ހުވަފެނުގައި ކީރިތި ރަސޫލާގެ ސޫރަފުޅު ދެކިލަން ބޭނުން ހެއްޔެވެ؟
މި އުއްމަތަށް ފޮނުއްވުނު އެންމެ ފަހުގެ ރަސޫލާއަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. އަދި އެކަލޭގެފާނަކީ މި އުއްމަތަށް ތެދުމަގާއި ހިދާޔަތް ދެއްކެވުމަށް ފޮނުއްވުނު ރަސޫލާ ކަމާއި، އެކަލޭގެފާނަށް ފަހު އިތުރު އެއްވެސް ރަސޫލެއް އަދި ނަބިއްޔެއް ވެސް ނުފޮނުއްވާނެ ކަން ކަށަވަރެވެ. ފުރިހަމަ މުސްލިމަކަށް ވާނަމަ މިކަންކަމަކީ ހިތުގައި ޒައްރެއްގެ މިންވަރަށް ވެސް ޝައްކެއް ނެތި އެކަން ގަބޫލު ކުރާނޭ މީހެއްކަން ޔަގީނެވެ.
ކަން މިހެން އޮތް އިރު، އެކަލޭގެފާނު ސޫރަފުޅު ހުވަފެނުން ދެކިލަން ބޭނުން ނުވާނީ ވެސް ފަހެ ކާކު ހެއްޔެވެ؟ އެކަލޭގެފާނީ މުޅި އުއްމަތަށް ވެސް ފޮނުއްވުނު އެންމެ ފުރިހަމަ އިންސާނާއެވެ.
މިސްރުގެ ދަރިވަރަކު އެގައުމުގެ މަޝްހޫރު ދީނީ ޢިލްމުވެރިއެއް ކަމުގައިވާ ފަޟީލަތުއްޝައިޚް މުޙައްމަދު ޙައްސާން އަށް ސުވާލު ކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހުވަފެނުގައި ފެންނާނީ ކިހިނެތްތޯއެވެ؟
ޖަވާބުގައި އުސްތާޒު ވިދާޅުވިކަމަށް ވެއެވެ. ތިބާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހުވަފެނުގައި ދުށުމަށް އެދެން ހެއްޔެވެ؟ އެޒުވާނާ ސާބިތުކަމާއެކު އާދޭހޭ ދެންނެވިއެވެ. އުސްތާޒު ވިދާޅުވިއެވެ. އެހެންވެއްޖެއްޔާ މިރޭ ތިބާއަށް އަހަރެންގެ ގޭގައި ރޭގަނޑުގެ ކެއުމަށް ދަޢުވަތު ދެމެވެ. ރޭގަނޑުގެ ކެއުމަށް ދަރިވަރު އުސްތާޒުގެ ގެއަށް ދިޔައެވެ. އެހިނދު އުސްތާޒު އެދަރިވަރަށް ކާތަކެތި ގެނެސް ދެއްވިއެވެ. އެކާތަކެއްޗަށް ހުރީ ލޮނު ގިނަ ކުރައްވާފައެވެ. އަދި ދަރިވަރަށް ދޭން ފެނެއް ނުގެންނަވައެވެ. ކެއުމަށް ފަހު، ފެނަށް އެދުމުން އުސްތާޒު ވިދާޅުވިއެވެ. ފެން ބޮއެގެން ނުވާނެއެވެ. ކަރުހިއްކައިގެން އުޅޭކަމަށް ބުނުމުން ވެސް އުސްތާޒު ފެން ނުދެއްވިއެވެ.
ދެން ދަރިވަރު ދެންނެވިއެވެ. އަޅުގަނޑުގެ ސުވާލުގެ ޖަވާބު އުނގަންނަވައި ދެއްވާށެވެ. އުސްތާޒު ވިދާޅުވިއެވެ. ނޫނެކެވެ. މިހާރަކު ނޫނެވެ. ތިބާ ނިދާށެވެ. އަދި، ﷲ އިރާދަކުރެއްވިއްޔާ، މިރޭ ދަންވަރުގެ ގަޑީގައި އަހަރެން ތިބާއަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހުވަފެނުގައި ފެންނާނެ ގޮތް ދަސްކޮށްދޭން ހޭލައްވާނަމެވެ. ދަރިވަރު ނިދައިފިއެވެ. ލިބެން އެއުޅޭ ފިލާވަޅުގެ ޝައުޤުވެރިކަމާ މެދު ވިސްނުމުގެ ތެރޭގައި އޭނާއަށް ނިދުނެވެ.
