީ ފަޅަފަޅައިގެން ގޮސްފައެވެ. އަދި އެ ހޮޅިތަކުގައި ބައެއް ފަރާތްތަކުން ވަނީ ރަޖާ އަޅައި ފިނި ހޫނުމިން ހިފެހެއްޓުމަށް މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އެ ހޮޅިތައް ވަނީ ފަޅައިގެން ގޮސްފައެވެ.
ޓެކްސަސްގައި މިހާރު ވެސް ކަރަންޓު ނުލިބި 3 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެކަމުގެ ސަބަބުން ސިއްހީ ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލުތަކުން ބެކްއަޕް ޖަނަރޭޓަރު ބޭނުން ކުރަން ވަނީ މަޖުބޫރުވެފައެވެ. އަދި ހާލުބޮޑު ބަލި މީހުން އެހެން ހޮސްޕިޓަލުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ވެސް ކެނޑިނޭޅި ދަނީ ކުރަމުންނެވެ.
މިދިޔަ ހަފްތާގައި ޓެކްސަސްއަށް އައި ތޫފާނާއެކު 31 މީހުން މަރުވެފައި ވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި 100 މިލިއަނަށްވުރެ ގިނަ ރައްޔިތުންނަށް މޫސުމީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާން ކޮށްފައެވެ.
މިއީ ވޭތުވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި ޓެކްސަސްއަށް ކުރިމަތިވި އެންމެ ފިނިގަދަ ދުވަސްތަކެވެ. އެގޮތުން މިދިޔަ ހަފްތާގައި ފިނިހޫނުމިން ވަނީ 18- ޑިގްރީ ސެލްސިއަަސް އަށް ވެއްޓިފައެވެ.