ޚަބަރު

ސީލައިފް އައްމަޓީ ހައްޔަރުކުރިކަން އިންޓަޕޯލްއިން އަންގައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓު އެޅުމަށް ހަވާލުކުރި ސީލައިފް ކުންފުނީގެ ވެރިޔާ އަޙްމަދު މޫސާ (އައްމަޓީ) ސްރީލަންކާއިން ހައްޔަރުކޮށްފިއެވެ.

Ads by MWSC

އައްމަޓީ ފިލައިގެން އުޅޭތީ، އޭނާ ހޯދަން 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރެފައި ވެއެވެ.

އިންޓަޕޯލުން މިހާރު ވަނީ އައްމަޓީ ހައްޔަރު ކުރިކަން ދިވެހި ފުލުހުންނަށް އަންގާފައެވެ.

ފުލުހުން މިއަދު ވިދާޅުވީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހައްޔަރު ކުރުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ ވ. ތިނަދޫ، ރެޑް ހައުސް، އަހުމަދު މޫސާ މުހައްމަދު ހައްޔަރު ކޮށްފައިވާ ކަމަށް އިންޓަޕޯލުން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން އިންޓަޕޯލާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އައްމަޓީއަކީ 3،000 ފުލެޓު އެޅުމުގެ މަސައްކަތްކުރަން ހަވާލުކުރުމުން އެތަންތަން ވިއްކުމުގެ ނަމުގައި އެތައް ސަތޭކަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އެތަންތަނުގެ އެއްވެސް މަސައްކަތެއް ނުކޮށް ފިލައިގެން މީހެކެވެ.

މި މައްސަލައިގައި އައްމަޓީގެ ކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކުން ކޯޓުގައި ދައުވާ ކުރުމުން އެ ދައުވާކުރި 203 މީހުންނާއެކު ކޯޓުން ބޭރުގައި ސެޓުލްމެންޓު އެއްބަސްވުމެއް ހަދައި 45 މިލިއަން ރުފިޔާގެ ބަދަލު ކަނޑައަޅައި އެ މީހުންނަށް ސަރުކާރުން ހިންގާ ހައުސިން މަޝްރޫޢުތަކުން ފުލެޓު ގަތުމަށް ފުރުޞަތު ލިބޭ ގޮތަށް މައްސަލަ ނިންމާފައިވެއެވެ. އެޗްޑީސީން މިހާރު ވަނީ ސީލައިފުން ގެއްލުން ލިބުނު ވަރަށް ގިނަ މީހުންނަށް ބަދަލުގެ ގޮތުގައި ފައިސާ ދީފައެވެ. މި ފައިސާ ސީ ލައިފް ކުންފުނިން އަނބުރާ ހޯދާނެ ގޮތަކީ ކޮބައިކަން އަދި އޮތީ ސާފު ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!