ޚަބަރު

"މަގޭ ރާއްޖެ-މަގޭ ވޯޓު ރުކަށް" ނަމުގައި އިދިކޮޅުން ކެމްޕެއިން އަލުން ފަށަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

"މަގޭ ރާއްޖެ-މަގޭ ވޯޓު ރުކަށް" ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ކައުންސިލް އިންތިހާބު ކެމްޕޭން އަލުން ފެށުމަށް ތައްޔާރު ވެއްޖެއެވެ.

Ads by Sosun Fihaara
ޕީޕީއެމް/ޕީއެންސީ އިންތިހާބު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޯލިޝަނުގެ ކެމްޕޭން މެނޭޖަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ، މި ރުކަށް ވޯޓު ދީގެން ނޫނީ މި ރާއްޖެ ސަލާމާތް ކުރެވޭނެ އެއްވެސް ގޮތެއް ނެތްކަމަށެވެ.
"އަޅުގަނޑުމެން އެދޭ ރާއްޖެ، މަގޭ ރާއްޖެ ހާސިލުކުުރުމަށް އެންމެގެ ވޯޓުވެސް އެބަ ޖެހޭ ރުކަށް ދޭން. މި ރުކަށް ވޯޓު ދީގެން ނޫނީ މި ރާއްޖެ ސަލާމާތް ކުރެވޭނެ އެއްވެސް ގޮތެއް ނެތް،" މުއާޒު ވިދާޅުވި އެވެ.
އިންތިހާބުގައި ހަމަހަމަކާމާއެކު ކެމްޕޭން ކުރުމުގެ ފުރުސަތު ނެތް ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. މިކަން މުއާޒު ފާހަގަކޮށްފައިވާއިރު ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމުގައި، ކެނޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ނުލިބޭނަމަ އިންތިހާބު ނުބާއްވާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އިތުރަށް މުއާޒު ވިދާޅުވީ، އަލުން ކެމްޕޭން ފަށާ ޖަލްސާ އަންނަ ހޮނިހިރު ދުވަހުގެ ރޭ އެޕާޓީ އޮފީހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ޖަލްސާގައި ރައްޔިތުންނަށް ދޭން ބޭނުންވާ ވަަރަށް މުހިންމު ވާހަކަތައް ހިއްސާކުރާނެ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހު 10 ވަނަ ދުވަހުއެވެ. އިންތިހާބު ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދާކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދީފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!