އިންޑިއާގެ ގެރީގެ ކިރާއި އެހެން ގައުމުތަކުގެ ކިރާ ތަފާތެއް ނެތް ކަމަށް އިންޑިއާގެ ސަރުކާރުން ނިންމައިފި
އިންޑިއާގެ ގެރިން އުފައްދާ ކިރުގެ ރީނދޫކަމެއް ހުންނަ ކަމަށާއި އެހެންކަމުން އެ ކިރުގައި ރަން ހުންނަ ކަމަށް އިންޑިއާގެ ބީޖޭޕީ ލީޑަރުން ވިދާޅުވެއްޖެއެވެ.
ބީޖޭޕީ ލީޑަރުންގެ މި ވާހަކަތަކާ ގުޅިގެން ރައްދު ދެއްވަމުން އިންޑިއާގެ ސްޓޭޓް ފޯ ފިޝަރީޒް މިނިސްޓަރު ސަންޖީވް ވިދާޅުވީ، އިންޑިއަން ކައުންސިލް އޮފް އެގްރިކަލްޗަރަލް ރިސާޗް އިން ހާމަ ކޮށްފައިވާ މައުލޫމާތުތަކުން އެނގިފައިވާ ގޮތުގައި އިންޑިއާގެ ގެރިން އުފައްދާ ކިރާއި އެހެން ގައުމުތަކުގެ ގެރިން އުފައްދާ ކިރުގެ އެއްވެސް ތަފާތެއް ވާ ކަން ހާމަ ވެގެންދާ އެއްވެސް ބާރުދޭ ހެއްކެއް ނުވަތަ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ. އަދި އިންޑިއާއިން އުފައްދާ ކިރުގެ ކޮލެޓީ އާއި އެހެން ގައުމުތަކުން އުފައްދާ ކިރުގެ ކޮލެޓީ ހަމަ އެއްގޮތް ހަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އިންޑިއާއިން އުފައްދާ ކިރުގެ ކުލަ ރީނދޫ ޒާތަކަށް ހުރުމުގެ ސަބަބުން ގައުމުގެ ބައެއް އިސް ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި އެ ކިރުގައި ރަން އެކުލެވިގެން ވެއެވެ. އެހެން ނަމަވެސް އިންޑިއާއިން އުފައްދާ ކިރުގައި ރަން ނުހިމެނޭ ކަމަށާއި އެ ކިރުގެ ކުލަ ރީނދޫވެފައި ހުންނަނީ ކީއްވެ ކަމެއް އެނގިފައި ނުވާ ކަމުގައި އިންޑިއާގެ ސްޓޭޓް ފޯ ފިޝަރީޒް ގެ މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އިންޑިއާއަކީ ގެރި ބަކަރި ފަދަ ތަކެތި ގެންގުޅުމުގައި ފާހަގަ ކޮށްލެވޭ ގައުމަކަށް ވެފައިވާއިރު، އެމީހުންނަކީ ގެރިން ކިރު ފެލައިގެން ވަގުތުން ތާޒާ ކަމާއެކު ކިރު ބޯ ބައެއްކަން ވެސް ފާހަގަ ކޮށްލެވެއެވެ.