ދީން

ކަށްވަޅުގައި މުއުމިނު އަޅާއާއި ކާފަރު އަޅާއާ މެދު ކަންތައް ހިނގާނޭ ގޮތް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮންމެ އިންސާނެއް ވެސް ދާނޭ މަންޒިލެއް ކަމުގައި ކަށްވަޅު ވެއެވެ. އަދި އެތަނަކީ މުއުމިނުންނަށް ފަސޭހަ ތަނެއް ކަމުގައި އަދި ކާފަރުންނަށް ވޭން ދެނިވި ތަނެއް ކަމުގައި ވެއެވެ. ތިމާގެ އަޖަލު ހަމަވުމަށް ފަހުގައި ހިސާބު ބެއްލެވުމުގެ އެންމެ ފުރަތަމަ މަރުޙަލާ އަކީ ކަށްވަޅެވެ. ފަހެ އެތަނުގައި މުއްސަންޖަކާއި، ފަގީރެއް އަދި ކަޅު މީހަކާއި ދޮން މީހެއްގެ ދެމެދުގައި ތަފާތު ކުރުމެއް ނުވެއެވެ. ކޮންމެ މީހަކު ވެސް ކޮށްފައިވާ އެންމެހާ ޢަމަލުތަކުގެ ހިސާބު ބެއްލެވޭނެއެވެ.

Ads by Sosun Fihaara

ﷲ ރުއްސުންލައްވި އަބޫހުރައިރާ ވިދާޅުވިއެވެ. رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. މައްޔިތާ ޤަބުރުގައި ބޭއްވެވުމުން އެމައްޔިތާގެ ކައިރިއަށް ދެމަލާއިކަތުން ވަޑައިގަންނަވައެވެ. އެދެމަލާއިކަތުންގެ ކުލަ ކަޅުވެފައި ދެ ލޮލުގެ ކުލަ ނޫވެގެންވެއެވެ. އޭގެ ތެރެއިން އެއްމަލާއިކަތެއްގެ ނަންފުޅަކީ މުންކަރެވެ. އަނެއް މަލާއިކަތާގެ ނަންފުޅަކީ ނަކީރެވެ.

އެ ދެމަލާއިކަތުން އޭނާއާ ސުވާލު ކުރައްވައެވެ. (ކަލޭމެންގެ ތެރެއަށް ފޮނުއްވިގެން ވީ) މިމީހާއާ ބެހޭގޮތުން ކަލޭ ބުނަނީ ކީކޭ ހެއްޔެވެ؟ އެމައްޔިތާ އެއީ މުއުމިނަކު ކަމުގައި ވާނަމަ ޖަވާބުދޭނެއެވެ. އެއީ ﷲގެ އަޅާ އަދި އެއިލާހުގެ ރަސޫލާއެވެ. ﷲ މެނުވީ އެހެން ޙައްޤު އިލާހަކު ނުވާކަމަށް އަހަރެން ހެކިވަމެވެ. އަދި ހަމަކަށަވަރުން محمد صلى الله عليه السلام އަކީ ﷲގެ އަޅާކަމަށާއި ރަސޫލާކަމަށްވެސް އަޅު ހެކިވަމެވެ.

މިއަޑު އައްސަވާފައި މަލާއިކަތުން ވިދާޅުވެއެވެ. ކަލޭ ދޭނީ ތިޔަ ޖަވާބުކަން އަހަރެމެން ދެނެ ތިބީމުއެވެ. ދެން އޭނާގެ ޤަބުރު ހަތަރު ފަރާތުންކުރެ ކޮންމެ ފަރާތެއް 70 މުށަށް ފުޅާކޮށް ތަނަވަސް ކޮށްދެވެއެވެ. އަދި މުޅި ހިސާބުން ނޫރެއް އަލިކޮށްލެވެއެވެ. ދެން އޭނާއަށް އެންގެވެއެވެ. ކަލޭ ނިދާށެވެ. އެމައްޔިތާ ދަންނަވައެވެ. އާދޭހެވެ! އަޅުގަނޑު ނިދާނީއެވެ. މިވާހަކަ އަޅުގަނޑުގެ ގޭގެމީހުންގެ ކައިރީގައި ބުނެދެއްވާށެވެ. އެދެމަލާއިކަތުން ވިދާޅުވެއެވެ. ކަލޭ ނިދާށެވެ. އެންމެ އުފަލުގައި ނިދާށެވެ. ދެން އޭނާ ނިދައެވެ. ޤިޔާމަތް ދުވަހުން މާތްﷲ އެތަނުން އޭނާ ތެދު ކުރައްވަންދެން އަރާމުގެ ނިދިން އޭނާ ނިދާފައި އޮވެއެވެ.

އަދި އޭނާ އެއީ މުނާފިޤަކު ނުވަތަ ކާފިރަކު ކަމުގައިވާނަމަ އޭނާ އެ ދެމަލާއިކަތުންނަށް ޖަވާބުދެއެވެ. އަޅުގަނޑު ބުނާނީ މީސްތަކުން ބުނާތީ އެހިގޮތެވެ. އެ ދެމަލާއިކަތުން ވިދާޅުވިއެވެ. ކަލޭ ދޭނީ ތިޔަ ޖަވާބުކަން ރަނގަޅަށް އަހަރެމެން ދެނެތިބީމެވެ. ދެން ބިމަށް ﷲގެ ޙުކުމްފުޅު އަންނާނެއެވެ. އޭނާ ފިއްތާލުމަށެވެ. ކޮންމެއަކަސް ބިންގަނޑު ދެފަރާތުން އައިސް ޖެހިބާރުވެ އޭނާ ފިއްތާލުމުން އޭނާގެ ދެފަރާތުގެ އަރިކަށީގެ ކަށިތައް އެއްފަރާތުން އަނެއް ފަރާތަށް ހިނގައިދެއެވެ. މިގޮތަށް ޤިޔާމަތާ ހަމައަށް އޭނާ ޢަޛާބު ލިބިލިބި އޮވެއެވެ. (މިޙަދީޘް ރިވާވެގެން ވަނީ މިޝްކަވާތުއެވެ.)

