ކޮލަމް

އަހަރެން ވޯޓް ދޭނީ ކާކަށް؟

މުހައްމަދު ލަތީފް ، ދެން އޮންލައިން
މިދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓް ކަރުދާސް

ޑިމޮކްރަސީއޭ، އަޣުލަބިއްޔަތޭ، ރައްޔިތުމީހާއޭ، ގާނޫނު އަސާސީއޭ ޕާޓީއޭ ބުނުމުން އެއީ ކޯއްޗެއްކަން ނޭނގޭނެ ކުޑަކުއްޖަކު ވެސް މިހާރު މިދިވެހި މުޖުތަމަޢުގައި ނުހުންނާނެޔޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ޒަމާނާއި ހާލަތު ބަދަލުވެގެން އައި އައުން މިވީ ފަރުދުންނަށް އެތައް ގޮތަކުން އަސަރުތަކެއް ވެރިކުރުވި ކަމަކަށެވެ. ހެޔޮ ރަނގަޅު އަސަރެވެ. ނުބައި ނޭދެވޭ އަސަރެވެ. ތެދެއްމެއެވެ. ބަދަލަކީ ގޮންޖެހުމެކެވެ. ފުރުސަތެކެވެ. އެއްވެސް ހާލެއްގައި ބިރެއް ނޫނެވެ.

Ads by STELCO

މިއަދު އެންމެ ބާރުކޮށް އިވޭ އަޑަކީ ސިޔާސީ ޕާޓީތަކާ ގުޅިގެން އިވޭ އަޑުތަކެވެ. ޚާއްޞަކޮށް މިދުވަސްވަރު އެންމެ ފޯރީގައި ދެކެވޭ ވާހަކައަކީ ބޯމަތިވަމުން އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވާހަކައެވެ.

ތެދެކެވެ. ކޮންމެ އިންތިޚާބަކީވެސް ތަފާތު ނަތީޖާ ތަކެއް ގެނުވާނޭ އިންތިޚާބެކެވެ. އިންތިޚާބުގެ ނަތީޖާއާ ގުޅިގެން އެއްބަޔަކަށް ހިނިތުންވުން ގެނުވާއިރު އަނެއްބައެއްގެ މޫނު މައްޗަށް މާޔޫސީ ވެރިކުރުވައެވެ.

ލޯކަލް ކައުންސިލު އިންތިޚާބް ކުރިމަތިވަމުން އަންނަ އިރު ލޯކަލް ގަވަރމެންޓް ނިޒާމާއި ކައުންސިލްތަކުގެ ދައުރާ ބެހޭގޮތުން ދިވެހިން ތިބީ ރޯ ފިލާފައި ހެއްޔެވެ. އިންތިޚާބުގައި ޕާޓީތަކުންނާއި އަމިއްލަގޮތުން ވާދަކުރުމަށް ނިކުންނަ ކެންޑިޑޭޓުންގެ ތެރެއިން ވޯޓް ދޭނީ ކޮންބަޔަކަށް ކަމާ މެދު އެއްވެސް ވަރަކަށް ފިކުރު ކޮށްލީމު ހެއްޔެވެ. ދަންނަވަން މިއުޅެނީ މީގެ ދެއަހަރެއްހައި ދުވަސްކުރީން ބޭއްވުނު ރިޔާސީ އިންތިޚާބާއި މަޖިލީހުގެ އިންތިޚާބުގެ ނަތީޖާތައް ނިކުތީ މިހިނދަށް ގައުމަށް އެންމެ ފައިދާ ކުރަނިވި ގޮތަށްތޯއެވެ. އެއްބަޔަކު ރައީސްމީހާ ކަމުނުދެޔޭ ބުނާއިރު އަނެއްބަޔަކު މަޖިލީހުގެ ތިއްބެވި މެމްބަރުންނަކީ އެކަމަށް ކުފޫ ހަމަނުވާ ބަޔެކޭ ބުނަމުން އެދަނީ ހަމަ ހަޤީގަތުގައިވެސް އެކަން އެމަގުން ހުރީމާ ހެއްޔެވެ؟ އެފަރާތްތައް ކަމުނުދިޔަ ކަމުގައި ވިޔަސް އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ކޮންބައެއްތޯއެވެ. ރައީސްތޯއެވެ؟ މަޖިލީހުގެ މެމްބަރު ތޯއެވެ؟ ނުވަތަ އެފަރާތްތަކަށް ވޯޓް ދެއްވި ފަރުދުންތޯއެވެ؟

