ޚަބަރު

މުޒާހަރާގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން މާލޭގައި ކޮންމެ ހުކުރު ދުވަހަކު ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން، މިއަދުގެ މުޒާހަރާގައި ބައިވެރިވި ގިނަ އަދަދެއްގެ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެެވެ.

Ads by Sosun Fihaara

ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދުގެ ހުރިހާ މަގެއް 2:30 ހާއިރުން ފަށައިގެން ވަނީ ބަންދު ކުރިއިރު، އެއިރުއްސުރެ ގިނަ އަދަދެއްގެ ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.

ޕީޕީއެމް އޮފީސް ސަރަހައްދަށް އެއްވުމަށް ހުރަސް އެޅުމުން، އިދިކޮޅު ސަޕޯޓަރުން ވަނީ މާލޭގެ ބައެއް އެހެން ހިސާބުތަކަށް އެއްވެ، އަޑު އުފުލާފައެވެ.

މުޒާހަރާއަށް ފުލުހުން ހުރަސް އެޅި ނަމަވެސް މުޒާހަރާ ފެށުމާއެކުހެން ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ހައްޔަރުކުރަން ފަށާފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ގިނައީ އަންހެނުން ކަން ފާހަގަ ކޮށްލެވެއެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާ ކުރަން ނިންމާފައި ވަނީ މާލޭ ސަރަހައްދުގައި 5 މީހުންނަށްވުރެ ގިނަ މީހުން އެއްތަން ނުވުމަށް އަންގާފައި ވަނިކޮށެވެ. ފުލުހުންވަނީ މުޒާހަރާތަަކަކީ ޤާނޫނާ ޚިލާފު މުޒާހަރާތަކެއް ކަމަށް ނިންމާ، މުޒާހަރާ އިންޒާރަކާ ނުލާ ރޫޅާލާނެ ކަމަށް ނިންމާފައެވެ.

އިދިކޮޅު ޕީޕީއެމް އޮފީސް ދޮށުގައި ފުލުހުން ހަރަކާތްތެރިވާތީ އެޕާޓީގެ މަސައްކަތްތަކަށް ހުރަސް އެޅޭ ކަމަށް ބުނެ އިދިކޮޅުން ވަނީ މިއަދު އިލެކްޝަންސް ކޮމިޝަނަށް މައްސަލައެއް ވެސް ހުށަހަޅާފައެވެ.

ޕީޕީއެމްއިން އެކޮމިޝަނަށް ހުށަހެޅި މައްސަލައިގައި ވަނީ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓު ނެގުން އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިންތިޚާބާ ގުޅޭ ގޮތުން ކުރަން ޖެހޭ އިދާރީ މަސައްކަތްތަކާއި އަދި އެހެނިހެން ގިނަ މަސައްކަތްތަކަށް ސަރުކާރުން ހުރަސް އަޅަމުން ގެންދާތީ، އެކަން ހުއްޓުވައިދިނުމަށް އެދޭ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!