ރިޕޯޓް

މަސައްކަތްތަކަށް މަގުތައް ބަންދުކުރުން: ބަންދު ކުރަނީ އެންމެ އެކަށީގެންވާ ވަގުތުގައިތަ؟

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ރަސްމީ ގަޑީގައި މަޖީދީ މަގު ބަންދު ކޮށްފައި -- ދެން އިމޭޖްސް/ އިބްރާހިމް ޝަމްވީލް

ރާއްޖޭގެ އެކި ހިސާބުތަކުން އެތައް ހާސް މީހުނެއް ހިޖުރަކޮށް ދިރިއުޅޭ ރާއްޖޭގެ ވެރި ރަށް މާލެ އަކީ ކޮންކްރިޓް ޖަންގައްޔެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެއެވެ. މާލޭގެ މަތިން ފޮޓޯއެއް ނަގައިފިނަމަ ފެންނާނީ ހުސް އިމާރާތް ކަމަށް ވާތީއެވެ. އަދި އެހާ ގިނަ ބަޔަކު މިހާ ކުޑަކުޑަ ތަނެއްގައި ދިިރިއުޅެން ވުމުން، މި ފުރަ މާލޭގެ މަގުތައް ގިނަ ފަހަރަށް އޮންނަނީ ތޮއްޖެހިފައެވެ. އަބަދުވެސް މާލޭގެ މަގުތަކަކީ ބާރު ބޮޑު މަގުތަކެއްކަން އެންމެން ވެސް ދަނެއެވެ.

Ads by STELCO

މާލޭގެ ކޮންމެވެސް ހިސާބެއްގައި ކޮންމެވެސް މަސައްކަތެއް ނުކުރާ ދުވަހެއް އަބަދުވެސް މަދުވާނެއެެވެ. ސަބަބަކީ މާލޭގެ އެކި ހިސާބު ތަކުގައި އިމާރާތް ކުރުމުގެ މަސައްކަތް އަބަދުވެސް ކުރަމުން އަންނާތީއެވެ. ކޮންމެއަކަސް މިއީ މާލޭގައި ދިރިއުޅޭ އެއްވެސް ރައްޔިތަކަށް އައު ކަމެއް ނޫނެވެ. އަދި މާލޭގެ އެއްވެސް ރައްޔިތަކަށް މިކަމުގެ ސަބަބުން މާ ބޮޑު އުނދަގޫ ތަކެއް ވެސް ފޯރާ ކަމެއް ނޫނެވެ. ސަބަބަކީ އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރާނީ ސައިޓްތަކުގެ އެތެރޭގައި ކަމަށްވާތީއެވެެ.

އިމާރާތް ކުރުމުގެ މަސައްކަތުގެ ތެރެއިން ބައެއް ފަހަރަށް ފައުންޑޭޝަން އެޅުމުގެ މަސައްކަތް މަގު ބަންދު ކޮށްގެން ކުރާ މަންޒަރު ފެނެއެވެ. އަދި މި ނޫން ވެސް ބައެއް މަސައްކަތްތައް ބޮޑެތި ވެހިކަލްތައް ވައްދައި މަގު ބަންދު ކޮށްގެން ކުރާތީ ވެސް ފެނެއެވެ. މީގެ ކުރިން އެކަންތައްތައް ކުރަމުން އައީ ރޭގަނޑުގެ ވަގުތު ތަކުގައެވެ. ގިނަ ފަހަރަށް ބާރައިގެ ފަހުން ދަންވަރުގެ ވަގުތުތަކުގައެވެ.

މީގެ ކުރިން ދަންވަރު މިފަދަ މަސައްކަތްތައް ކުރަމުން އައި ކަމުގައި ވިޔަސް މިއަދު މަންޒަރު ބަދަލު ވެއްޖެއެވެ. މިއަދު މަގު ބަންދު ކުރާކަށް ވަގުތެއް ވަގުތެއް ނޯވެއެވެ. ހެނދުނު ހެނދުނާ މީހުން އޮފީހަށް ދާ ވަގުތުގައި ވެސް މަގު ބަންދު ކުރަނީއެވެ. އެކަމުގެ ސަބަބުން މުޅި މަގުމައްޗަށް ހިރަފުސް އަރާފައިވާ މަންޒަރު ވެސް ފެނެއެވެ.

