ޚަބަރު

ވެކްސިން 2 ޑޯޒް ފުރިހަމަ ކުރުމަށްފަހު ކަރަންޓީންވާން ނުޖެހޭ އުސޫލު އަދި ކަނޑައެއް ނާޅަން: އެޗްޕީއޭ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރާ ފަރާތްތަކަށް ކަރަންޓީނަކާ ނުލާ ދަތުރު ކުރެވޭނެ އުސޫލެއް އަދި ކަނޑަނާޅާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭ(އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.

މިގޮތަށް އެޗްޕީއޭއިން ހާމަ ކޮށްފައި ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން، އިލެކްޝަން ކޮމިޝަން އަދި އެޗްޕީއޭއާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ.އަޙްމަދު ޝަހީދު އެވެ. ޝަހީދު މިހެން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބަށް ދެވަނަ ދޯޒް ވެކްސިން ދީ ދަތުރުފަތުރު ކުރުމުގައި ކަރަންޓީން ނުވެ ވާނެ ގޮތެއް އޮތްތޯ އިލެކްޝަނުން ކުރިމަތި ކުރުވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ޝަހީދު ވިދާޅުވީ، ދެވަނަ ޑޯޒް ޖެހުމަށް ފަހުގައި ވެސް ވެކްސިންއާއެކު ލިބެން ޖެހޭ ފުރިހަމަ ރައްކާތެރިކަން ލިބެނީ އިތުރު 2 ހަފްތާގެ ފަހުން ކަމަށާއި ވެކްސިނުގެ 2 ޑޯޒްގެ ދެމެދުގައި 8 ހަފްތާގެ ދޭން ޖެހޭ ކަމަށެވެ. އަދި މިއީ ވެކްސިންގެ ބާރު އެންމެ ވަރުގަދަ ކުރުމަށް ވެކްސިންގެ ދެވަނަ ޑޯޒް ދޭން ޖެހޭ މުއްދަތު ކަމަށްވެސް ޝަހީދު ވިދާޅުވިއެވެ.

"ވެކްސިންއާއެކު ދަތުރުފަތުރު ކުރުމުގައި ލުއިތަކެއް ދެވޭނެތޯއާ، މިކަންތައްތަކަކީ އަދި ޑިސްކަޝަންސްތަކެއް ހިިނގަމުންދާ ކަންތައްތަކެއް އެއަށްފަހު ކޮންކަހަލަ ލުއި ތަކެއްތޯ ދެވޭނީއާމެދު (އެއީ) އަދި އަޅުގަނޑުމެން ޑިސްކަސް ކުރަމުންދާ ކަންތައްތަކެއް މިވަގުތު" ޝަހީދު ވިދާޅުވިއެވެ.

ޝަހީދު އިތުރަށް ވިދާޅުވީ، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށްފަހު ދަތުރުފަތުރު ކުރުމަށް ލުއި ދިނުމުގެ ކުރިން އިތުރު ކަންކަމަށް ވިސްނަން ޖެހޭ ކަމަށާއި މުޅި ރާއްޖޭގެ ވަކި އާބާދީއަކަށް ވެކްސިންގެ ދެވަނަ ޑޯޒް ދެވިފައި އޮންނަަން ޖެހޭނެ ކަމަށެވެ.

ދާދި ފަހުން ހެލްތް މިނިސްޓަރ ޑރ.އަޙްމަދު ނަސީމް ވަނީ ދެވަނަ ވެކްސިން ޑޯޒާއެކު، ކަރަންޓީން ނުވެ ދަތުރު ކުރެވޭނެ އުސޫލެއް ޤާއިމް ކުރުމުގެ މަަސައްކަތް ކުރިޔަށްދާ ކަމަށް ވިދާޅުވެފައެވެ. އަދި ވެކްސިން ޖެހި މީހުން އަންގައިދޭން ވެކްސިން ޕާސްޕޯޓެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ވެސް އޭރު މިނިސްޓަރ ވިދާޅުވިއެވެ.

Ads by HDC
  1. ކިނބޫ

    2 ޑޯޒް ހަމަކޮށްފަ، 18 އަހަރު ނުފުރޭ ދަރިންކޮޅާއި މާބަނޑު އަނބިމީހާ ކަރަންޓީނުވާން ޖެހޭތީ ބައިތިއްބާފަ މަމިދަނީ ޗުއްޓީއަށް ފުރަން.
    އަޅެ މޮޅު ވާހަކަ ދައްކައެއްނު.