ފޯރިގަދަ ރިޔާސީ އިންތިޚާބަކަށް ދިވެހިން ކުރިމަތިލީ އެއްބަޔަކަށް ބިރާއި، ވޭނާއި އަނިޔާ އިންތިހާއަށް ތަހައްމަލު ކުރާންޖެހި ތިބެއެވެ. ހަމައެހެންމެ ވާދަވެރި ދެފުށް ފެންނަ އިންތިޚާބެއް ތަޖުރިބާ ކުރަން ލިބިދާނެ ކަމާމެދު އެކި ފަރާތްތަކުން ޢުންމީދު ގެއްލިފައި ވަނިކޮށެވެ. އެހެނަސް ރިޔާސީ އިންތިޚާބާ ވިދިގެން އައި މަޖިލީހުގެ އިންތިޚާބު ދިވެހިންނަށް ކުރިމަތިވީ މިދެންނެވި ރިޔާސީ އިންތިޚާބުގެ ތަޖުރިބާއާއެކުގައެވެ. މިއަދު ކުރިމަތީގައި މިވަނީ އެ ދެ އިންތިޚާބުގެ ތަޖުރިބާގައި ވޯޓް ދެއްވަން ޖެހޭ ލޯކަލް ކައުންސިލް އިންތިޚާބެވެ. ލޯކަލް ކައުންސިލް އިންތިޚާބަކީ އިދާރީގޮތުން ވަކި ކުރެވިފައިވާ ރަށްރަށާއި އަތޮޅުތައް ޤާނޫނުގެ ތަރަހައިގެ ތެރެއިން ބާރު ލިބިގެން ހިންގުމަށްޓަކައި، ކޮންމެ ސިޓީއަކަށް އަދި ކޮންމެ ރަށަކަށް ވެސް (ކަނޑައެޅިފައިވާ) ވަކި ޢަދަދަކަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބެކެވެ.

އެނގިވަޑައިގަންނަވާތޯއެވެ. ލޯކަލް ކައުންސިލްތަކުގެ ތަޖުރިބާ ދިވެހިންނަށް މިހާރު އާ ނުވި ކަމުގައި ވިޔަސް، ކުރިމަތި މިލާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ ތަފާތު އާތަޖުރިބާތަކެއް ކުރާންޖެހޭނެ އިންތިޚާބެކެވެ. އެއީ ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާހުތަކާއެކު މިހާރު މިވަނީ އަތޮޅު ކައުންސިލްތައް އެކުލެވޭ ގޮތާއި ކައުންސިލްތަކުގެ އުމުރާއި ސިޓީ އަދި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލުތަކުގެ މޭޔަރުންނާއި ރައީސުން ހޮވާގޮތް ވެސް ބަދަލު ކުރެވިފައެވެ.

މީގެ އިހުގައި އަތޮޅު ކައުންސިލްތައް އެކުލަވާލެވެނީ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިޚާބުކުރާ ކޮންމެ ދާއިރާއެއް ތަމްސީލު ވާގޮތަށް އިދާރީ ދާއިރާތަކުގެ އުސޫލުން ކޮންމެ ދާއިރާއަކަށް މެމްބަރަކު ނަގައިގެންނެވެ. އެހެން ނަމަވެސް މިހާރު އަތޮޅު ކައުންސިލްތައް ތަމްސީލު ކުރާނީ އަތޮޅު ކައުންސިލްގެ ރައީސާއި ކޮންމެ ރަށު ކައުންސިލެއްގެ ރައީސް ހިމެނޭ ގޮތަށެވެ.

ކައުންސިލްތަކުގެ މޭޔަރުންނާއި ރައީސުން ހޮވާން މިޖެހެނީ އެކަމަށް ކުރިމަތިލާ ފަރާތްތައް އެސިޓީއެއް ނުވަތަ އަތޮޅެއް ނުވަތަ ރަށެއްގެ ރައްޔިތުންގެ މެދުގައި ނަގާ ސީދާ ވޯޓަކުންނެވެ.  މީގެ ކުރިން މޭޔަރުންނާއި ރައީސުން ހޮވަމުން އައީ ކައުންސިލަށް އިންތިޚާބުކުރެވޭ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ވިސްނަވާށެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި އަޅުގަނޑުމެން މި އިންތިޚާބު ކުރަނީ އަޅުގަނޑުމެންނާ އެންމެގާތުން ޚިދުމަތް ދޭނޭ މީހުންނެވެ. ރަށުގެ ތަރައްގީއާއި އަތޮޅުގެ ތަރައްގީއަށް މަސައްކަތް ކުރާނޭ މީހުންނެވެ.އެހެންކަމުން މިއިންތިޚާބަކީ ރިޔާސީ އިންތިޚާބު ނުވަތަ މަޖިލީހުގެ އިންތިޚާބަށްވުރެ ވެސް މުހިންމު އިންތިޚާބެކޭ ދެންނެވިދާނެއެވެ.އެހެންކަމުން މިއިންތިޚާބުގައި ވޯޓް ދެއްވަވާއިރު އެވޯޓް ދެވެނީ އެންމެ އެކަށީގެންވާ މީހާއަށްތޯ ކަށަވަރު ކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެކެވެ. އާއިލީ ގާތްކަމަކުން ، ތަނަވަސްކަމަކުން ، އަޑުގަދަވެފައި ނުފޫޒު ގަދަވުމަކުން ، ކަމެއްގެ ބަދަލު ދިނުމުގެ ގޮތުން ނުވަތަ ވަކި ޕާޓީއަކުން ނިކުތީތީވެ ، ވަކި މީހަކު ބުނީތީވެ ވޯޓް ދެއްވަން ނުހައްދަވާށެވެ.