މިކަމާ ގުޅިގެން ވާ ދަތިތަކާ ގުޅޭގޮތުން ބައެއް އާންމުންނާ ސުވާލު ކޮށްލީމެވެ. އެގޮތުން ނަން ނުޖެހުމަށް ޝަރުތުކޮށް މެދު އުމުރުގެ ފިރިހެނަކު ބުނީ މިކަމުގެ ސަބަބުން ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި ދަރިފުޅު ސުކޫލަށް ލާން ދާ ވަގުތުތަކުގައި މަގު ބަންދު ކޮށްފައި އޮންނާތީ ބައެއް ފަހަރަށް ވަރަށް ބޮޑަށް ލަސްވެ ގަޑިޖެހޭ ފަހުން ވެސް ސުކޫލަށް ދަރިފުޅު ގެންދެވޭ ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

"ކޮންމެ ފަހަރަކު ގަޑި ޖެހުމުގެ 20 މިނެޓު ކުރިން ގެއިން ނުނިކުންނާނެ ދޯ އެކަކު ވެސް. އެހެންވީމަ ލަސްވެގެން ދާ ދުވަސް ދުވަހު މަޖީދީ މަގު ކަހަލަ ބޮޑެތި މަގުތައް ބަންދު ކޮށްފަ އޮންނާތީ ވަރަށް އުނދަގޫވޭ. ބައެއް ދުވަސް ދުވަހު ދަރިފުޅު ގަޑިޖެހިގެން ސުކޫލަށް ވެސް ލެވެނީ"

"ދެން"އާ ވާހަކަ ދައްކަމުން ސަރުކާރު ވަޒީފާއެއްގައި އުޅޭ ޒުވާނަކު ބުނީ މަގުތައް ބަންދު ކޮށްފައި އޮންނާތީ އޮފީހަށް ދާ ވަގުތު މަގުތައް ވަރަށް ބޮޑަށް ތޮއް ޖެހިފައި އޮންނަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އޮފީހަށް ދާން ޖެހޭ "ރޫޓް" ދިގުވާ ކަމަށާއި އެކަމުގެ ސަބަބުން ޑިއުޓީއަށް ދެވޭލެއް ލަސްވާ ކަމުގައި އޭނާ ފާހަގަ ކުރިއެވެ. އަދި މީގެ ކުރިން މަސައްކަތްތަކަށް މަގު ބަންދު ކުރަނީ ރޭގަނޑުުގެ ވަގުތުތަކުގައި ކަމަށާއި އެގޮތް މާ ރަނގަޅު ކަމުގައި އޭނާ ބުންޏެވެ.

ރަސްމީ ގަޑީގައި މަޖީދީ މަގު ބަންދު ކޮށްފައި -- ދެން އިމޭޖްސް/ އިބްރާހިމް ޝަމްވީލް

މިކަމާ ގުޅިގެން އެންމެ ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭ އެއްބަޔަކީ ޓެކްސީ ޑްރައިވަރުންނެވެ. އެގޮތުން މާލޭގައި ކާރު ޓެކްސީ ދުއްވުމުގެ މަސައްކަތް ކުރާތާ 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ޑްރައިވަރަކު "ދެން"އާ ވާހަކަ ދައްކަމުން ބުނީ މަގުތައް ބަންދު ކޮށްފައި އޮންނާތީ ގުޅައިގެން ދާ ދަތުރުތަކަށް ވަރަށް ލަސްވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކަސްޓަމަރުންގެ ގިނަ ޝަކުވާތަކާ ކުރިމަތިލާން ޖެހޭ ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

މައްސަލައާ ގުޅިގެން ސިޓީ ކައުންސިލްގެ ބަސް

މި މައްސަލައާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަހްމަދު ނިޔާޒު ވިދާޅުވީ މަގުތައް ބަންދު ކުރުމާ ގުޅިގެން ސިޓީ ކައުންސިލަށް ވެސް ގިނަ ޝަކުވާތަކެއް ލިބެމުން އަންނަ ކަމަށެވެ. އަދި މީގެ ކުރިން ރޭގަނޑު މަސައްކަތްތައް ކުރިއަށް ދާއިރު ވެސް ގެތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ނިދަން އުނދަގޫ ވާތީ އާއި އަދި އެހެނިހެން ޝަކުވާތައް ވެސް ސިޓީ ކައުންސިލަށް ލިބޭ ކަމުގައި އޭނާ ފާހަގަ ކުރިއެެވެ.

އިތުރަށް "ދެން"އާ ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ މަގުތަކުގައި ދުވާލުގެ ވަގުތުތަކުގައި މަސައްކަތް ކުރަން އެންމެ ފުރަތަމަ ހުއްދަ ދޭން ފެށީ ފުރަބަންދުގެ ހާލަތުގައި ކަމަށެވެ. އަދި އެ ދުވަސްވަރަކީ ސުކޫލްތަކާއި ސަރުކާރު އިދާރާތައް ބަންދު ކޮށްފައިވާ ދުވަސްވަރެއް ކަމުން އެގޮތަށް ކައުންސިލުން ނިންމީ ކަމުގައި އޭނާ ވިދާޅުވިއެވެ.

