ވެންޓިލޭޓަރު މައްސަލައިގައި އިތުރު މައުލޫމާތުތަކެއް ލިބިއްޖެ: ޕީޖީ ޝަމީމް
ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ގެންނަން ހަވާލުކުރި ވެންޓިލޭޓަރުތަކުގެ ޚިޔާނާތާ ގުޅިގެން އިތުރު މައުލޫމާތުތަކެއް ލިބިއްޖެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ޙުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
މިމައްސަލައިގައި ދައުވާ ނުކުރަން ނިންމާ ޕީޖީގެ ފަރާތުން ކޮމިޝަނަށް ފޮނުވި ކަންކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދެކޭގޮތް މިހާރު ވަނީ ޕީޖީ އޮފީހާ ހިއްސާ ކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މިއަދު ޕީޖީ ޝަމީމް ހާޒިރުކުރުން، އެކޮމިޓީގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވެންޓިލޭޓަރުތަކާ ގުޅިގެން ހިިނގި ޚިޔާނާތުގެ މައްސަލަ ދިރާސާ ކުރަމުން އަންނަ ކަމަށާއި މި ހަފްތާ ތެރޭގައި ނުވަތަ އަންނަ ހަފްތާގެ ކުރީކޮޅު މައްސަލައިގައި ގޮތެއް ނިންމާ ކޮމިޓީއާ ހިއްސާ ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެން ދިރާސާ ކުރަމުން މިދަނީ އެ މައްސަލައިގައި ފަހުން ލިބުނު މައުލޫމާތުތައް. ދެން އަޅުގަނޑަށް ފާހަގަ ކުރެވުނު ކަމަކީ ފަހުން ބައިވަރު އިތުރު މައުލޫމާތު ތަކެއް އެބަހުރި ހިއްސާ ކުރައްވާފައި،" ޕީޖީ ޝަމީމް ވިދާޅުވިއެވެ.
މީގެއިތުރުން ޕީޖީ ޝަމީމް ވިދާޅުވީ އެ މައުލޫމާތު ބޭނުންވާ މިންވަރަށް ގުޅުވާލެވޭނީ ކިހިނެތްތޯ ބަލަމުން އަންނަ ކަމަށާއި އެ މަސައްކަތުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލުތައް ހާމަކުރައްވަން މިވަގުތު އުޒުރުވެރިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މިވަގުތު އޭގެ ތަފްސީލުތައް ހާމަކުރަން ތަންކޮޅެއް ދަތި އާންމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުމެއްގައި. އޭގައި ބައިވަރު މީހުން ވެސް އެބަ ހިމެނޭ އެމީހުންނަށް އަޅުގަނޑުމެން ކުރަމުން މިދާ މަސައްކަތް އެނގިއްޖެއްޔާ އެހެން ގޮތަކަށް ވެސް މަސައްކަތް ބައްޓަން ކޮށްލުމުގެ ފުރުސަތު އޮވެދާނެތީ އަޅުގަނޑު އުޒުވެރިވަން އޭގެ ތަފްސީލުތައް ހާމަކުރަން،" ޕީޖީ ޝަމީމް ވިދާޅުވިއެވެ.
ލަދުކޮބައިހޭ