އެރޭ ފަތިސް ވުމުގެ ކުރިން، އުސްތާޒު ވަޑައިގެން ދަރިވަރަށް ގޮވައި ހޭލައްވައިފިއެވެ. އަދި ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ. އަންނާށެވެ. ދަރިވަރު ދެންނެވިއެވެ. އަޅުގަނޑުގެ ސުވާލުގެ ޖަވާބު އުނގަންނަވައި ދެއްވާށެވެ. އުސްތާޒު ވިދާޅުވިއެވެ. އަދި މަޑުކުރާށެވެ. ތިބާއަށް މިރޭ އެއްވެސް އެއްޗެއް ހުވަފެނުގައި ފެނުނު ހެއްޔެވެ؟ ދަރިވަރު ބުންޏެވެ. އާނއެކެވެ. ދުށީމެވެ. އުސްތާޒު ސުވާލު ކުރެއްވިއެވެ. ފެނުނީ ކޮން އެއްޗެއް ހެއްޔެވެ؟ ދަރިވަރު ދެންނެވިއެވެ. އޭ ސާހިބާއެވެ. އަޅުގަނޑަށް ފެނުނީ، ވާރޭ ވެހޭ ތަނެވެ. ބިންމަތީގައި ފެނުގެ ކޯރު ދެމޭ ތަނެވެ. އަދި އަޅުގަނޑުގެ ކުރިމަތީގައި މުޅިން ފެން ވަނިކޮށް ފެނުނެވެ.
އޭނާ ނިދީ ކަރުހިއްކައިގެން އޮތް ޙާލުގައެވެ. އެހެންވެ އޭނާއަށް ހުވަފެނުގައި މުޅިން ފެނުނީ ފެނެވެ. އެހިނދު އުސްތާޒު ވިދާޅުވިއެވެ. އޭ ކޮއިފުޅާއެވެ. ތިޔަބުނީ ތެދެކެވެ. އަދި ތިބާގެ ނިޔަތް ވެސް ތެދެވެ. ތިބާގެ ނިޔަތް ތެދުވުމުގެ ސަބަބުން، ތިބާއަށް ފެނުނު އެއްޗެއްވެސް ތެދެއް ކަމުގައި ވީއެވެ. އެބަހީ ތިބާ ހިތުގައި އެހާ ޝައުޤުވެރިކަން އޮތުމުގެ ސަބަބުން ހުވަފެނުގައި އެ މަންޒަރު ފެނުނީއެވެ. އަދި ތިބާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެކެވާ ލޯތްބަކީ އެހާ ތެދު ލޯތްބެއް ކަމުގައި ވީނަމަ ތިބާއަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހުވަފެނުގައި ފެނުނީހެވެ.
އެންމެހާ މުސްލިމު އަޚުންނޭވެ. ރަސޫލާގެ ސޫރަފުޅު ހުވަފެނުން ފެނިގެން ދިއުމަކީ ހަގީގަތުގައި ވެސް ހާދަހާ ވާ ބޮޑުވެގެންވާ ނިޢުމަތެކެވެ. އެހެނީ ހަމަކަށަވަރުން ވެސް ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ފެނުން ފަދައެވެ.
އިމާމް މުސްލިމް، އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
" مَنْ رَآنِي فِي الْمَنَامِ ، فَقَدْ رَآنِي ، فَإِنَّ الشَّيْطَانَ لَا يَتَمَثَّلُ بِي "
ތިމަން ނަބިއްޔާ އެމީހެއްގެ ހުވަފެނުގައި ފެނިއްޖެ މީހާ ހަމަކަށަވަރުން އެމީހާއަށް ތިމަން ނަބިއްޔާ ފެނިއްޖެއެވެ. ފަހެ ހަމަކަށަވަރުން ޝައިޠާނާ ތިމަންކަލޭފާނު ކަމުގައި ތަމްޘީލު ނުވާނެއެވެ. (އެބަހީ؛ ތިމަންކަލޭގެފާނުގެ ސޫރައިގައި އޭނާއަކަށް ހުވަފެނުގައި ވެސް މީހަކަށް ސިފަ ނުދެއްކޭނެއެވެ.)
މިނިޢުމަތް ﷲ ދެއްވައިފި މީހަކަށް އޮތީ އެކަން ސިއްރު ކުރުމެވެ. އެއީ ޝައިޠާނާ އެމީހާ ބޭނުން ކޮށްގެން އެހެން މީހުން މަގުފުރައްދައި ހެދުމާއި، އަދި އެމީހާއަށް މީހުން ޤަދަރުކުރަން ފެށުމުގެ ސަބަބުން ޚުދު އެމީހާ މަގުފުރެދިގެން ހިނގައިދާނެތީއެވެ. މީސްތަކުން މަގުފުރެއްދުމަށް ޝައިޠާނާ ބޭނުންކުރާ އޭނާގެ ކުޅިވަރަކަށް އޭނާ އެމީހާ ހަދާފާނެތީއެވެ.
މަސްދަރު: ނޫރުލް އިސްލާމް
ޝައިޘާނާ އެހެން މީހެއްގެ ސިފައިގަ އައިސް ރަސޫލާ ކަމައް ދައުވާ ކޮއްފާނެތަ…؟؟؟ ޝައިޘާނާއަށް ރސޫލާގެ ސުރައިގަތާ ނާދެވޭނީ…