އެކްސިޑެންޓުގައި ހާލު ސީރިއަސްވި އެކަކު ޗާޓަރ ފްލައިޓެއްގައި މާލެ ގެންނަނީ!
ގއ ވިލިނގިލިން ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓުގައި އެންމެ ބޮޑަށް ހާލު ދެރަވި މީހާ ޗާޓަރ ފްލައިޓެއްގައި މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
ވިލިނގިލި ކައުންސިލަރު ހަބީބު ހަސަން “ދެން” އަށް މައުލޫމާތު ދެމުން ވިދާޅުވީ، ހާދިސާގައި އެންމެ ބޮޑަށް ހާލު ދެރަވި ދެމީހުންގެ ތެރެއިން އެކަކު ޗާޓަރ ފްލައިޓެއްގައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުން ދާ ކަމަށާއި އަދި ހާލު ދެރަވި ދެވަނަ މީހާ ގދ ތިނަދޫގެ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
ގއ ވިލިނގިލިން ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި މި ނުރައްކާތެރި ހާދިސާގައި ޖުމުލަ ހަތަރު މީހަކަށް އަނިޔާވެފައި ވާއިރު، ލޯންޗާއި ދޯންޏަށް ވެސް ވަނީ އެކި ވަރުގެ ގެއްލުންތައް ވެފައެވެ.
ގއ.ވިލިނގިލީ ކައުންސިލަރު ހަބީބު ހަސަން "ދެން"އަށް މައުލޫމާތު ދެމުން ވިދާޅުވީ އަނިޔާވެފައި ވަނީ ލޯންޗުގައި ހުރި ދެމީހަކަށާއި ދޯނީގައި ހުރި ދެމީހަކަށް ކަމުގައެވެ. އެގޮތުން ލޯންޗުގައި ފަހަތު ސީޓުގައި އިން މީހާ އާއި ދޯނީގައި ހުރި އެކެއްގެ ހާލު ސީރިއަސް ކަމުގައި އޭނާ ވިދާޅުވިއެވެ.
އިތުރަށް "ދެން"އާ ވާހަަކަ ދައްކަވަމުން މަންޒަރު ދުށް މީހުންނާ ހަވާލާދީ ހަބީބު ބުނީ ދޯނީގައި ޖެހި ލޯންޗު ދިޔައީ ދޯނި މަތިން އަނެއް ފަރާތަށް ކަމުގައެވެ.
އަނިޔާވި މީހުންގެ ތެރެއިން ލޯންޗުގެ ފަހަތު ސީޓުގައި އިން މީހާގެ މޫނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، އޭނާގެ އެސްފިޔަ އާއި ބުމަ ކައިރިން އިރައިގެން ގޮސްފައިވާ ކަމުގައި ހަބީބު ވިދާޅުވިއެވެ. އެމީހާގެ މޫނުން އަދިވެސް ލޭ މަނާ ނުވާ ކަމުގައި ވެސް ހަބީބު ފާހަގަ ކުރެއްވިއެވެ. އަދި ދޯނީގައި ހުރި މީހާގެ އަތް ކޮނޑުހުޅުން ނެއްޓި އެކިތަންތަނުން ބިންދައިގެން ގޮސްފައިވާ ކަމުގައި ވެސް ހަބީބު ވިދާޅުވިއެވެ.
މީގެ އިތުރުން، ލޯންޗު ދުއްވަން އިން ކައްޕި އަށް އެކިވަރުގެ ގެއްލުން ލިބިފައިވި ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމުގައި ހަބީބު ވިދާޅުވިއެވެ. އަދި ދޯނީގައި ހުރި އެކަކުގެ ބޮލުގައި ލަކުޑިގަނޑަކުން ޖެހި ފަޅައިގެން ދިޔަ ކަމުގައި އޭނާ ވިދާޅުވިއެވެ.