އެމްއެންޔޫ ފުރަތަމަ ޓާމުގެ ކިޔެވުން އޮންލައިންކޮށް

މޭ މަހުގެ ނިޔަލަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ކިޔެވުން އޮންލައިން ކޮށްފިއެވެ.
އެމްއެންޔޫގެ ކިޔެވުން އޮންލައިން ކޮށްފައި ވަނީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެމްއެންޔޫގެ އިތުރުން މާލެ ސަރަހައްދުގެ ސްކޫލްތައް ވެސް ވަނީ ބަންދު ކޮށްފައެވެ.
މާލެ ސަރަހައްދުގައި ބަލި ފެތުރެމުންދާ މިންވަރާއި ހާލަތަށް ބަލައި، ބަލި ފެތުރުމުގެ ރިސްކް އަވަހަށް ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ކުރިއަށް އޮތް ދެ ހަފުތާއަށް ސްކޫލުތަކުގެ ހުރިހާ ފިޒިކަލް ކްލާސްތައް ހުއްޓާލެއްވުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
އެމްއެންޔޫއިން ބުނެފައި ވަނީ މޭ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ކޯސްތަކެއް އޮންލައިން ކޮށް ކިޔަވައިދިނުމަށް ނިންމާފައި ވާ ކަމަށެވެ. އޮންލައިންކޮށް ކިޔެވި ނަމަވެސް ކެމްޕަހަށް ގެންގޮސްގެން ކިޔަވަން ޖެހޭ ގަޑިތައް ނެގުމަށާއި މި އަހަރުގެ ފުރަތަމަ ސެމިސްޓާގެ ޓެސްޓް ހަދަން ދާން ޖެހޭނީ އެމްއެންޔޫއަށް ކަމަށް ވެސް ބުނެއެވެ.
އެޗްޕީއޭއިން ބުނާ ގޮތުގައި ބަލި ކޮންޓްރޯލްކޮށް ބަލިޖެހޭ މީހުންގެ އަދަދު ދަށް ކުރެވޭނީ މީހުން އެއް ތަނުން އަނެއް ތަނަށް ދިއުން ވެސް މަދު ކޮށްގެންނެވެ. އަދި މިހާރު އަޅާފައިވާ ފިޔަވަޅުތަކުން ބަލި ފެތުރޭ މިންވަރަށް ބަދަލު އަންނަމުން ނުދާ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަމުން ދާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.