ރިޕޯޓް

ހަގީގީ ހާދިސާ:"އަހަރެން ޖިންސީ ގޯނާގެ ޝިކާރައަކަށް ވުމުންވެސް އާއިލާއިން އަޅާނުލީ އަހަރެންނަކީ ފިރިހެންކުއްޖަކަށް ވާތީ"

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މި ވާހަކައަކީ ވެސް ހަމަ މި ކުޑަކުޑަ ދިވެހިރާއްޖޭގައި ހިނގާފައިވާ ހަގިގީ ހާދިސާއެކެވެ. އަޅުގަނޑުމެންގެ މި މުޖުތަމައުގައި ވެސް ޖިންސީ ގޮނާގެ ޝިކާރަކަށް އަންހެން ކުދިން އަދި ފިރިހެން ކުދިންވެސް ވަމުންދާކަމީ ފެންނަން އޮތް ހަގީގަތެކެވެ. މި ވާހަކަތައް ސިއްރު ކުރެވިފައި ހުންނަނީ ތިމާގެ އަގު ނުވަތަ އާއިލާގެ އަގު ވެއްޓިދާނެތީއެވެ. މިފަދަ ހާދިސާ ތައް އާއިލާތަކުގައި ވަރަށް ގިނައިން ހިނގައެވެ. އާއިލާގެ އަގު ވައްޓާނުލުމަށް ގިނަ ފަހަރަށް އާއިލާގެ ތެރޭގައި މައްސަލަ އޮއްބާލަނީއެވެ.

Ads by STELCO

މި ވާހަކަ އަކީ ދިވެހި ފިރިހެން ކުއްޖަކަށް ދިމާވެފައިވާ ހާދިސާއެކެވެ. ކުއްޖާގެ ރައްކާތެރިކަމަށް ޓަކައި "ދެން" އިން ކުއްޖާގެ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރާނެއެވެ.

"އަހަރެން އަބަދުވެސް އަހަރެންގެ ބޮޑުދައިތަގެ ގެއަށް ގޮސް އުޅެމެވެ. އެއީ އަހަރެންގެ ދެބެންގެ ދެދަރި ކުދިންނާއެކު ކުޅެ ސަކަރާތް ޖެހުމުގެ ބޭނުމުގައެވެ. އޭރު އަހަރެންގެ އުމުރަކީ އެންމެ 9 އަހަރެވެ. އަހަރެމެންނާއެކު ކުޅެ ސަކަރާތް ޖަހަން އުޅޭނީ އަހަރެންގެ ދެބެންގެ ދެދަރި ކުދިންނެވެ. އެކުދިންގެ ތެރެއިން އެންމެ ބޮޑު އަންހެން ކުއްޖާގެ އުމުރަކީ 16 އަހަރެވެ.

އޭނާ އަހަރެންނާ ދިމާލަށް ވަރަށް ގިނައިން ބަލާކަން އަހަރެންނަށް ފާހަގަ ކުރެވެން ފެށިއެވެ. އަހަރެންގެ ޅަ ސިކުނޑިއަށް ވިސްނުނީ އަހަރެންނާ ދިމާލަށް އޭނާ އެ ބަލަނީ އަހަރެންނަކީ ކުޑަ ކުއްޖަކަށް ވުމުން ކަމުގައެވެ. އަހަރެންނަށް ކަމެއް ވެދާނެތީ އަހަރެންގެ ރައްކާތެރިކަމަށް ޓަކައި އަހަރެންނާ ދިމާލަށް ބަލަނީ ކަމުގައި އަހަރެން ހީކުރީމެވެ.

ދުވަސްތައް ތަކުރާރުވަމުން ދެއެވެ. އެދުވަހަކީ ވެސް އަހަރެން ބޮޑުދައިތަގެ ގެއަށް ކުޅެން ދިޔަ ދުވަސް ތަކުގެ ތެރެއިން ދުވަހެކެވެ. އޭނާ އަހަރެންގެ ކައިރިއަށް އެދުވަހު އައިސް އޭނާއާ އެކު ކުޅިވަރެއް ކުޅެން އައުމަށް ދައުވަތު ދިނެވެ. އަހަރެން އެއްވެސް ދެކޮޅު ހެދުމަކާ ނުލައި އިޖާބަދިނީ އޭނާގެ ނުބައި ނިޔަތް ނޭނގޭތީއެވެ. ނޫނީ އެނގޭ ވަރަށް ވުރެ އަހަރެންގެ ސިކުނޑި ޅައީ ކަމުގައިވެސް ވެދާނެއެވެ.

