ތިން އަތޮޅެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތިން އަތޮޅެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހަކު ހައްޔަރުކޮށް އެމައްސަލަތައް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
އެ އޮޕަރޭޝަންތައް ހިންގާފައި ވަނީ ހދ. ނޮޅިވަރަމާއި ރ. ދުވާފަރުގެ އިތުރުން ނ. ވެލިދޫގައެވެ.
މަސްތުވާތަކެތީގެ އެ އޮޕަރޭޝަން ތަކުގެ ތެރެއިން ނޮޅިވަރަމުގައި ހިންގި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޓެލިޖެންސާއި ކުޅުދުއްފުށި ޕޮލިސް އަދި ނޮޅިވަރަމް ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މި ފެބުރުވަރީ މަހުގެ 21 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި 31 އަހަރުގެ ދިވެހި ފިރިހެނަކާއި 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައި ވެއެވެ. އަދި އެމީހުން ދިރިއުޅޭ ތަން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ސެލޯފިން ކޮޅު ފެނިފައި ވެއެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެއެވެ.
ވެލިދޫގައި ހިންގި އޮޕަރޭޝަނަކީ ވެލިދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޓެލިޖެންސާއި ވެލިދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި ފެބުރުވަރީ މަހުގެ 21 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ ރަށު ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އަށް ސެލޯފިންކޮޅާއި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
އޭގެ އިތުރުން، މި ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހު ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ ވެސް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އިންޓެލިޖެންސާއި ދުވާފަރު ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 15 ހޮޅިކޮޅު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ދުވާފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހު ގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.