ލައިފްސްޓައިލް

ކައްކާ ވީޑިއޯ ބަލާނަމަ ގިނައިން ކާ ހިތްވޭ: ދިރާސާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކެއްކުމުގެ މުބާރާތްތަކާއި ކައްކާ ޝޯވތައް ބެލުމަކީ ގިނަ ބަޔަކު ވަރަށް ޝައުގުވެރިކަމާއެކު ކުރާ ކަމެކެވެ. އެއީ ގިނަ ބަޔަކު ވަރަށް ކުރާ ހިތްވާ ކަމެކެވެ. އަދި މިހާރަކަށް އައިސް ފޭސްބުކް، އިންސްޓަގްރާމް އަދި މިނޫނަސް އެހެނިހެން މީސްމީޑިއާގެ މަންސަތަކުން ކައްކާ ވީޑިއޯ ގިނަ ބަޔަކު ބަލައި އުޅެއެވެ. އެ ކައްކާ އެއްޗެހީގެ ރަހަ އަރު ތެރެއަށް ނުލި ކަމުގައި ވިޔަސް ވީޑިއޯ ބެލުމުން، ހިތްހަމަ ޖެހުން ލިބޭ ކަމަށް އެފަދަ ވީޑިއޯ ބަލާ ފަރާތްތަކުން ބުނެއެވެ.

Ads by STELCO

އެހެން ނަމަވެސް ކައްކާ ވީޑިއޯ ބެލުމަކީ ގިނައިން ކާހިތްވެ ފަލަވުމަށް ވެސް މަގުފަހިވާ ކަމެއް ކަމުގައި ދިރާސާއަކުން މިވަނީ ހާމަވެފައެެވެ.

އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ސުރޭގެ ހޯދުންތެރިންތަކެއް ކުރި މިދިރާސާގައި އެމީހުން ވަނީ ދިރާސާގެ ބައިވެރިންގެ ގާތުގައި ތިން ކަމެއް ކުރުމަށް އެދިފައެވެ. އެއީ "ޗީޒް ވްރެޕް " ތައްޔާރު ކުރާ ވީޑިއޯއެއް ބެލުމަށާއި، އަމިއްލައަށް ޗީޒް ވްރެޕް ދެވޭ އިރުޝާދުތަކާ އެއްގޮތަށް ތައްޔާރުކުރުމުގެ އިތުރުން އެހެންމީހަކު އެއްޗެއްގައި ކުލަ ޖެއްސުމަށްފަހު ތައްޔާރުކުރާ ޗީޒް ވްރެޕް އެއް ކެއުމަށެވެ. 

އެގޮތުން މި ދިރާސާއިން ހާމަވި ގޮތުގައި ކައްކާ ވީޑިއޯ ބެލި މީހުން ވަނީ ކުލަ ޖެއްސުމަށްފަހު ކެއްކި މީހުންނަށް ވުރެ 14 ގުނަ ގިނައިން ޗީޒް ވްރެޕް ކައިފައެވެ. އަދި އަމިއްލައަށް ޗީޒް ވްރެޕް ތައްޔާރުކުރި މީހުން ވަނީ ކުލަޖެއްސި މީހުންނަށް ވުރެ 11 ގުނަ ގިނައިން ކައިފައެވެ. 

މިކަމުން ދިރާސާކުރި ފަރާތްތަކުން ހާމަ ކޮށްދިނީ މަސައްކަތެއް ކުރުމަށްފަހު ކުދި ކާނާ ކެވޭ މިންވަރު މަދުވާނެ ކަމެވެ. އަދި ވީޑިއޯ ބެލި މީހުން ގިނައިން ކެއުމުގެ ސަބަބަކީ އޭގެ ސަބަބުން ކާތަކެއްޗާ މެދު ވިސްނޭގޮތް އިތުރުވުމުން ކަމަށް ވެސް މި ދިރާސާއިން ދައްކައެވެ.

އެހެންކަމުން ދިރާސާކުރާ ފަރާތްތަކުން ވަނީ ހަށިގަނޑަށް ގެއްލުން ހުރި ކާނާ އަށްވުރެ ހަށިގަނޑަށް ފައިދާހުރި ކާތަކެތި ތައްޔާރުކުރާ ވީޑިއޯ ގިނައިން ބެލުމަށް ލަފާ ދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!