މި ޙަދީޘްތަކުން އެނގި ބަޔާންވެގެންވާ ގޮތުގައި މުއުމިނު އަޅާ ކަށްވަޅުގައި ވާނީ އުފަލާއި ނިޢުމަތުގައެވެ. އޭނާއަށް ލިބިފައިވާ ނިޢުމަތުގެ ބޮޑުކަމުން ނަމާދު ކުރުމުގެ ޚިޔާލު ބޮޑުވިއެވެ. މަލާއިކަތުންގެ ސުވާލަށް ޖަވާބު ދިނުމުގައި ޖެހިލުމަކާ ނުލައި އެކަމާ ކުރިމަތިލީއެވެ. އަދި ތިމާގެ ރަނގަޅު ޙާލު ފެނިފައި އަހުލު ވެރިންނަށް އުފާވެރިކަމުގެ ޚަބަރު ދިނުމަށްޓަކައި ދިޔުމަށް އެދި މަލާއިކަތުންނަށް ދަންނަވައެވެ. އަދި ތިމާގެ ނަތީޖާ ރަނގަޅުކަން ފެނުމުން އުފަލުން ކުރާނެ ކަމެއް ނޭގި އަވަހަށް ޤިޔާމަތްދުވަސް ގެންދެވުމަށް އެދި ﷲއަށް ދެންނެވިއެވެ. ޝައުޤުވެރި ވަނީ އަވަހަށް ސުވަރުގެ ވަނުމަށެވެ.

އިބްރާހީމް ސޫރަތުގެ 27 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާ އަންގަވާފައިވާ ވެއެވެ. ﴿يُثَبِّتُ اللَّـهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ ۖ﴾ މާނައީ: (އީމާން ވެގެންވާ މީހުންނަށް ދުނިޔޭގެ ދިރިއުޅުމުގައްޔާއި އާޚިރަތުގައި ﷲ ހަރުދަނާ ބަހުން (ޝަހާދަތުގެ ދެކަލިމައިން) ވަރުގަދަކަމާއި ސާބިތުކަން ދެއްވައެވެ.)

ﷲގެ ޙަޟްރަތުގައި އަޅުގަނޑުމެން ދުޢާ ކުރަންވީ ކަށްވަޅުގެ ސުވާލުގެ ވަގުތުގައި ސާބިތުކަން ދެއްވުން އެދިއެވެ. ކަށްވަޅަކީ އާޚިރަތުގެ ދަތުރުގެ އެންމެ ފުރަތަމަ މަންޒިލެވެ. އެއިން ސަލާމަތްވެއްޖެ މީހާއަކީ ހަމަކަށަވަރުން ވެސް ބާއްޖަވެރިއެކެވެ. އެކަށްވަޅުގެ ފިތުނައިން ސަލާމަތް ނުވެވިއްޖެ މީހާއަކީ ކަނޑައެޅިގެންވާ އަބާއްޖަވެރިއެކެވެ.

މައްޔިތާ ވަޅުލެވި މީސްތަކުން އެމައްޔިތާއަށް ހެޔޮ ދުޢާ ކުރުމަށް އެތަނުގައި މަޑުކުރާ ވަގުތަކީ ކަށްވަޅުގެ ދެ މަލާއިކަތުން އޭނާ ކުރެން ސުވާލުތައް އަހާ ވަގުތެވެ. އެވަގުތަކީ އޭނާ އެސުވާލުތަކަށް ޖަވާބު ދޭނެ ވަގުތެވެ. ދުނިޔޭގައި ކުރާ ހެޔޮ ޢަމަލު ތަކުގެ ސަބަބުން ތިމާގެ ކަށްވަޅުގެ ޢަޒާބުން މިންޖުވެއެވެ. އަދި ނަމާދާ ދުރުވެއްޖެ މީހާއަށް ކަށްވަޅުގައި އަބާއްޖަވެރިކަަމާ ކުރިމަތިލާން ޖެހޭނެކަން ކަށަވަރެވެ. ﷲ ތަޢާލާ އަޅުގަނޑުމެން އެންމެންނަކީ މުސްލިމުންގެ ގޮތުގައި ދިރިއުޅެ، މުސްލިމުންގެ ގޮތުގައި މަރުވެ، އެއިލާހާ ބައްދަލުވާ ދުވަހު އެތަނުގައި ދާއިމަށް ދެމިތިބޭ ގޮތުގައި ނިޢުމަތުގެ ގޮވަތި ސުވަރުގެއަށް ވަދެވޭ މީހުން ކަމުގައި ލައްވާށިއެވެ. ދުނިޔޭގައްޔާއި ކަށްވަޅުގައި ސާބިތުކަން ދެއްވާށިއެވެ. އާމީން.

 

މަސްދަރު: ނޫރުލް އިސްލާމް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!