ކޮންމެއަކަސް އޭނާ އަހަރެންގެ ގާތުގައި "ސެލޫން ގޭމް" ކުޅެން ހިނގާށޭ ބުންޏެވެ. އަދި ސެލޫން ގޭމް ކުޅުމަށް ޓަކައި ކަމަށް ބުނެ އަހަރެންގެ ގައިގެ ވަށައިގެން ފޮތިގަނޑެއް އޭނާ އަޅާލިއެވެ. ބޯކޮށާ ތަންތަނުގައި ވެސް ކަންކުރާ ގޮތަށެވެ. އެއަށް ފަހު އަހަރެންގެ ބޯކޮށަނީ ކަމަށް އޭނާ ހަދަން ފެށިއެވެ. އަހަރެމެން ދެކުދިން ދިޔައީ ކުޅެ ސަކަރާތް ޖަހަމުންނެވެ. ނަމަވެސް އެކަން ބަދަލުކޮށްލީ އޭނާގެ އަސްލު މަގުސަދު ހާސިލު ކުރުމަށް އޭނާ މަސައްކަތް ފެށި ހިސާބުންނެވެ. އޭނާގެ އަތުން އަހަރެންގެ ލަދުވެތި ގުނަވަނުގައި އޭނާ ހިފިއެވެ. އަދި އަހަރެންގެ ލަދުވެތި ގުނަވަނުގައި އަތްލާ ހަދަމުން ގެންދިޔައެވެ. އަހަރެން ތިކުރަނީ ކީއްހޭ އަހާލުމުން އޭނާ ޖަވާބުގައި ބުނީ ހުރިހާ އަންހެންކުދިންވެސް ފިރިހެން ކުދިންނަށް އެހެން ހަދާނެ ކަމުގައެވެ. އަދި އެއީ މާބޮޑު ކަމެއް ނޫން ކަމަށް އޭނާ އަހަރެންނަށް ވިސްނައިދޭން އުޅުނެވެ.

އޭނާ ހިތްހަމަ ޖެހުމުން އަހަރެންގެ ގާތުގައި އޭނާގެ ބޯކޮށައިދިނުމަށް އޭނާ ބުންޏެވެ. އަދި އޭނާ ފުރުސަތުގެ ބޭނުންހިފައި އަހަރެންގެ އަތް ގެންގޮސް އޭނާގެ ޖިންސުގެ ތެރެއަށް ލައި އޭނާގެ ލަދުވެތި ގުނަވަނުގައި އަހަރެންގެ އަތް ޖެއްސުވިއެވެ. އަހަރެން ވަރަށް ހިތްހަމަ ނުޖެހުނެވެ. އަދި އޭނާގެ އަތް ފޮޅުވާލުމަށް ފަހު އަހަރެން ގޮސް އިނީ ސިޓިންގް ރޫމުގައެވެ. ނަމަވެސް އޭނާ އައިސް އަހަރެންގެ ގާތުގައި އިށީންދެގެން އިނެވެ.

އޭގެ ފަހުން އަހަރެންނަށް އެފަދަ އެތައް ކަމަކާ ކުރިމަތި ލާން ޖެހުނެވެ. އަހަރެން ބޭނުން ނުވިކަމުގައި ވިޔަސް އަހަރެންގެ ލަދުވެތި ގުނަވަނުގައި އަތްލައި އޭނާ ދިޔައީ އޭނާގެ އެދުންތައް ފުއްދަމުންނެވެ. އަދި ހަމަ އެހެންމެ އޭނާގެ ލަދުވެތި ގުނަވަންތަކުގައި އަހަރެން ލައްވާ އަތްލުމަކީ ވެސް އޭނާ ކުރާކަމެކެވެ.

މިކަންތައްތަކާ ކެތް ނުވެގެން އަހަރެން މިކަންތައްތައް ހިނގަމުންދާތާ 6 މަސަ ފަހުން އަހަރެން މިވާހަކަތައް އެ އަންހެން ކުއްޖާގެ އެއްބަނޑު އެއްބަފާ ބޭބެ ގާތުގައި ކިޔައިދިނީމެވެ.އެ ބޭބެ އަކީ އަހަރެންނަށް ވަރަށް ރަނގަޅު ވަރަށް ގާތް ބޭބެ އަކަށް ވާތީއެވެ. އަދި އަހަރެންގެ ބޮޑުދައިތަގެ ގާތުގައި އެ ބޭބެ އެވާހަކަ ތައް ހިއްސާ ކުރިއެވެ. ނަމަވެސް ބޮޑުދައިތަ އަށް އެކަން މާ ބޮޑު ކަމަކަށް ނުވިއެވެ. އަހަރެން ފިރިހެން ކުއްޖަކަށް ވީމައެވެ. ބޮޑުދައިތަ ބުނީ އަހަރެންނަކީ ފިރިހެން ކުއްޖެއް ކަމަށާއި އެއީ މާ ބޮޑު މައްސަލައެއް ނޫން ކަމުގައެވެ.

އަހަރެން ހަގީގަތުގައި ވެސް ވަރަށް މާޔޫސް ވިއެވެ. އެހާ ހިތްވަރުކޮށްފައި މީހަކަށް އެވާހަކަތައް ކިޔައިދިނުމުންވެސް ބޭނުންވި ފަދަ ނަތީޖާއެއް ނުލިބުމުންނެވެ.

