ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ގޮވާލާ އިދިކޮޅުން ގަރާރެއް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް ގޮވާލާ އިދިކޮޅުން މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ އިދިކޮޅު ކޯލިޝަންގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.
ގަރާރު ހުށަހަޅުއްވައި ދެއްކި ވާހަކަފުޅުގައި އާދަމް ޝަރީފް ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމާއި ރާއްޖޭން ސޮއި ކޮށްފައިވާ ބައިނަލްއަޤުވާމީ މުޢާޙަދާތަކާއި، ތަންފީޒުކުރަން ޖެހޭ ޤާނޫނުތަކާއި ޤަވާޢިދުތައް ތަންފީޒު ކުރުން މިހާރަށްވުރެ ހަރުދަނާ ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ.
ގާނޫނުގައި ބުނާގޮތަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުންނަނީ ކޮންކަހަލަ ނުކުޅެދުންތެރިކަމެއް ކަމާއި އަދި އޭގެ ތަފްސީލް އެނގޭފަދަ ދަފްތަރެއް މިހާތަނަށް އެކުލަވާލެވިފައި ނެތް ކަން ފާހަގަ ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ އެފަރާތްތަކަށް ރައްކާތެރިކަން ހޯދައި ދިނުމަށް އެކަށޭނަ ހޭލުންތެރި ޕްރޮގްރާމްތައް ނުހިންގުމުގެ ސަބަބުން އެތައް ތަކުލީފުތަކަކާއި އިޢާދަ ނުކުރެވޭވަރުގެ ގެއްލުންތައް ލިބެމުންދާ ކަމަށެވެ.
މީގެ އިތުރުން ކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ވިލަރެސްކުރުން އެއް މުއައްސަސާއަކުން ބެލެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއްކަމުގައި ޤަބޫލު ކުރެއްވޭތީ އެކަންކަން ރަނގަޅު ކުރުމަށް އާދަމް ޝަރީފް ވަނީ ސަރުކާރަށް ގޮވާލާފައެވެ.