ކުޅިވަރު

މާޒިޔާ އިން ދެވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައިފި

ދެން އެމްވީ ، ދެން އޮންލައިން

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ދެވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައިފައެވެ.

Ads by STELCO

މާޒިޔާ އިން ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވަނީ ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު ލީގުގެ ތިންވަނަ ބުރުގެ މެޗުގައި 5-1ގެ ނަތީޖާއަކުން ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށްގެންނެވެ.

މިއީ މާޒިޔާ އިން ލީގު ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. މީގެ ކުރިން މާޒިޔާ އިން ލީގު ޗެމްޕިއަންކަން ހޯދީ 2016 ގައެވެ. މިސީޒަނުގެ ލީގު ޗެމްޕިއަންކަން މާޒިޔާ އިން ކަށަވަރުކޮށްފައިމިވަނީ އެޓީމަށް ބާކީ ތިން މެޗު އޮއްވައެވެ.

މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ 27 ވަނަ މިނެޓުގައި މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ މިނެޓެއްގެ ތެރޭގައި މާޒިޔާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ފޭދޫ އިއްބެއެވެ. އޭގެ ހަތަރު މިނެޓު ފަހުން ގްރީނުން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ގްރީނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަލްސަޔެދް މަހްމޫދެވެ.

މާޒިޔާ އިން ވަނީ މެޗު ނިމުމުގެ ކުރިން ތިން ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ 73 ވަނަ މިނެޓުގައި މާޒިޔާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް އައިސަމްއެވެ. މެޗުގެ 79 ވަނަ މިނެޓުގައި ޖެހި ލަނޑާއި މެޗުގެ 82 ވަނަ މިނެޓުގައި މާޒިޔާ އިން ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

ލީގުގެ އެއްވަނައިގައި އޮތް މާޒިޔާއަށް 18 މެޗުން 47 ޕޮއިންޓް ލިބިފައިވާ އިރު، އީގަލްސްއަށް 17 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. އީގަލްސް އިން ބާކީ ހަތަރު މެޗު ކާމިޔާބުކުރިޔަސް، އެޓީމަށް މާޒިޔާގެ މައްޗަށް ކުރިއެއް ނުހޯދޭނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!