އަދި މި ނިމުނީއެއް ނޫނެވެ. އަހަރެންގެ އުމުރުން 10 އަހަރުގައި އަހަރެން ބާލިޣުވިއެވެ. އާދައިގެ މަތިން އަހަރެން ބޮޑުދައިތަގެ ގެއަށް ކުޅެން ދިޔަ ދުވަހެކެވެ. އަހަރެންގެ އެ ދެބެންގެ ދެދަރި ދައްތަ ހުރީ އޭނާގެ އެކުވެރިއަކާ ވެސް އެކުގައެވެ. އަދި އެދެމީހުންވެގެން އަހަރެންގެ ލަދުވެތި ގުނަވަނުގައި އަތްލާ އެމީހުންގެ އެދުން ފުރިހަމަ ވަންދެން އެކުރާ ކަމެއް ކުރިއެވެ. އަހަރެން ހަޅޭ ލަވަން އުޅުމުން އަހަރެންގެ އަނގައަށް ފޮތިގަނޑެއް އެމީހުން ކޮއްޕިއެވެ. އެހެން ކަމުން އަހަންނަށް ހަޅޭ ލެވޭ ގޮތެއް ވެސް ނުވިއެވެ. އެދުވަސް ވެސް ނިމިގެން ދިޔައީއެވެ.

ދުވަހަކަށް ވުރެ ދުވަހެއް އެމީހުންގެ އަމަލުތައް ދިޔައީ ގިނަ ވަމުންނެވެ. ކުރަމުން ދިޔަ ކަންތައްތައް ދިޔައީ ތަފާތު ވަމުންނެވެ. އެއްދުވަހަކު އެދެމީހުން އަހަރެން ވާގަނޑަކުން އެއްސިއެވެ. އަދި ކުރިއެކޭވެސް އެއްގޮތަށް އަހަރެންނަށް ހަޅޭ ނުލެވޭނެހެން އަހަރެންގެ އަނގައަށް ފޮތިގަނޑެއް ކޮއްޕިއެވެ. އަދި އެ ދެމީހުން އަހަރެން ރޭޕް ކުރިއެވެ. ކުޅެން ގެންގުޅޭ ބުދެއްހެން އަހަރެން އެމީހުން އަހަރެން ބޭނުންކޮށްލި އިރު އަހަރެން އޮތީ އެހީއަކަށް ބޭނުންވާ ހާލު ގޮތް ހުސްވެފައެވެ.

އެމީހުން ބޭނުންވާ ކަންތައް ވެ ނިމުމުން އޭނާ އަހަރެންނަށް އިންޒާރެއް ދިނެވެ. އެއްވެސް މީހަކު ގާތުގައި އަހަރެން އެވާހަކަ ބުނެފިނަމަ އަހަރެން ސަލާމަތް ނުވާނެ ކަމުގައެވެ. އަދި އެހެން ބުނުމަށް ފަހު އަހަރެންގެ ކުރިމަތިފަރާތުގައި އޭނާ ދަތްއަޅައި ތަދުވާ ވަރަށް ހިފިއެވެ. އަހަރެންނަށް ހަގީގަތުގައިވެސް ވަރަށް ތަދުވިއެވެ.

އަހަރެން މިވާހަކަތައް ކިޔާދިނީ ހަމައެކަނި އަހަރެން ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖާ އަށެވެ. އަދި އެކަންތައްތައް ހަނދާން ނައްތާލުމަށް އޭނާ އަހަރެންނަށް އެހީތެރިވެދެއެވެ. ނަމަވެސް އެ ހިތި ދުވަސް ތައް އަހަރެންގެ ހިތުގައި އިއްޔެ ވީ ކަމެއް ހެން މިއަދުވެސް ހަރުލާފައި ހުރެއެވެ. ގަބޫލުކުރަން ދަތިވި ކަމުގައި ވިޔަސް މިއީ އަހަރެންގެ ވާހަކައެވެ"

މިވާހަކަ އަޑު އިވުމުން އަޅުގަނޑުވެސް ބަސް ހުސްވިއެވެ. ފިރިހެން ކުއްޖަކަށް ވުމުން ޖިންސީ ގޯނާގެ ޝިކާރައަށް ނުވާންވީ ކީއްވެގެން ތޯއެވެ؟ އެމީހެއްގެ ރުހުމަކާ ނުލައި އެމީހެއްގެ ގައިގައި އިނގިލި ޖައްސާލެވިގެންވެސް ނުވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ. އެއީ ފިރިހެނެއް ކަމުގައި ވިޔަސް އަދި އަންހެނެއް ކަމުގައި ވިޔަސް މެއެވެ.

އަންހެނުންގެ ހައްގުތަކާމެދު ވަކާލާތު ކުރަމުންދާ މިދުވަސްވަރުގައި ފިރިހެނުންގެ ވެސް އިހްސާސްތަކެއް ވާކަން މަދު ބަޔަކު ނަމަވެސް ހަނދާން ނެތުނީ ބާވައެވެ؟

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!