ޚަބަރު

އެޗްޕީއޭގެ އެންގުންތަކާ ޚިލާފުވާ މުވައްޒަފުންނަށް ސްޓެލްކޯއިން ފިޔަވަޅު އަޅަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ސްޓެލްކޯ -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންގުންތަކާ ޚިލާފުވެ، އިހުމާލުވުމުގެ ސަބަބުން މުވައްޒަފުން ކޮވިޑް-19 އަށް ފައްސިވެއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

Ads by Hajj Corporation

ސްޓެލްކޯއިން މިއަދު ކުންފުނީގެ މުވައްޒަފުންނަށް ފޮނުވި ސާކިއުލާ އެއްގައި ބުނެފައި ވަނީ އެކުންފުންޏަކީ 24 ގަޑިއިރު ރައްޔިތުންނަށް ޚިދުމަތް ދޭ ކުންފުންޏަކަށް ވުމާއެކު، މުވައްޒަފުން ކޮވިޑް-19 އަށް ސަމާލުކަން ނުދިނުމުގެ ސަބަބުން ކުންފުނީގެ މަސައްކަތްތަކަށް ހުއްޓުމެއް އައިސްފިނަމަ، އެކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް ދިނުމުގައި ދަތިވެދާނެ ފަދަ ހާލަތަކަށް ހިނގައިދާނެތީ އެޗްޕީއޭގެ ޤަވާއިދުތަކާ އެއްގޮތަށް މުވައްޒަފުން އުޅުމަށް ތަކުރާރުކޮށް އަންގަމުންދާ ކަމަށެވެ.

އެހެން ނަމަވެސް ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ވަސީލަތްތައް (މާސްކު އެޅުމާ ގައިދުރުކަމަށް ސަމާލުކަން ދިނުން) ފަދަ ކަންކަމަށް ސަމާލުކަން ނުދޭކަން ސްޓެލްކޯއިން ވަނީ ފާހަގަ ކޮށްފައެވެ.

"އެޗްޕީއޭ ގެ ޤަވާއިދުތަކާ ޚިލާފަށް މަސައްކަތުގެ މާހައުލުގައި މުވައްޒަފުން އުޅެ، ކޮވިޑް-19 އަށް ފައްސިވުމުގެ ސަބަބުން އެހެން މުވައްޒަފުން ކަރަންޓީނު ވާން ޖެހިއްޖެނަމަ، މިކަމުގައި އިހުމާލުވާ ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅު މިކުންފުނިން އަޅަމުން ގެންދާނެ. އަދި ބަލީގެ އަލާމާތް ހުރެއްޖެނަމަ އެޗްއާރް އަދި ފްލޫ މެނޭޖަރަށް އެންގުމަށްފަހު ޓެސްޓު ހަދައި، ނުވަތަ ޑައިރެކްޓް ކޮންޓެކްޓް ވެއްޖެނަމަ ފްލޫ މެނޭޖަރަށް ލަސްނުކޮށް އަންގަން ވާނެ" ސްޓެލްކޯއިން ބުނެފައިވެއެވެ.

މުވައްޒަފުން އޮފީހުގައާއި އޮފީހުން ބޭރުގައި އުޅޭއިރު، ރައްކާތެރިވެ ސަލާމަތްވެ ތިބުމަށްޓަކައި އެޗްޕީއ ގެ ގައިޑްލައިނާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސް ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!