ރަށުކައުންސިލަށް ވިސްނާލަމާތޯއެވެ. ކޮންމެ ރަށެއްގައި ވެސް އެކުލަވާލެވޭ ރަށު ކައުންސިލަކީ އެރަށެއްގެ އިޖުތިމާޢީ ފޭރާން ހެޔޮކޮށް، ޢުމުރާނީ ތަރައްގީ ގެނުވާ ހުރިހައި މައުނައެއްގައި ވެސް ރަށް ކުރިއެރުވުމުގައި މަސްޢޫލުވާ ފަރާތެވެ. އެހެންކަމުން އެފަދަ މަސްޢޫލިއްޔަތުތަކެއް ބަޔަކާ މަތިކުރާއިރު އެބަޔަކީ އެމަސްޢޫލިއްޔަތުތައް އުފުލޭނޭ ފަދަ ބައެއް ކަމުގައި ވާން ޖެހޭނެއެވެ. ކަންހުރީ މިމަގުން ކަމުގައިވީއިރު ރަށު ކައުންސިލް އިންތިޚާބުގައި ވޯޓް ދެއްވާއިރު އެއިންތިޚާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ޢިލްމީ ޤާބިލުކަމާއި، ތަޖުރިބާއާއި، އުމުރާއި، އަޚުލާގާއި، އިސްނެގުމާއި، ހަރަކާތްތެރިކަމާއި، މީހުންނާއި މުޢާމަލާތު ކުރުމުގެ ހުނަރާއި، ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙު ހުރި މިންވަރެއްގެ މައްޗަށާއި، ރައްޔިތުންނަށް ހުށައަޅާ ހުށައެޅުންތައް ނުވަތަ މެނިފެސްޓޯއަށް ހަމަކޮންމެހެން ވެސް ރިޢާޔަތް ކުރައްވަވަން ޖެހޭނެއެވެ. ހަމަ މިބީދައިން ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި އަތޮޅު ކައުންސިލްތަކަށް ރައީސުން އިންތިޚާބު ކުރައްވަވާއިރު ވެސް އެކަނޑައެޅެނީ ސިޓީއާއި އަތޮޅުގެ މުސްތަޤުބަލު ވިލަރެސްކޮށް ބަލަހައްޓާނެ މަސްޢޫލުވެރިއަކު ކަމުގައި ވިސްނަވަން ވާނެއެވެ. އެހެންކަމުން އިހު މިދެންނެވި ފަދައިން ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް  އިންތިޚާބް ކުރައްވާ މޭޔަރުންނާއި ރައީސުންނަކީ ގާބިލު ބައެއް ކަމުގައި ވާކަށް ނުޖެހޭތޯއެވެ؟ އިހު މިދެންނެވި ކަންކަމަށް ރިޢާޔަތް ކުރެއްވުމެއް ނެތި، މޭޔަރުންނާއި ރައީސުން ހޮއްވަވަން ހެޔޮ ވާނެތޯއެވެ.

