ޚަބަރު

އިންތިޚާބަށްފަހު ރައްޔިތުންނަށް ސަރުކާރާމެދު ޝަކުވާއެއް ނުކުރެވޭނެ: ރައީސް ނަޝީދު

މުޙައްމަދު އަރީޙް ، ދެން އޮންލައިން
ރައްވެހިފަތިސް ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/އެމްޑީޕީ

މިއަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ރައްޔިތުންނަށް ސަރުކާރާމެދު ޝަކުވާއެއް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ލޯންޗްކުރަން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙަށްފަހު ކައުންސިލަށް ބާރުތައް ދީފައިވާ ކަމަށާއި "މި އިންތިޚާބަށްފަހުގައި ރާއްޖޭގެ ރަށްރަށުގެ ރައްޔިތުން ސަރުކާރާ ދޭތެރޭ، ޝަކުވާ ކުރަންވީ، ކުރެވޭނޭ ޖާގައެއް، ކުރާނެ ތަނެއް ނޯންނާނެ." ކަމަށެވެ.

އަދި ޚާރިޖީ ސިޔާސަތުގެ ޝަކުވާ، ނޫނީ އެހެންވެސް ސީދާ ރައްޔިތުންނާ ނުގުޅޭ، މުޅި ޖުމްލަ ރައްޔިތުންނާ ގުޅޭ ކަންކަމުގެ ޝަކުވާ ފިޔަވާ އިތުރު ޝަކުވާތައް އިންތިޚާބަށް ފަހު ކުރަން ޖެހޭނީ ކައުންސިލަަށް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ތިމަންނަ، ބޯފެން، ތިމަންނާ ފާޚާނާ، ތިމަންނާ ރަށުގެ މަގު، ތިމަންނާ ރަށުގެ ވަޒީފާގެ ފުރުސަތު ތިމަންނާ ދަރިންގެ ތަޢުލީމު، ތިމަންނާގެ ބޭސްފަރުވާ، ތިމަންނާގެ ދަތުރުފަތުރު ކުރުން، ތިމަންނާގެ ދިރިއުޅުން، މުޅި ޙަޔާތް ހުއްޓިފައި އޮންނާނީ، ކައުންސިލް ވެރިކަމުގެ ދަށުން"

ރައީސް ނަޝީދުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވެފައި ވަނީ، އެމްޑީޕީގެ ސަރުކާރުން މިފަހަރުގެ ކައުންސިލް އިންތިޚާބަށް ތައްޔާރުވެފައި ވަނީ މުހިންމު ކަންތައްތަކެއް ކުރުމަށް ފަހުގައި ކަމަށާއި އަދި ބާރުތައް ސީދާ ރައްޔިތުންގެ މަންދޫބުންނަށް ދޫކޮށްލުމަށް ފަހުގައި ކަމަށެވެ. އަދި އެމްޑީޕީގެ ކެނޑިޑޭޓުން އެ ނުކުންނަނީ ހުރިހާ ބާރެއް ލިބިގެން ކަމަށް ވެސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

"މިފަހަރު އެމްޑީޕީގެ ކެންޑިޑޭޓުން، 1500 އަށްވުރެ ގިނަ ކެންޑިޑޭޓުން އެ ނުކުންނަނީ ހަގީގަތުގައި ވެސް ދަގަނޑު ދަހަނާ އަޅައިގެން. ހުރިހާ ބާރެއް ލިބިގެން"

ލޯކަލް ކައުންސިލްގެ އިންތިޚާބަށް ފަހު ރައްޔިތުންނަށް ސަރުކާރާ މެދު ޝަކުވާއެއް ނުކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީގެ އިތުރުން މިހާރު ވެސް ކައުންސިލްތަކުގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށް ކަމަށް ފާހަގަ ކޮށްލެވެއެވެ.

އަންނަ މަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ގިނަ އަދަދެއްގެ އެމްޕީޑީއަށް ނިސްބަތްވާ ކެނޑިޑޭޓުން ވާދަ ކުރާއިރު، ކައުންސިލް އިންތިޚާބުގައި ނަން ނެގުމަށް ހުޅުވާލި ފުރުސަތުގައި އެމްޑީޕީގެ 50 މެންބަރަކު ނަން ނަގާފައިވާކަން ވެސް ފާހަގަ ކޮށްލެވެއެވެ.

 

  1. ޢީސަދަރި

    ޙައްތަހާވެސް ކޮސްވާހަކަ. ޙުސް ފުލޯކު
    ޢެއްވެސް ރައްޔިތަކު އަޑުއަހަން ހެޔޮނުވާނެ މިފަދަ މުނާފިޤު ކައްޒާބު ވާހަކަ އަޑުއަހަން.މިހާރު ދެވުނު ބާރުތައް ގިނަކަމުން އިންޑިއާއަށް ދިވެހިރާއްޖެ ވިއްކާ ހަފުސްކޮށްފި. ކައުންސިލް ދީގެން ނުވާނެ.

  2. ލައިލާ

    އެބުނަނީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ރައްޔިތުން ގެންގުލޭނީ އަދަގޮޑި ޖަހައިގެންނޭ ނުވަތަ ފުލިޔަކައްލާ ބަންދުކޮއްގެން ނޭ ނުވަތަ ސަރުކާރާ ދެކޮލައް ފާޑުކިޔާ ޝަކުވާ ކުރާފަރާތް ތަކައް ހަރުކަށިކަން ދައްކާލާނަމޭ