އީވޯޓިން ބޭނުންކޮށްފި ނަމަ، ދިވެހީން ނަތީޖާ ގަބޫލެއް ނުކުރާނެ: ފުއާދު
ރާއްޖޭގައި އީވޯޓިން ނިޒާމު ބޭނުން ކޮށްގެން އިލެކްޝަން ބާއްވައިފިނަމަ، ދިވެހިން އެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ ދިވެހިންނަކީ ކުރިމަތީގައި ވޯތު ކަރުދާސްކޮޅު ދައްކައިގެން ވޯޓު ގުނުމުން ވެސް މައްސަލަ ޖައްސާ ބައެއް ކަމަށާއި އިލެކްޓްރޯނިކް ވޯޓިން ބާއްވައިފިނަމަ ދިވެހީން އެ އިންތިހާބެއްގެ ނަތީޖާ ގަބޫލެއް ނުކުރާނެ ކަމަށެވެ.
"އިލްކްޓްރޯނިކް ވޯޓިން ބާއްވައިފިއްޔާ ކިހިނެއްތޯ ވާނީ، އެ ބޭފުޅުންނަކަށް ދައްކާނެ ކަރުދާސްކޮޅެއް ނެތް. އަދި ކަރުދާސްކޮޅެއް ދެއްކިޔަސް ގަބޫލެއް ނުކުރައްވާނެ. އެހެންވެއްޖެއަކާ ނަތީޖާ ގަބޫލެއް ނުކުރައްވާނެ ދިވެހީންނެއް،" ފުއާދު ވިދާޅުވިއެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި އީސީއިން ވަނީ ރާއްޖެއަށް އީ-ވޯޓިން ތައާރަފްކުރަން މަސައްކަތްކޮށް އެކަމަށް ދިރާސާތަކެއް ވެސް ކޮށްފައެވެ.
ނަމަވެސް އީވޯޓިންއަކީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް އެހާ އެކަށޭނަ ނިޒާމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް، 2019 ވަނަ އަހަރުގެ ޖުލައި މަހު އީސީގެ ރައީސް އަހްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގެ ބައެއް ގައުމުތަކުގައި ވަނީ ބަލި ފެތުރުން ފެތުރުން ކުޑަ ކުރުމަށް އީވޯޓިން ބޭނުން ކުރަން ފަށާފައެވެ.