ޤަވްމަށް އައިސްފައި މިވާ ބަދަލުތަކާ ގުޅިގެން އިންތިޚާބުތަކާއި އިންތިޚާބު ކުރެވޭ ގޮތާއި ވާދަ ކުރާ ފަރާތްތައް މިވަނީ ބަދަލުވެފައެވެ. އެގޮތުން މިހާރު ކޮންމެ އިންތިޚާބެއްގައި ވެސް އެންމެ ވާދަ ކުރަނީ ޕާޓީތަކުން ނިކުންނަ ކެންޑިޑޭޓުންނެވެ. އެކި ކުލަތަކުން މުޅި ދީބު ޖާރީ ވެފައިވާއިރު ޕާޓީތަކުން ނެރޭ ކެންޑިޑޭޓުންނަކީ ތަޞައްރަފު ފުދިފައިވާ ޤާބިލު ބަޔަކަށް ހެއްދެވުމަކީ ޕާޓީތަކުގެ ވެސް މަސްޢޫލިއްޔަތެކެވެ. ނަމަކަށް ކަމެއްކޮށް ގޮނޑިއަކަށް މީހެއް ނެރުމަކީ ޕާޓީތަކުގެ ހަރުދަނާކަމެއް ނެތްކަމާއި ރައްޔިތުންގެ މުސްތަގުބަލަށް ނުވިސްނަވާކަން ދަލީލު ކޮށްދޭ ކަމެކެވެ. މިއަދު ލޯކަލް ކައުންސިލުތަކުގެ އިންތިޚާބަށް ޕާޓީތަކުން ނެރެފައިވާ ކެންޑިޑޭޓުންނަކީ ނާގާބިލު ބަޔަކަށް ވެއްޖެނަމަ އެހަލާކު ކޮށްލެވެނީ ދިވެހި މުޅި އުންމަތުގެ މުސްތަޤުބަލެވެ. އަދުގެ މަސްރަހު އޮތްގޮތުން މީހާއަށްވުރެ ބޮޑަށް ވޯޓު ދެއްވުމުގައި ފަރުދުން މިބައްލަވަނީ ޕާޓީއަށެވެ. ގިނައީ ޕާޓީގެ ޖާދުލާއި މަސްތުގައި ޖެހިހުރެ ޕާޓީއިން ކޮންމެމީހަކު ނިކުތަސް އެމީހަކަށް ވޯޓް ދެއްވަން ތައްޔާރަށް ތިބި ފަރުދުންނެވެ.

ވޯޓަކީ ފަރުދީ ޙައްގެވެ. ފަރުދުންނަށް ލިބިފައިވާ މިހައްގަކީ މުސްތަގުބަލަށް ފައިދާ ކުރާނޭ ގޮތުގައި ބޭނުން ކުރައްވާ ހައްގަކަށް ހައްދަވާށެވެ. ތިމާއާއި ތިމާގެ ދަރީންނަށާއި ދަރީންގެ ދަރީންގެ ޒާތީ މަސްލަޙަތަށް ވުރެ ބޮޑަށް ރަށަށާއި އަތޮޅަށް އަދި ޤަވްމަށް އެންމެ ފައިދާބޮޑު ގޮތަކަށް މިޙައްގުގެ ބޭނުން ހިއްޕަވާށެވެ.

މިއަދު ދެވޭ ވޯޓަކީ މާދަމާއަށް ޓަކައި ކުރެވޭ އުއްމީދުތަކާއ ގުޅިފައިވާ އެއްޗަކަށް ހައްދަވާށެވެ. ވޯޓަކީ އަމާނާތެއްކަމާއި ކޮންމެ އަމާނަތަކީ އެއާ ގުޅިފައިވާ އެތައް ޙައްޤުތަކެއް ވާ އެއްޗެއްކަން ދަންނާށެވެ. ތިމާއަށް އެންމެ ފައިދާއާއި ލާބަ ހުރީ ތިމާ އެނިސްބަތްވާ މުޖުތަމަޢަކާއި، ރަށާއި އަތޮޅާއި ޤައުމަށް އެންމެ ހެޔޮގޮތް ކަމުގައި ޤަބޫލުފުޅު ކުރައްވާށެވެ. ވޯޓް ދެއްވާނޭ ބަޔަކު ނިންމެވުމުގެ ކުރިން މިކަންކަމާ މެދު ފުންކޮށް ވިސްނަވާ ފިކުރު ކޮށްލައްވާށެވެ.

  1. އަހުމަދު

    ވަރަށް ފުރިހަމައަށް ގެނެސްފައި އޮތް ލިޔުމެއް. ދުވަސްވަރާ ގުޅޭ މުހިންމު ލިޔެމެއް!

  2. ފޫޅުދިގު ހަންޑި

    ދިވެހިން ނުވިސްނާނެ، ހަމަ އެއްޗެއް ލިބޭއިރަށް އެމީޙަކަށް ވޯޓް ދޭނެ، ނުވާނެ އިސްލާހެއް

  3. ދަންނަ ނުދަންނަ

    ތިޔަކަން އޮތީ ތިހެން، އެކަމަކު މަވެސް ވޯޓް ދޭނީ ހަމަ މަގޭ ބޭބެއަށް، ޕާޓީ އަށްވުރެ، އާއިލީ ގުޅުން މުހިންމު