ޙައްޖަށް އެހެން ޤައުމުތަކުން މީހުން ބައިވެރިވެވޭނެ ކަމުގެ ޔަޤީން ކަމެއް އަދި ނުދޭ، އެކަމަކު ޙައްޖު ކުރެވޭނީ ވެކްސިން ޖަހާފައިތިބޭ މީހުންނަށް

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް އެހެން ޤައުމުތަކުގެ މީހުންނަށް ބައިވެރިވެވޭނެ ކަމުގެ ޔަގީންކަން ސައުދީ ޢަރަބިޔާއިން އަދިވެސް ނުދެއެވެ.
ބޭރުގެ ބައެއް ރިޕޯޓުތަކުން ބުނާ ގޮތުގައި، ޙައްޖުގެ އަޅުކަން އަދާކުރަން ދިޔުމުގެ ކުރިން، ޙައްޖާޖީން ތިބެން ވާނީ ކޮވިޑް-19 އިން ރައްކާތެރި ވުމަށް ވެކްސިން ޖަހައިގެން ކަމަށް ސައުދީ ސަރުކާރުން ބުނެފައިވެއެވެ.
ސައުދީ ހެލްތު މިނިސްޓަރ ތައުފީޤް އަލް-ރާބިއާ ވިދާޅުވީ، މިއަހަރުގެ ޖުލައި މަހު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ދިޔުމުގެ ކުރިން ޙައްޖާޖީން ކޮވިޑަށް ރައްކާތެރިވުމުގެ ވެކްސިން ޖެހުމަކީ މަޖުބޫރުކަމެއް ކަމަށެވެ.
އަލް-ރާބިއާ މިހެން ވިދާޅުވި ނަމަވެސް، އެހެން ޤައުމުތަކުގެ މީހުންނަށް މިއަހަރު ޙައްޖަށް ދެވޭނެ ކަމެއް ނުވަތަ ނޫން ކަމެއް އޭނާ ޔަގީން ކޮށްދެއްވާފައެއް ނުވެއެވެ.
އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން ޙައްޖުގެ މަތިވެރި އަޅުކަމަކީ އޭގެން އެއް ރުކުނެވެ. އެގޮތުން ސިއްޙީ ގޮތުންނާއި މާލީގޮތުން ކެރި ކުޅަދާނަ ވެގެންވާ ކޮންމެ މީހެއްގެ އުމުރުން އެއް ފަހަރު ޙައްޖުގެ އަޅުކަން އަދާކުރުން ފަރްޟު ވެގެން ވެއެވެ.
މީގެ ކުރިން އަހަރުތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 2.5 މިލިއަނެއްހާ މީހުން ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވިއެވެ.
ނަމަވެސް ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ނިމިދިޔަ 2020 ވަނަ އަހަރު ސައުދީ ސަރުކާރުން ވަނީ، ޙައްޖަށް ދެވޭ މީހުންގެ އަދަދު މަދުކޮށް، ހަމައެކަނި ސައުދީ އަރަބިއާގެ ރައްޔިތުންނާއި އެ ޤައުމުގައި ދިރިއުޅޭ މީހުންނަށް އެކަނި ޙައްޖުގައި ބައިވެރިވެވޭ ގޮތް ހަދާފައެވެ.