އަންނަ ހުކުރު ދުވަހު ވެސް އިދިކޮޅުން މުޒާހަރާ ކުރަނީ

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އަންނަ ހުކުރު ދުވްހު ވެސް މުޒާހަރާއެއް ބޭއްވުމަށް ނިންމައިފިއެވެ.
ޕީޕީއެމް/ޕީއެންސީ ގެ ފަރާތުން މިކަން އިއުލާނު ކުރެއްވީ، ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް ހުންނެވި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް އެވެ.
މިދުވަސްވަރަކީ މާލެ ސަރަޙައްދުގައި ހަލުވި ކަމާއެކު އަނެއްކާވެސް ކޮވިޑް-19 ފެތުރެމުން އަންނަ ދުވަސްވަރަކަށް ވާތީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެކި ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން 10 މީހުންނަށް ވުރެ އިތުރަށް އެއްވެ ނޫޅުމަށާއި ޖަލްސާތައް ނުބޭއްވުން ވެސް އޭގެ ތެރޭގައި ހިމެނެއެވެ.
ނަމަވެސް މި އެންގުން ތަކާއި ޚިލާފަށް، އިދިކޮޅުން މުޒާހަރާ ކުރަމުން އަންނާތީ ފުލުހުން ވަނީ އެފަދަ ކަންކަން ހުއްޓުވައި އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.