އިދިކޮޅުން ވެސް ނިންމީ މިނިސްޓަރ މަލީހު މަގާމުން ދުރުކުރަން

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލްގެ މައްޗަށް ވެރިކަން ކުރާ އެމްޑީޕީން އިސްވެ ނަގަން ތާވަލް ކޮށްފައިވާ އިތުބާރު ނެތް ކަމުގެ ވޯޓަށް ތާއީދު ކުރަން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕީޖީ ގުރޫޕުން ނިންމައިފިއެވެ.
މިނިސްޓަރ މަލީހުގެ އިތުބާރު ނެތް ކަމަށް ބުނެ 14 މެންބަރުންގެ ސޮޔާއެކު، އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް މަޖިލީހަށް އެެ މައްސަލަ ހުށަހެޅުއްވީ މިމަހުގެ 14 ވަނަ ދުވަހު އެވެ.
މިކަމާ ގުޅޭގޮތުން އިދިކޮޅު ޕީޖީ ގްރޫޕުން މިރޭ ބޭއްވި ބައްދަލުވުމުގައި، މިނިސްޓަރ މަލީހު މަގާމުން ދުރު ކުރުމުގެ މައްސަލާގައި އަމަލު ކުރާނެ ދެ ގޮތެއް ނިންމާފައި ވެއެވެ. އިދިކޮޅުގެ މައިގަނޑު ވިސްނުމަކީ ވެސް މަލީހު މަގާމުން ދުރުކުރުން ކަމަށް ބައްދަލުވުމުގައި ބައިވެރިވި މެންބަރަކު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ މަލީޙްގެ މައްޗަށް އެމްޑީޕީން އިސްވެ ނަގަން ތާވަލްކޮށްފައިވާ އިތުބާރު ނެތް ކަމުގެ ވޯޓަށް އެ ޕާޓީން ތްރީ ލައިން ވިޕެއް ވަނީ ނެރެފައެވެ.