ރާއްޖޭ ކުޅިވަރު

މާފަރުގެ ޒުވާނުންނަށް ހުޅުވާލައިގެން ފޯރިގަދަ ފުޓްސަލް މުބާރާތެއް ބާއްވަނީ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މާފަރުގެ ކްލަބެއް ކަމަށްވާ ކްލަބް މެދު ސިޓީއިން އިސް ނަގައިގެން "ޒަންޑަ ހަނާރާ ފުޓްސަލްކަޕް 2021"ގެ ނަމުގައި އެރަށުގެ ޒުވާނުންނަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

Ads by Sosun Fihaara

މި މުބާރާތަކީ މާފަރުގެ ފުޓްސަލް އަށް ލޯބިކުރާ ހުރިހާ ފަރާތްތަކަށް ހުޅުވައިލައިގެން ކުރިއަށް ގެންދާ މުބާރާތަކަށްވާއިރު މި މުބާރާތުގައި 6 ޓީމު ބައިވެރިވެފައިވާ ކަމަށް މުބާރާތް އިންތިޒާމު ކުރާ ފަރާތުން މައުލޫމާތު ދެއެވެ. އެ ޓީމްތަކަކީ ބްލޯ ކިންގް، ކްލަބް މެދު ސިޓީ، ބްލޯ ނިއު ޖަނަރޭޝަން، ނައިންޓީ ސިކްސް ހެޕީ ކްލަބް، ލަޕުލްގާ އަދި ކޭންކޭން ސްޕޯޓްސް ކްލަބެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މާފަރުގެ އެކި ކަންކަމުގައި އިސްނަގައިގެން މަސައްކަތްކުރާ ޒުވާނެއް ކަމަށްވާ ޒަހީން އަބްދުﷲއެވެ. އަދި މި މުބާރާތުގެ ކޯ ސްޕޮންސާ އަކީ މާފަރުގެ ކްލަބެއް ކަމަށްވާ "ބުއްލާރު" އެވެ. މީޑިއާ ސްޕޮންސަރަކީ "ދެން އެމްވީ" އެވެ. އަދި ފޮޓޯގްރަފީ ޕާރޓްނަރަކީ "ދި އައިލެންޑް ފޮޓޯގްރަފީ" އެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ދުވަހަކަށް ބަހާލައިގެންނެވެ. އެގޮތުން މި މަހުގެ 5 ވަނަ ދުވަހާއި 6 ވަނަ ދުވަހު މި މުބާރާތް ކުރިއަށް ގެންގޮސް ނިންމާލާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމަކާއި ޓްރޮފީއެއް ދެވޭނެއެވެ. އަދި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނާއި މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ ހޮވުމަށް ނިންމާފައިވާއިރު މި މުބާރާތުގައި "މާފަރު ފުޓްސަލް ކިންގް" ވެސް ހޮވިގެން ދާނެއެވެ.

މި މުބާރާތަށް ނޫނު އަތޮޅުގައި ފުޓްސަލްގެ މޮޅެތި އެތައް ކުޅުންތެރިންނެއް ފެނިގެން ދާނެ ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި މުބާރާތް ވެގެން ދާނީ މާފަރުގައި ފުޓްސަލްގެ ފޯރި އިތުރަށް ގަދަ ކޮށްދޭނެ ކުޅިވަރަކަށެވެ.

މިއީ "ހަނާރާ ފުޓްސަލް ކަޕް"ގެ ނަމުގައި ކްލަބް މެދުސިޓީ އިން ބާއްވާ ދެވަނަ މުބާރާތެވެ."ހަނާރާ ފުޓްސަލްކަޕް" އަކީ ކްލަބް މެދު ސިޓީ އިން އެންމެ ފުރަތަމަ 2014 ވަނަ އަހަރު ބޭއްވި މުބާރާތެކެވެެ. އެއީ މާފަރުގައި އެންމެ ފުރަތަމަ ބޭއްވުނު ފުޓްސަލް މުބާރާތް ކަމަށްވާއިރު އެ އަހަރު ވެސް މުބާރާތް ވަނީ ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

ނ.މާފަރަކީ ފުޓްބޯޅައިގައި ނަން މަޝްހޫރު ރަށެކެވެ. މާފަރަށް އުފަން އެތައް ކުޅުންތެރިންނެއް ރާއްޖޭގެ ގައުމީ ޓީމުތަކަށް ވެސް އެކިފަހަރު މަތިން ކުޅެފައިވާއިރު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ސާފް ޗެމްޕިއަންޝިޕް ނެގި ދެ ފަހަރު ވެސް ޓީމުގެ ކެޕްޓަންކަމުގައި ތިބީ މާފަރުގެ ދެ ކުޅުންތެރިންނެވެ. އަދި މާފަރުގައި މިހާރު ވެސް ހުނަރުވެރި ޒުވާން ގިނަ ކުޅުންތެރިންތަކެއް އުޅޭކަން ފާހަގަ ކުރެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!