ބުރިޖްގައި އެކްސިޑެންޓް ހިނގީ ކާރެއްގެ އިންޖީނު ހޫނުވެގެން މަޑުކުރުމުން

4 ކާރާ ޕިކަޕެއް ޖެހި މާލެ ބްރިޖް މަތިން ހިނގި އެކްސިޑެންޓް ހިނގާފައި ވަނީ، ކާރެއްގެ އިންޖީނު ހޫނު ވެގެން މަޑުކުރުމުން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ދުއްވާފައި ދިޔަ ކާރެއްގެ އިންޖީނު ހޫނުވެގެން އެއް ފަރާތަކަށް މަޑުކުރީ ސިގްނަލް ވެސް ދިނުމަށް ފަހު ކަމަށެވެ. އަދި ފަހަތުން އައި އުޅަނދުތަކެއް މަޑު ކޮށްފައި އޮތް ކާރުގައި ޖެހި އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އިތުރަށް ބުނެފައި ވަނީ، ހުރިހާ އުޅަނދުތައް ދުއްވަން ތިބި މީހުންގެ އަތުގައި ލައިސަންސް އޮތް ކަމަށެވެ.
މިމައްސަލަ ފުލުހުން މިހާރު އިތުރަށް ދަނީ ތަޙްޤީޤް ކުރަމުންނެވެ. މިއަދު ހިނގި އެކްސިޑެންޓްގައި ހަތަރު ކާރާއި ޕިކަޕެއް ޖެހި އެ ހުރިހާ އުޅަނދުތަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. ނަމަވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.