ހއ. މޮޅަދޫ ސްކޫލު ދަރިވަރުންނަށާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފި

ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން އެއަތޮޅު މޮޅަދޫ ސްކޫލުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ފެބްރުއަރީ 18 ން 20 އަށް މޮޅަދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި މޮޅަދޫ ކައުންސިލް އިދާރާއާއި މޮޅަދޫ ސްކޫލު ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރެއިން ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ސެޝަންގައި މޮޅަދޫ ސްކޫލުގެ ގްރޭޑް 7 އިން މަތީ ގްރޭޑްތަކުގައި ތައުލީމު ހާސިލްކުރާ ދަރިވަރުން ބައިވެރިވެފައިވާއިރު، މި ސެޝަންގައި މައުލޫމާތު ދީފައިވަނީ ލިވިންގ ވެލިއުސްއާ ގުޅޭގޮތުންނެވެ.
މޮޅަދޫ ސްކޫލުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ވަނީ ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިން ސަމާލުކަން ދޭންޖެހޭ ކަންކަމާއި ގުޅޭގޮތުން ދެ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ. އަދި މި ދެ ސެޝަނުގެ އިތުރުން ބެލެނިވެރިންނަށް ވަނީ ޓީމް ބިލްޑިންގ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައެވެ.
ތިން ދުވަހުގެ މުއްދަތަށް މޮޅަދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި މޮޅަދޫ ކައުންސިލާއި މޮޅަދޫ ސްކޫލު އަދި ރަށު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ބޮޑު އެއްބާރުލުމެއް ލިބިފައިވެއެވެ.
އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ދަނީ ރަށްރަށުގެ ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިން އަދި އެރަށްރަށުގެ ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ.