ޕީޕީއެމްގެ ކެމްޕެއިން މެނޭޖަރަކަށް މުޢާޒު، ތަރުޖަމާނަކަށް ޑރ.ޚަލީލް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ކެމްޕޭން ޓީމް އިދިކޮޅު ކޯލިޝަނުން އެކުލަވާލައިފިއެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނުން މި ކެމްޕޭންގެ މެނޭޖަރަކަށް ހަމަޖައްސާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު މުޢާޒު މުޙައްމަދު ރަޝީދެވެ. އަދި ޑެޕިޔުޓީ މެނޭޖަރަކަށް ހަމަޖައްސާފައި ވަނީ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަޙުމަދު ރަޝީދެވެ. މި ކެމްޕޭންގައި އިދިކޮޅު ކޮންގްރެސްގެ ތަރުޖަމާނަކީ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ.ޢަބުދުﷲ ޚަލީލެވެ.
އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުން ޖުމްލަ 1200 އަށް ވުރެ ގިނަ ކެނޑިޑޭޓުން ވާދަ ކުރެއެވެ. އޭގެ ތެރޭގައި ހުރިހާ ސިޓީތަކެއްގެ މޭޔަރުންގެ މަޤާމާއި އަތޮޅު ކައުންސިލްތަކުގެ ރައީސުން ވެސް ހިމެނެއެވެ.