އޭގެ ފަހުން އަނެއްކާވެސް ފުރަަބަންދު އުވާލާ އައު އާންމު ހާލަތަށް އައުމުން ރޭގަނޑު މަގުތައް ބަންދު ކުރަން ނިންމި ކަމަށާއި ނަމަވެސް ފަހުން އަނެއްކާވެސް އެޗްޕީއޭގެ ފިޔަވަޅުތަކާއެކު ރޭގަނޑުގެ ވަގުތުތަކުގައި ވެހިކަލް ނުދުއްވޭ ގޮތަށް ނިންމުމުން އަދި ކާފިއު ވަގުތު ކަނޑައެޅުމުން އަނެއްކާވެސް ދުވާލަށް މަސައްކަތް ކުރުމުގެ ހުއްދަ ދޭން ނިންމީ ކަމުގައި ނިޔާޒް ފާހަަގަ ކުރެއްވިއެވެ.

މި ދުވަސްވަރު ސިޓީ ކައުންސިލަށް ވެސް ގިނަ ޝަކުވާތަކެއް ދުވާލުގެ ވަގުތުގައި މަގުތައް ބަންދު ކުރާތީ އަންނަ ކަމަށާއި ނަމަވެސް މިހާލަތުގައި އިތުރު ގޮތެއް ނެތް ކަމުގައި އޭނާ ފާހަގަ ކުރިއެވެ. ސަބަބަކީ ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރާ ފަރާތްތަކަކީ ގިނަ ވެހިކަލްތަކެއް ގެންގުޅޭ ބަޔަކަށް ވާތީ އިރުއޮއްސި ހައެއްގެ ފަހުން ދުއްވާ އެއްޗެހި ދުއްވުން މަނާ ކޮށްފައި ވާތީއެވެ. އަދި އަނެއްކާ ވެސް އާންމު ހާލަތަކަށް ބަދަލުވާއިރަށް ރޭގަނޑަށް މަސައްކަތްތައް ބަދަލު ކުރުމަށް ކަނޑައަޅާނެ ކަމުގައި ވެސް އޭނާ ފާހަގަ ކުރިއެވެ.

ދުވާލުގެ ވަގުތެއްގައި މަގު ބަންދުކޮށް މަސައްކަތް ކުރަނީ -- ދެން އިމޭޖްސް/ އިބްރާހިމް ޝަމްވީލް

މަގުތައް ބަންދު ކުރުމުގެ އެއް ދުވަސް ކުރިން ސިޓީ ކައުންސިލްގެ ޓްވީޓާ އަދި ފޭސްބުކްގައި ބަންދުކުރާނެ މަގުތަކާއި ބަންދުކުރާ ވަގުތުތައް ހާމަ ކުރަމުން ގެންދާ ކަމުގައި ވެސް ނިޔާޒު އިތުރަށް ފާހަގަ ކުރިއެވެ.

މި މައްސަލައާ ގުޅިގެން މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ކުރީގެ ހައުސިން މިނިސްޓަރ މުޙައްމަދު މުއިއްޒު ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އާންމުކޮށް ހުޅުވާލައިގެން އޮންލައިންކޮށް މުއިއްޒު މިހާރު ބާއްވަމުން ގެންދަވާ ބައްދަލުވުންތަކުގެ ތެރެއިން މިދިޔަ ހަފްތާގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވީ މާލޭގައި ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅުއްވާއިރު ކޮންމެ ގަޑިއެއްގައި މަގު ބަންދު ކުރި ނަމަވެސް އާންމުންނަށް އުނދަގޫ ވާނެ ކަމަށާއި އެހެންކަމުން މަގު ބަންދު ކުރަން ޖެހޭނީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތެއްގައެވެ.

"އެކަމުގައި އެންމެ މަދު ބަޔަކަށް ތަކްލީފްވާ ގަޑިއަކަށް ބަލަން ޖެހޭނީ ، އޮފީހާއި ސުކޫލްގަޑިތަކުގައި މަގުތައް ބަންދު ކުރުމުން ގިނަ ބަޔަކަށް އުނދަގޫވޭ" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނު މަގާމަށް އިންތިޚާބު ވެއްޖެނަމަ ބަންދުކުރާ މަގުތަކާއި ގަޑިތައް އާންމުކޮށް ފަސޭހައިން އެނގޭނެ ގޮތް ހައްދަވާނެ ކަމަށެވެ. އެގޮތުން މޯބައިލް އެޕްލިކޭޝަނެއް އެކަމަށް ބޭނުން ކުރައްވާނެ ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!